ނެސޯ ހޯމް "ވަގުތު" ފުޓްސަލް ޗެލެންޖު 2023 ގެ ސެމީ ފައިނަލް މެޗުތަށް މިރޭ ކުޅުމަށް ތައްޔާރު ވަމުން އަންނަ އިރު، ގޯދިޔާ ކަޕުގެ ޗެމްޕިއަން ފްރެންޑްސް ކުލަބުން ފުރަތަމަ މެޗުގައި ނިކުންނާނީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން އެފްސީ އުސްގަނޑައާއި ދެކޮޅަށެވެ.

އީރާންގެ ދެ ކުޅުންތެރިންނާއި އެކު މި މުބާރާތަށް ނިކުތް ފްރެންޑްސް ކުލަބުން، މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބު ކުރި އިރު އެއް މެޗުން ވަނީ ބަލިވެފައެވެ. އެއީ މައިލޯ ސިޓީއާއި ކުޅުނު މެޗުން 0-1ގެ ނަތީޖާއަކުންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ނިކުތް އިރުވެސް ތާވަލުގެ އެއްވަނައިގައި ފްރެންޑްސް ކުލަބް އޮތް ނަމަވެސް، މައިލޯ ސިޓީ ފަހު މެޗުގައި އާރްއޯޔޫ ކޮޅަށް 13 ގޯލު ޖަހާ ތާވަލުގެ އެއްވަނައަށް އެރިއެވެ.

ފްރެންޑްސް ކްލަބް އަދި އޮޑައްސައު ސރ. ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އަހްމަދު އަލީ

މި އަހަރުގެ ރޯދަ މަހު އައްޑޫގައި ބޭއްވުނު ގޯދިޔާ ކަޕުގެ ޗެމްޕިއަން ފްރެންޑްސް ކުލަބުން މިރޭ ސެމީ ފައިނަލަށް ނިކުންނަ އިރު، ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ފިޓްކޮށް ކަމަށާއި، އަމާޒަކީ މިރޭގެ މެޗު ކާމިޔާބުކުރުން ކަމުގައި ފްރެންޑްސް ކުލަބުގެ ކޯޗު އަހުމަދު ނާދިރު ވިދާޅުވިއެެވެ.

"ދެ އަހަރުގެ ޗެމްޕިއަނުން ވިޔަސް މާބޮޑު ޕްރެޝާއެއް ނެތް، ގޭމް ޕްލޭނާއި އެއް ގޮތަށް ކުޅެ މޮޅުވުން ޓާގެޓްއަކީ". ކޯޗް ނާދިރު ވިދާޅުވެފައި ވެއެވެ.

މިރޭ 20:30ގައި ކުޅެވޭ ސެމީ ފައިނަލުގެ މެޗުގައި ޓީމުގެ ގޭމް ޕްލޭންއަށް މާ ބޮޑު ބަދަލެއް ނާންނާނެކަމާއި، ހުރިހާވެސް އުންމީދަކީ ފައިނަލުގައި ކުޅުން ކަމުގައި ފްރެންޑްސް ކުލަބްގެ ކޯޗު ނާދިރް ވިދާޅުވިއެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023: ފްރެންޑްސް ކްލަބް އަދި އެފްސީ ޒެފިއަރ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

ފްރްންޑްސް ކުލަބަށް ކުޅެމުން އަންނަ އީރާންގެ ދެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، ކެޕްޓަން އަލީ ނާފިއުއާއި ހުސައިން ޝާމިންގެ އިތުރުން ހުސައިން ގައްސާން ލަބީބްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މި މުބާރާތުގައި އަލީ ނާފިއުއާއި ހުސައިން ޝާމިން ހެޓްރިކް ހަދާފައި ވާއިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓްގައިވެސް އަލީ ނާފިއު ހިމެނެއެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023: ފްރެންޑްސް ކްލަބް އަދި އެފްސީ ޒެފިއަރ -- ވަގުތު އިމޭޖެސް: އަހްމަދު އަލީ

އައްޑޫގެ ދެ އަވަށަށް ނިސްބަތްވާ ދެޓީމުގެ ކުރިމަތި ލުމަށް ދެޓީމުންވެސް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ދެޓީމުގެ ކޯޗުންވެސް ވަނީ ބުނެފައެވެ. ސ.ފޭދޫއަށް ނިސްބަތްވާ ފްރެންޑްސް ކުލަބުގެ ކޯޗު ބުނި ގޮތުގައި ތަށި މިލްކު ކުރަން ނިކުމެ އޮތް ޓީމަކާއި ދެކޮޅަށް ނިކުންނައިރު، އެކަން ވިސްނާނެ ކަމަށާއި، ފައިނަލުގައި ކުޅެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށެވެ. އެފްސީ އުސްގަނޑައަކީ ސ.ހިތަދޫއަށް ނިސްބަތްވާ ޓީމެކެވެ.

"ވަގުތު" އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ އިރު، މި މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ނެސޯ ހޯމް" އެވެ. މެއިން ސްޕޮންސަރ އަކަށް ލިބޭ، އިކުއިކްސް، ވީބީ ބްރަދާސް ހަމަޖެހިފައިވާއިރު، ކޯ ސްޕޮންސަރުންނަށް ސޮނީ ސްޕޯޓްސް، އަވަސް ރައިޑް، ބެސްޓް ބައި ވަނީ ހަމަޖެހިފައެވެ. އަދި ޓެލެކޮމް ޕާޓްނަރަކަށް "އުރީދޫ" ހަމަޖެހިފައިވާ އިރު، ޓްރެވަލް ޕާޓްނަރަކީ "މޯލްޑިވިއަން"، ޕްރިންޓިންގ ޕާޓްނަރަކަށް ކޮންޓްރޯލް ޕީ އަދި އޮފިޝަލް ކިޓް ޕާޓްނަރ އަކަށް ޖާޒީއާ ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކުއީއެވެ.