ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޯދި ކްރޮއޭޝިއާގެ ގައުމީ ޓީމަށް އަދިވެސް ކުޅޭނެ ކަމަށް އެ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ބުނެފިއެވެ.

ވޯލްޑް ކަޕަކީ މޮޑްރިޗް ގައުމީ ޓީމުގެ ޖޯޒީގައި ކުޅޭ އެންމެ ފަހު މުބާރާތްކަމަށް ވެދާނެ ކަމަށް ވޯލްޑްކަޕްގެ ކުރިންނާއި އަދި މުބާާރާތުގެ ތެރޭގައި ވެސް ދިޔައީ ވާހަކަތައް ދެކެވެމުންނެވެ.

ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި 2-1 އިން މޮރޮކޯ ބަލި ކުރި ކްރޮއޭޝިއާގެ އެންމެ އިސް ދައުރެއް އަދާކުރާ 37 އަހަރުގެ މިޑްފީލްޑަރު ބުނެފައި ވަނީ އަންނަ އަހަރުގެ ނޭޝަންސް ލީގުގެ މެޗުތަކުގައި ވެސް އޭނާ ގައުމީ ޓީމަށް ކުޅޭނެ ކަމަށެވެ. އެކަމަކު، 2024 ގައި އޮންނަ ޔޫރޯގައި ފެނިދާނެ ކަމުގެ ޔަގީންކަމެއް މޮޑްރިޗް ދީފައެއް ނުވެއެވެ.

"އަހަރެންގެ މުސްތަގުބަލަށް ބަލާއިރު، 2024 ގައި ޖަރުމަނުގައި އޮންނަ ޔޫރޯ މުބާރާތާއި ހަމައަށް އަހަރެން ކުޅޭނެ ކަމެއް ނޭނގޭ. ދެން ހިނގާ ބަލަމާ." ރެއާލް މެޑްރިޑްގެ ތަރި މޮޑްރިޗް ބުނެފައިވެއެވެ.

"އަހަރެން ކުރިއަށް ދާނީ ފަހަރަކު ފިޔަވަޅެއް އަޅަމުން. ގައުމީ ޓީމުން އަހަންނަށް ވަރަށް ހިތްހަމަޖެހުން ލިބޭ. ވަރަށް އުފާވޭ. އަހަންނަށް އަދިވެސް ފެންވަރުގެ ކުޅުމެއް ދެއްކޭނެ ކަމަށް އަހަރެން ގަބޫލުކުރަން. އެހެންވީމާ ނޭޝަންސް ލީގާ ހަމައަށް އަހަރެން ކުޅެން ބޭނުން. އެއަށްފަހު ޔޫރޯ އާ މެދު ވިސްނާނެ ވަގުތު އޮންނާނެ. އެހެންވީމާ މިވަގުތަށް ފަހަރަކު ތަންކޮޅެއް ކުރިއަށް ގޮސް ނޭޝަންސް ލީގާ ހަމައަށް ކުޅެން މި ވިސްނަނީ. ދެން އެއަށް ފަހު ވާ ގޮތެއް ބަލާނީ."

ކްރޮއޭޝިއާގެ ކޯޗު ޒްލަކޯ ޑާލިޗް ވަނީ ގަތަރުގައި މޮޑްރިޗް ދެއްކި މޮޅު ކުޅުމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

"މޮޑްރިޗްއަކީ އަހަރެމެންގެ ކެޕްޓަން. އޭނާއަކީ އަހަރުމެންގެ ބޮޑު ބޮސް." ޑާލިޗް ބުންޏެވެ.

" އޭނާ ވަނީ މި މުބާރާތުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައި. އޭނާއަށް 37 އަހަރު ނަމަވެސް އޭނާ ކުޅެފައިވަނީ 20/25 އަހަރުގެ ކުޅުންތެރިއެއްހެން. އޭނާއަކީ އަހަރެމެންގެ ލީޑަރު. ހުރިހާ އެންމެންވެސް އޭނާ ބުނާ ބަސް ގަބޫލުކުރާނެ."

" ބައެއް މީހުންނަށް ހީވަނީ މިއީ ނިމުމޭ. އަހަރެން އަހަރެން ގަބޫލުކުރަނީ އަދި ވަރަށް ގިނަދުވަހު މޮޑްރިޗް ކްރޮއޭޝިއާ އާއިއެކު ހުންނާނެކަމަށް." ޑާލިޗް ބުންޏެވެ.

ރޭގެ މެޗަކީ މޮޑްރިޗް ގައުމީ ޓީމަށް ކުޅުނު 162 ވަނަ މެޗެވެ.

ސްޕެއިން، އިޓަލީ އަދި ނެދަލެންޑްސް ވެސް ވަނީ ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް ކޮލިފައިވެއެވެ. ނޭޝަންސް ލީގުގެ ސެމީ ފައިނަލް އޮންނާނީ އަންނަ އަހަރުގެ ޖޫން 14-15 ގައެވެ. އަދި ފައިނަލް އޮންނާނީ ޖޫން 18 ވަނަ ދުވަހުއެވެ.