ފްރާންސް ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަންކަން އެ ގައުމުގެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ކިލިއަން އެމްބާޕޭއާ ހަވާލުކޮށްފިއެވެ.

އެމްބާޕޭ އެ މަގާމަށް ހަމަޖައްސާފައި ވަނީ ފްރާންސްގެ ގައުމީ ޓީމަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް ދިން ކުރީގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޯރިސް ރިޓަޔާވުމުގެ ސަބަބުންނެވެ. ލޯރިސް ރިޓަޔާވެފައިވަނީ 14 އަހަރު ވަންދެން ގައުމީ ޓީމަށް ކެޕްޓަންކަން ކުރުމަށް ފަހުއެވެ.

މި މަގާމަށް މީހަކު ހޮވުމުގައި އެމްބާޕޭގެ އިތުރުން އެތުލެޓިކޯ މެޑްރިޑްއަށް ކުޅެމުންދާ އެންޓޮނިއޯ ގްރީޒްމަންއާ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ ވާހަކަ ދައްކައިފައެވެ. އެމްބާޕޭ އަށް ކެޕްޓަން ކަން ދިން އިރު ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ ގްރީޒްމަން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ ބުރާސްފަތި ދުވަހު ފްރާންސްގެ ކެޕްޓަންކަން އެމްބާޕޭއާ ހަވާލުކުރިކަން ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބޭރުގެ ކުޅިވަރު ހަބަރުތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޑެޝޯމްޕްސް ބުނީ ނިމިދިޔަ ވޯލްޑް ކަޕްގައި އެމްބާޕޭ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާގެ ގާބިލްކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނުއުފެދޭ ކަމަށެވެ.

އެމްބާޕޭ ވަނީ މީގެ ކުރީގައި ބޭއްވުނު ނޭޝަންސް ލީގް ކްލޭޝްގައި ޑެންމާކްއާއި ދެކޮޅަށް ބައްދަލުކުރި މެޗްގައި ފްރާންސްގެ ޓީމްއަށް ކެޕްޓަންކަން ކޮށްދީފައެވެ.

އުމުރުން 24 އަހަރުގެ އެމްބާޕޭ ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިއެވެ. އެގޮތުން، އޭނާ ވަނީ ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް 2022 ގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށްވެ، ރަން ބޫޓް އެވޯޑްވެސް ހާސިލްކޮށްފައެވެ.

ހަމައެއާއެކު، 56 އަހަރަށް ފަހު ވޯލްޑް ކަޕް މެޗްއެއްގައި ފުރަތަމަ ފަހަރަށް ހެޓްރިކްއެއް ހެދި ހަމައެކަނި ކުޅުންތެރިޔަކީވެސް އެމްބާޕޭއެވެ. އަދި އެއަށްފަހު، އޭނާ ކުޅެމުންދާ ކްލަބް ކަމަށްވާ ޕެރިސް ސެއިންޓް ޖަރމަންގައި 201 ގޯލްއާއިއެކު އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށްވެސް ވެފައިއެވެ.

އެމްބާޕޭ ދަނީ ޕެލޭ އަދި ރޮނާލްޑޯ ފަދަ ކުޅުންތެރިން ހަދާފައިވާ ބައެއް ރިކޯޑްތައް މުގުރަމުންނެވެ. އެހެން ކަމުން، ފުޓްބޯޅައިގެ ވަރަށް ގިނަ މާހިރުން ދަނީ އޭނާއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއަށް ވެގެންދާނެ ކަމަށް ބުނަމުންނެވެ.