ގަތަރުގައި މިދިޔަ އަހަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕުން ކްރޮއޭޝިއާ އަށް ތިން ވަނަ ހޯދައި ދިނުމުގައި ބޮޑު ދައުރެއް އަދާކުރި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އަށް ސައުދީ އަރަބިއްޔާއިން ހުށަހެޅި އަގު ބޮޑު ހުށަހެޅުމަށް އޭނާ އިންކާރުކޮށްފިއެވެ.

ބޭރުގެ ކުޅިވަރުގެ ޚަބަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީ ސަރުކާރުން ވަނީ މޮޑްރިޗް އަށް 60 މިލިއަން ޔޫރޯގެ ދެ އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅައިފައެވެ. ރެއާލް އާ އެކީ މޮޑްރިޗް ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ތެރޭގައި ހަމަވާނެއެވެ.

ސްޕެއިންގެ ކުޅިވަރާ ބެހޭ ޚަބަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މޮޑްރިޗް އަށް ސައުދީއާއި އެމްއެލްއެސް އިން އޮފަރތައް ލިބުނަސް، މިވަގުތަށް އޭނާގެ ވިސްނުން އޮތީ ރެއާލްއާ އެކީ ކުރިއަށް ދިއުމެވެ. އުމުރުން 37 އަހަރުގައިވެސް މޮޑްރިޗްގެ ފިޓްނަސް ލެވެލް އަށް އެއްވެސް އުނިކަމެއް އައިސްފައި ނެތުމުގެ އިތުރުން އޭނާގެ ހުނަރުވެރި ކުޅުމުގެ ސަބަބުން އޭނާއަކީ ރެއާލްއަށް ނުހަނު ބޭނުންތެރި ކުޅުންތެރިއެއްގެ ގޮތުގައި ފުޓްބޯލް އެނަލިސްޓުން ސިފަކުރެއެވެ.

އުމުރުން 30 އަހަރަށް ވުރެ މަތީގެ ކުޅުންތެރިންނާއި އެކީ ގިނަވެގެން އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހެދުމުގެ ފުރުސަތު ރެއާލް މެޑްރިޑްގެ ކްލަބް ޕޮލިސީއިން ފަހިކޮށްދީފައިވެއެވެ. އެހެން ކަމުން، ރެއާލް އިން ތިބީ މޮޑްރިޗްގެ އެއްބަސްވުން އައު ކުރުމަށް ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ކުޅިވަރުގެ މާހިރުން ބުނާ ގޮތުން ނަމަ މޮޑްރިޗް އުމުރުގެ ކުޅުންތެރިންނާ އެކީ އާންމު ގޮތެއްގައި ކްލަބްތަކުން އެއްބަސްވުން އާ ނުކުރެއެވެ. އެހެންވިޔަސް، ބައިނަލްއަގްވާމީ މެޗްތަކުގައި މޮޑްރިޗް އޭނާގެ ގައުމު ތަމްސީލުކޮށްފައިވާ ކުޅުންތެރިކަން ފުރިހަމަކަމުން ރެއާލް އިން އޭނާގެ ޕަރފޯމަންސް ބަލައިގަންނަކަމަށް އެނަލިސްޓުން ބުނެއެވެ.