ކްލަބް މޯލްޑިވްސްގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

ކްލަބް މޯލްޑިވްސް އަކީ 2005 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ޖަމިއްޔާއެކެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް ބޭއްވުމަށް މަޝްހޫރު ކްލަބެއްވެސްމެއެވެ. މި މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ފުޓްސަލް ތަރައްގީކޮށް ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް މި ކުޅިވަރު ކުރިއެރުވުން ކަމުގައި ދިރާގުން ބުނެފައިވެއެވެ.

މި ޕާޓްނަރޝިޕްގެ ދަށުން ކްލަބް މޯލްޑިވްސްއިން މިއަހަރުގެ ތެރޭގައި ހަތަރު މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 18/30 ތަރޓީ ކްލެސިކް 2023، އަށާރަ ތިރީސް 2023، ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް 2023 އަދި ކްލަބް މޯލްޑިވްސް 2023 އެވެ.

18/30އަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަންހެން ފުޓްސަލް މުބާރާތެވެ.

އަންހެނުން ބާރުވެރިކުރުވުމަކީ ދިރާގުގެ މައިގަނޑު ފޯކަސް ދާއިރާއަކަށްވެފައި މިއަހަރުގެ ޝެޑިއުލް މުބާރާތްތަކުގެ ސިލްސިލާއަށް މި އާ އެޑިޝަން ފެނުމަކީ އެ ކުންފުނިން ވަރަށް އުފާކުރާ ކަމެއްގެ ގޮތުގައި ދިރާގުން ފާހަގަކުރިއެވެ.

މި އަހަރު، ކްލަބް މޯލްޑިވްސްގެ ފިރިހެން ޑިވިޝަން ދެ މުބާރާތް، ކްލަބް މޯލްޑިވްސް ކަޕާއި ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް، އަދި އަންހެން ޑިވިޝަން ދެ މުބާރާތް، 18/30 ފިއެސްޓާ އަދި 18/30 ކްލަސިކް ކުރިއަށްދާނީ އެކުއެކީގައި މި މަހުގެ 14 ވަނަ ދުވަހުގައެވެ.

ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.