މިދިޔަ އަހަރު ކުލަބް މޯލްޑިވްސް ކަޕުގެ ފައިނަލް ނިމުނު ފަހުން ހިނގި ހަމަނުޖެހުމާ ގުޅިގެން މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އިބްރާހިމް މުބީން (މުއްކި) ތިން އަހަރަށް ސަސްޕެންޑްކޮށްފިއެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި އެމްޕީއެލް އަތުން 1-2ގެ ނަތީޖާއަކުން ފެނަކަ މޮޅުވި މެޗަށް ފަހު ދަނޑުމަތީގައި މުއްކި އާއި އެމްޕީއެލްގެ އަލީ ހައިޝަމް (ޗުމްޕު) ދެމެދު ހަމަނުޖެހުން ހިނގާފައިވެއެވެ. އަދި މި ހަމަނުޖެހުމާ ގުޅިގެން ޗުމްޕުގެ އަތަށް އަނިޔާވެ ފަރުވާ ހޯދާފައިވެއެވެ.

މިދިޔަ އަހަރުގެ ފައިނަލާއި ކުލަބް މޯލްދިވްސް ކަޕުގައި ހިނގާދިޔަ އެހެން ކަންކަން ބެލުމަށް ފަހު ކުލަބް މޯލްޑިވްސްއިން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މުއްކި ކުޅުނު ފެނަކަ ޓީމު 10,000ރ. އިން ޖޫރިމަނާކޮށްފައިވެއެވެ.

މީގެ އިތުރުން ހަމަނުޖެހުމާ ގުޅިގެން އަލީ ހައިޝަމް 3000ރ. އިން ޖޫރިމަނާކުރި އިރު އެމްޕީއެލް ވަނީ 5000ރ. އިން ޖޫރިމަނާކޮށްފައެވެ. އަދި މީގެ އިތުރުން މިބާރާތުގެ ސެމީފައިނަލުގައި ހިނގި ކުޅިވަރުގެ ރޫހާއި ހިލާފު އަމަލުތަކަށްވެސް ވަނީ ފިޔަވަޅު އަޅައިފައެވެ.

އެގޮތުން ސެމީ ފައިނަލުގައި އެޗްޑީސީގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ފަރާތުން ފެނިގެން ދިޔަ އަމަލުތަށް ބެލުމަށް ފަހު, އެޗްޑީސީ 10,000ރ. އިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އެޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ސިނާން މުހައްމަދު ދެ އަހަރަށް ސަސްޕެންޑްކުރި އިރު އެޓީމުގެ ކުޅުންތެރިޔާ އަބްދުالله ޝާފިއު (ޝާއްޕެ) އެއް މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން 5000ރ. އިން ވަނީ ޖޫރިމަނާކޮށްފައެވެ. މި މެޗުގައި އެޗްޑީސީއިން ފެނަކަ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

މި އަހަރުގެ ކުލަބް މޯލްޑިވްސް ކަޕު މި އަހަރުހެ މޭ މަހުގެ 27 ވަނަ ދުވަހު ފެށުމަށް ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮލި އޮނު

    ވަރަށް ރަނގަޅު ނިންމުމެއް. މޫނަށް ކަނދުރާއަށް ބެލުމެއްނެތި މި ގޮތަށް ފިޔަވަޅު އެޅީމަނޫނީ ކުޅުންތެރިންނާއި ޓީމްތަކުގެ ޑިސިޕްލިން މައްސަލަތައް ޙައްލެއް ނުވާނެ

  2. ހުވަނދު

    ކުލަބް މޯލްޑިވްސް ޒާތީ ވެ ނިމިއްޖެ! ބޮއިކަޓްކޮށް ކްލަބް ލެވެލްގަ އެހެން ފުޓުސަލް މުބާރާތެއް ބާއްވަންވީ. ތި ހިންގާސޮރު މާ ސައިޒުއޮޅި ފެންމަތިވީ!

    10