އިނގިރޭސި ޕުރިމިޔަރ ލީގުގައި އާސެނަލްއާއި ފުލަމް ބައްދަލު ކުރި މެޗު އާސެނަލުން ކާމިޔާބުކޮށްފިއެވެ.

މިރޭ ފުލަމް ދަނޑުގައި ކުޅުނު މި މަޗު އާސެނަލުން ކާމިޔާބު ކުރީ 0-3ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގައި ތިން ލަނޑު ފެނިގެން ދިޔަ މި މެޗުގައި އާސެނަލުން ވަނީ އެޓީމުގެ ވަރުގަދަ ކުޅުން ދައްކާލާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދިނީ މެޗުގެ 21ވަނަ މިނެޓުގައި، ލިއެންޑްރޯ ޓްރޮސާޓް ނަގާދިން ކޯނަރު ބޮލުން ގޯލަށް ފޮނުވާލައިގެން މި ލަނޑު ޖަހައިދިނީ ގެބްރިއަލްއެވެ.

ގޯލު ޖެހުމަށްފަހު އާސެނަލގެ ކުޅުން ތެރިން އުފާ ފާޅުކުރަނީ

ފުރަތަމަ ގޯލު ޖަހައިގެން ފަސް މިނެޓު ނުވަނީސް އާސެނަލުން ވަނީ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޖަހަންވެސް އެހީތެރިވެދިނީ ފުރަތަމަ ލަނޑު ޖަހަންވެސް އެހީތެރިވެދިން ލިއެންޑްރޯ ޓްރޮސާޓުއެވެ. މެޗުގެ 25ވަނަ މިނެޓުގައި ފުލަމްގެ ޕެނަލްޓީ އޭރިޔާގެ ކަނަކުން ނަގާދިން މި ބޯޅަ ގޯލަށް ފޮނުވާލައިގެން އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގެބްރިއަލް މާޓިނެލީއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށް ދިނީ މާޓިން އޮޑެގާޑުއެވެ. މި ލަނޑު ކާމިޔާބު ކުރުމުގައިވެސް އެހީތެރިވެދިނީ ފުރަތަމަ ލަނޑާއި ދެވަނަ ލަނޑު ޖަހަން އެހީތެރިވެދިން ލިއެންޑްރޯ ޓްރޮސާޓުއެވެ. މި ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 45މިނެޓު ހަމަ ވެގެން ކުޅުނު އިތުރު ވަގުތުގައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު 27މެޗުން 66 ޕޮއިންޓާއެކު އާސެނަލުން ވަނީ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ލިބިފައި ވަނީ 61 ޕޮއިންޓެވެ. އަދި ތިންވަނައިގައި 50 ޕޮއިންޓާއެކު އޮތީ ތޭރަ ފަހަރު ޕްރިމިޔަރ ލީގު ކާމިޔާބު ކުރި މެންޗެސްޓަރ ޔުނައިޓެޑުއެވެ.