ގައުމީ ފިރިހެން ފުޓްބޯޅަ ޓީމަކަށް އެންމެ ގިނަ މެޗު ކުޅެދިން ރިކޯޑާ އެކު ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާވެސް ތާރީހުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

ރޮނާލްޑޯ މި ރިކޯޑު ހެދީ ޔޫރޯ ކޮލިފައިންގައި ރޭ ޕޯޗުގަލް އިން ލިޗެސްޓައިން އަތުން 4-0 އިން މޮޅުވި މެޗުގައެވެ. މި މެޗުގައި ރޮނާލްޑޯ ވަނީ ޕޯޗުގަލް އަށް ދެ ގޯލް ކާމިޔާބުކޮށްދީފައެވެ.

ރޭގެ މެޗާ އެކު، ރޮނާލްޑޯ ވަނީ ޕޯޗުގަލް އަށް 197 ވަނަ މެޗު ކުޅެދީ ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅުމުގެ ރިކޯޑު މުގުރާލައިފައެވެ. އުމުރުން 38 އަހަރުގެ ރޮނާލްޑޯ މިރޭގެ މެޗަށް އަރާނެ ކަމާ މެދުގައި ސުވާލު އުފެދުނެވެ. އެއީ ނިމިދިޔަ ވޯލްޑް ކަޕް މުބާރާތުގައި ޕޯޗުގަލް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ބެންޗުގައި ބޭންދުމުންނެވެ. އެކަމަކު، ޕޯޗުގަލް ޓީމާ އަލަށް ހަވާލުވި ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ރޮނާލްޑޯ އަށް ފުރަތަމަ 11 އިން ޖާގަ ދީފައެވެ.

ފަސް ފަހަރު ބެލޮން ޑިއޯ އެވޯޑު ހޯދާފައިވާ ރޮނާލްޑޯ މުގުރާލާފައި މިވަނީ ކުވޭތުގެ ބަދޭތު އަލް މުތާވާ އަތުގައި އޮތް ރިކޯޑެވެ. އޭނާ ވަނީ ކުވައިތުގެ ގައުމީ ޓީމަށް 196 މެޗު ކުޅެދީފައެވެ.

ރޮނާލްޑޯ ޖެހި ދެ ގޯލާއެކު، ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ޖަހައި ދިނުމުގެ ރިކޯޑް އޮތް ރޮނާލްޑޯ މި ވަނީ 120 ގޯލު ޕޯޗުގަލް އަށް ޖަހައިފައެވެ.

ޕޯޗުގަލް ކުޅުނު މެޗުގައި އެ ޓީމަށް ފުރަތަމަ ލީޑް ނަގައި ދިނީ މެޗުގެ އަށް ވަނަ މިނެޓުގައި ޔޮއާއޯ ކަންސޭލޯ ޖެހި ގޯލުންނެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ 47 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާއެވެ.

ރޮނާލްޑޯގެ ދެ ލަނޑު ވެސް ފެނުނީ ފަހު ހާފްގައެވެ. އެގޮތުން ލިބުނު ޕެނަލްޓީއަކުން މެޗުގެ 51 ވަނަ މިނެޓުގައި ލަނޑު ޖެހި އިރު، 63 ވަނަ މިނެޓުގައި އޭނާ ލަނޑު ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ.

ރޮނާލްޑޯ ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅުނީ 2003 ވަނަ އަހަރުއެވެ. ކަޒަކިސްތާންއާ ދެކޮޅަށް ކުޅުނު ރަހްމަތްތެރިކަމުގެ އެ މެޗުގައި ރޮނާލްޑޯ ކުޅެން އެރުވީ ޕޯޗުގަލްގެ ލެޖެންޑް ލުއިސް ފީގޯގެ ބަދަލުގައެވެ. އޭރުގައި ރޮނާލްޑޯގެ އުމުރަކީ އެންމެ 18 އަހަރެވެ.