ބަޔާން މިއުނިކްގެ ކޯޗުގެ މަގާމުގައި ހުރި ހޫލިއަން ނާގަލްމަން ވަކި ކުރުމަށް ފަހު އެ މަގާމަށް ޗެލްސީ އަށް ކުރިން ކޯޗުކޮށްދިން ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް ހަމަޖައްސައިފިއެވެ.

އުމުރުން 49 އަހަރުގެ ޓުޗެލްއާއި އެކީ ބަޔާން ސޮއިކުރި އެއްބަސްވުން ކަނޑައަޅާފައިވަނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ. މީގެ ކުރީގައި ޗެލްސީއަށް ކޯޗްކަންކޮށްދީފައިވާ ޓުޗެލްއަށް މި މަގާމް ލިބިފައިވަނީ މިދިޔަ ހަފްތާގައި ހޫލިއަން ނާގަލްސްމަން ބަޔާންގެ ކޯޗްކަމުން ވަކިކުރުމުގެ ސަބަބުންނެވެ.

ނާގަލްސްމަން މަގާމުން ވަކިކޮށްފައިވަނީ އޭނާ ޗުއްޓީ ނިންމާފައި އެނބުރި އައި ތަނާއެވެ. ނާގަލްސްމަން މަގާމުން ވަކި ކުރިއިރު އޭނާ ވަނީ ބަޔާންއަށް ޖަރުމަނު ލީގުގެ ތަށި ވެސް ކާމިޔާބުކޮށްދީފައެވެ.

ނަމަވެސް، ބުންޑެސްލީގާ ތާވަލުގެ އެއްވަނައިގައި އޮތް ބަޔާން، ތާވަލުގެ ދެ ވަނައަށް ވެއްޓުމުގެ ސަބަބުން ބަޔާންގެ ޗީފް އެގްޒެކެޓިވް އޮލިވަރ ކާން ވަނީ އެކަމާ ހިތްހަމަނުޖެހިގެން އުމުރުން 35 އަހަރުގެ ނާގަލްސްމަން މަގާމުން ވަކިކޮށްފައިކަމަށް ބޭރުގެ ބައެއް ކުޅިވަރުގެ ޚަބަރުތަކުން ރިޕޯޓްކޮށްފައިވެއެވެ.

“2021 ވަނަ އަހަރުގެ ހޫނު މޫސުމުގައި އެފްސީ ބަޔާންއަށް ޖޫލިއަން ނާގަލްސްމަން ގެނައުމުން އަޅުގަނޑުމެން ހީކުރީ އޭނާއާ އެކު ދިގު މުއްދަތަކަށް މަސައްކަތް ކުރެވޭނެ ކަމަށް، އަދި އެއީ އަހަރެމެން އެންމެންގެ އަމާޒު އޭރުގައި. ޖޫލިއަން އަކީ ކާމިޔާބު ފުޓްބޯޅައެއް ކުޅެން އަހަރެމެންގެ އުންމީދު ހިއްސާކުރާ މީހެއް. އެހެންވިޔަސް، އަޅުގަނޑުމެންނަށް ފާހަގަވީ މިދިޔަ ސީޒަނުގައި ލީގު ކާމިޔާބުކުރި ނަމަވެސް އަޅުގަނޑުމެންގެ ސްކޮޑްގެ ފެންވަރު ކުޑަވަމުން ދިޔަ ތަން" އޮލިވަރ ކާން ބުނެފައިވެއެވެ.

ބަޔާން އިން ބުނީ ޓުޗެލް ބަޔާންގެ ޓްރެއިނިންގައި ރަސްމީކޮށް މަސައްކަތް ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ. އޭނާގެ ކޯޗްކަމުގެ ދަށުން ދެން އެންމެ އަވަހަށް ބަޔާން ކުރިމަތިލާނީ ބުންޑެސްލީގާ ތާވަލުގައި މިހާރު އެއްވަނައިގައި އޮތް ކްލަބްއެއް ކަމަށްވާ ބަރޫޝިއާ ޑޯޓްމަންޑްއާއެވެ. ހޮނިހިރު ދުވަހުގެ މި މެޗަށްފަހު ބަޔާން ފެނިގެންދާނީ ޗެމްޕިއަންސް ލީގްގެ ކުއާޓަރ ފައިނަލުންނެވެ. މި މެޗްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 11 އޭޕްރީލް އަދި 19 އޭޕްރީލްގައިއެވެ.

ޓޫޗެލްވަނީ 2017 ވަނަ އަހަރުގެ ޖާމަން ކަޕް ޑޯޓްމަންޑްއަށް ހޯދައި ދީފައެވެ. މީގެ އިތުރުންވެސް އޭނާ ވަނީ 2021 ވަނަ އަހަރު ޗެލްސީއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ.