ކްލަބް މޯލްޑިވްސް އިން މުޅިން އަލަށް ބޭއްވި، ކްލަބް މޯލްޑިވްސް ކަޕް ކްލެސިކްގެ ޗެމްޕިއަންކަން ޓީމް ޑީޖޭއޭ ހޯދައިފިއެވެ.

ރެހެންދި ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗު ޑީޖޭއޭ އިން ކާމިޔާބުކުރީ 7-2 ގެ ނަތީޖާއަކުން ކްލަބް 220 ގެ މައްޗަށް ކުރިހޯދައިގެނެވެ. މުޅިން އަލަށް ކްލަބް މޯލްޑިވްސް އިން މި ފަހަރު ތައާރަފްކުރި ކްލަސިކް ޑިވިޝަނުގެ ފިރިހެން މުބާރާތުގައި 24 ޓީމު ވާދަކުރިއިރު، ޑީޖޭއޭ އިން ޗެމްޕިއަންކަން ހޯދާފައިމިވަނީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކުއެވެ.

ރޭގެ މެޗުގައި ޑީޖޭއޭގެ މުހައްމަދު އަޖުވަދު ޞަލާހާއި ސައުދުﷲ އަހުމަދު ވަނީ ހެޓްރިކް ހަދާފައެވެ. އެގޮތުން، މެޗު ފެށިގެން ކައިރިކައިރީގައި އަޖުވަދު ވަނީ ދެ ލަނޑު ޖަހައި، ޓީމަށް ލީޑު ނަގައިދީފައެވެ. އަދި މިޗުގައި މުހައްމަދު އަޖުވަދު ސޮލާހު ވެސް ހެޓްރިކް ހަދާފައިވާއިރު، އަބްދުﷲ ރިމާހު ވެސް ވަނީ ގޯލެއް ޖަހައިދީފައެވެ.

ކްލަބް 220 ޓީމަށް ރޭގެ މެޗުގައި ގޯލުތައް ޖަހައި ދިނީ އަހުމަދު ސާމިހު އެކަންޏެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ޑީޖޭއޭގެ ކީޕަރު އަހުމަދު އާސިފް އާއި ސައުދުﷲ އަދުމަދު އާއި މުހައްމަދު ގުރެއިޝްގެ އިތުރުން ކްލަބް 220ގެ އަހުމަދު ސާމިހު އާއި އަލީ އިކްރާމް އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ސާމިހު އެވެ. އޭނާ ވަނީ ޖުމްލަ 14 ލަނޑު ޖަހާފައެވެ.

އަންގާރަ ދުވަހުގެރޭ 20:30ގައި ކުޅޭނީ 18/30 ގެ ފައިނަލް މެޗެވެ. މި މެޗުގައި ވާދަކުރާނީ ޓީމް ފެނަކަ އާއި ޕޮލިސް ކުލަބެވެ.