ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި ރޭ ގެޓާފޭގެ މައްޗަށް 0-2 އިން ރެއާލް މެޑްރިޑުން ކުރި ހޯދައިފިއެވެ.

ރެއާލް އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު އެޓީމުން ކާމިޔާބުކުރީ 20 ވަނަ މިނެޓްގައެވެ. ބޭލް ނަގައިދިން ހުރަހަކުން މި ގޯލު ރެއާލް އަށް ކާމިޔާބުކޮށްދިނީ ޑެނީ ކަވަހާލްއެވެ.

ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ރެއާލް އިން ފުރަތަމަ ހާފްގައި ތަނަވަސްކުރިއިރު ދެވަނަ ހާފްގެ ކުރީކޮޅު ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބޭލް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ރެއާލްގެ ލީޑު އިތުރަށް ފުޅާކޮށްލަން އެސެންސިއޯ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

ގެޓާފޭގެ ފަރާތުން އާދައިގެ ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު ރެއާލްގެ ގޯލާއި އަމާޒުކޮށް އެޓީމަށް ފުރަތަމަ ހަމަލާވެސް ފޮނުވާލެވުނީ މެޗުގެ ފަހުވަގުތުކޮޅު ތެރޭގައެވެ. ނަމަވެސް އެންހެލް ފޮނުވާލި އެ ހަމަލާ ވަރަށް ފަސޭހަ ކަމާއެކު ރެއާލްގެ ކީޕަރު ނަވާސް ވަނީ ދިފާއުކޮށްފައެވެ.

ފާއިތުވި ސީޒަންތަކުގައި ރެއާލް އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް ދޫކޮށްލުމަށްފަހު އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވެފައިވާއިރު ރޭގެ މެޗުގައި ރެއާލްގެ ކުރީގައި ހަރަކާތްތެރިވެފައި ވަނީ ބޭލް އާއި ބެންޒެމާގެ އިތުރުން އެސެންސިއޯއެވެ.

ރޮނާލްޑޯ ރެއާލް ދޫކޮށްލި ނަމަވެސް އޭނާ ނެތްތަން ފޫބައްދަން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ރެއާލް އިން ކުޅުންތެރިއަކު ގެނެސްފައެއް ނުވެއެވެ.

ލީގުގައި ރެއާލް އިން ދެން ބައްދަލުކުރާނީ ޖިރޮނާއާއެވެ.