ފީފާ ވޯލްޑް ކަޕުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު 48 އަށް އިތުރު ކުރުމަށް ފީފާއިން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓުތަށް ބުނާގޮތުން ކުރިން ކުޅެމުން ދިޔަ 32 ޓީމުގެ ބަދަލުގައި 48 ޓީމަށް ފުރުސަތު ދިނުމަށް ފީފާއިން ވަނީ ނިންމާފައެވެ. ނަމަވެސް މިކަން އަދި ފީފާއިން އިއުލާނު ކޮށްފައެއް ނުވެއެވެ.

މި މުބާރާތް 39 ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މުޅި ޖުމުލަ 104 މެޗު ކުޅެވޭނެ ކަމަށް ފީފާއިން ވަނީ ބުނެފައެވެ.

ފީފާގެ މި ނިންމުމާއި އެކީ ޓީމުތަށް 12 ގުރޫޕަކަށް ބަހާލާއިރު، ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު އެކުލެވޭނެއެވެ. ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމު ދެވަނަ ބުރަށްދާއިރު، ކުރިޔާ ހިލާފަށް އެންމެ މޮޅު ތިންވަނަ ޓީމުވެސް އަނެއް ބުރަށް ދަތުރު ކުރާނެއެވެ. މީގެ އިތުރުން ކުރިއާ ހިލާފަށް ނޮކްއައުޓް ސްޓޭޖަށް 32 ޓީމު ދަތުރު ކުރާނެއެވެ.

މީޑިއާ ރިޕޯޓުތަށް ބުނާގޮތުން އަންގާރަ ދުވަހު ރަވަންޓާގެ ވެރިރަށް ކިގްއަލިގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ އަހަރީ ކޮންގްރެސްއަށް އެކަން ވަނީ ހުށައަޅާފައެވެ. އަދި ކޮންގްރެސްގެ ތެރެއިން އިއުލާނު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މި ނިންމުން އެގޮތަށް ގޮސްފިނަމަ، މިމުބާރާތް ވެގެން ދާނީ ފީފާ ވޯލްޑް ކަޕު އެންމެ ގިނަދުވަހަށް ކުޅޭ މުބާރާތަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު މުބާރާތަށް ވެސް މި މުބާރާތް ވެގެންދާނެއެވެ.