ނެސޯ ހޯމް "ވަގުތު" ފުޓްސަލް ޗެލެންޖް 2023ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އައްޑޫގެ ދެ ޗެމްޕިއަނުން ކަމުގައިވާ އެފްސީ އުސްގަނޑައާއި ފްރެންޑްސް ކުލަބު ކުރިމަތިލުން މިރޭ އޮންނާނެއެވެ.

މިރޭ 20:30ގައި ސ.ހިތަދޫ މަނިކު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ވެގެން ދަނީ މި މުބާރާތުގައި ކުޅެވޭ އެންމެ ފޯރި ގަދަ އެއް މެޗަށެވެ. އައްޑޫ ސިޓީގެ ދެ އަވަށަށް ނިސްބަތްވާ ދެޓީމުގެ މެދުގައި ކުޅެވޭ މި މެޗުގައި އެފްސީ އުސްގަނޑައިން ނިކުންނާނީ ތިން ވަނަ ފަހަރަށް ތަށި ހޯދުމަށް ފައިނަލަށް ދިޔުމަށެވެ. އަނެއް ކޮޅުން ފްރެންޑްސް ކުލަބުން ނިކުންނާނީ މި އަހަރުގެ ދެވަނަ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023: ފްރެންޑްސް ކްލަބް އަދި އެފްސީ ޒެފިއަރ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދާ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އެފްސީ އުސްގަނޑަ ސެމީ ފައިނަލަށް ދަތުރު ކުރި އިރު، ކުޅުނު ފަސްމެޗުގެ ތެރެއިން އެއް މެޗުން ބަލިވެ، 4 މެޗު ކާމިޔާބުކޮށް ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ފްރެންޑްސް ކުލަބް ސެމީއަށް ދަތުރު ކުރިއެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023: އެފްސީ އުސްގަނޑަ އަދި ހޯދަޑު ސްޕޯޓްސް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އަހްމަދު އަލީ

މި އަހަރުގެ މުބާރާތުގައި އެންމެ ތަފާތު ކުޅުމެއް ދައްކަމުން ދިޔަ ގިނަ ކުޅުންތެރިންގެ ކުޅުން މިރޭ ފެނިގެން ދާނެއެވެ. ރަންބޫޓުގެ ރޭހުގައި ވާދަކުރާ ކުޅުންތެރިން މި މެޗުން ވެސް ފެނިގެން ދާއިރު، ގްރޫޕް ސްޓޭޖުގައި ހެޓްރިކް ތަކެއްވެސް މިކުޅުންތެރިންގެ ފަރާތުން ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ފްރެންޑްސް ކުލަބާއި އާރްއޯޔޫ ޔުނައިޓެޑް ބައްދަލު ކުރި މެޗުގައި އަލީ ނާފިއުގެ ހެޓްރިކް ފެނިގެން ދިޔައިރު، އެފްސީ ޒެފިޔާއާއި ފްރެންޑްސް ކުލަބް ބައްދަލު ކުރި މެޗުގައި ހުސައިން ޝާމިންގެ ހެޓްރިކް ފެނިގެން ގޮސްފައިވެއެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023: އެފްސީ ބޭރުމަތި އަދި ފްރެންޑްސް ކްލަބް -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

އެފްސީ އުސްގަނޑައިން ސެމީ ފައިނަލަށް ނިކުންނައިރު، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ ކުޅުންތެރިންގެ އިތުރުން ފުޓްސަލްގައި ނަން ހިނގާ ކުޅުންތެރިންވެސް ހިމެނެއެވެ. އޭގެ އިތުރުން އައްޑޫގެ ޒުވާން ހުނަރުވެރި ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އުސްގަނޑަ ޓީމުގެ ޔޫސުފް ސިދާމް އަލީ ވަނީ ހެޓްރިކް ހަދާފައެވެ. މި މުބާރާތުގައި ކުޅޭ އެންމެ އުމުރުން ހަނގު ކުޅުންތެރިޔާވެސް ކުޅެފައި ވަނީ އެފްސީ އުސްގަނޑަ ޓީމަށެވެ. އެއީ އުމުރުން 13 އަހަރުގެ މުހައްމަދު އީޒާން ރަޝީދުއެވެ.

ވިދިވިދިގެން ދެ އަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އެފްސީ އުސްގަނޑަ ޓީމާއި ދެކޮޅަށް ނިކުންނަން ޖެހުނަސް އެއްވެސް ވަރަކަށް ޕްރެޝާއެއް ނެއް ކަމުގައި ފްރެންޑްސް ކުލަބުގެ ކޯޗު އަހުމަދު ނާދިރު ވިދާޅުވިއެވެ. ޓީމުގެ ހުރިހާވެސް އަމާޒަކީ ފައިނަލުގައި ކުޅުން ކަމުގައި އޭނާ އިތުރަށް ވިދާޅުވިއެވެ. އެފްސީ އުސްގަނޑަގެ ކޯޗު މުހައްމަދު އަލްތާފް ބުނި ގޮތުގައި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ އަމާޒަކީވެސް މިރޭގެ މެޗުން މޮޅުން ކަމަށާއި، މި އަހަރުގެ ތަށި ހޯދުމަށް ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމުގައެވެ.

"ވަގުތު" އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ އިރު، މި މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ނެސޯ ހޯމް" އެވެ. މެއިން ސްޕޮންސަރ އަކަށް ލިބޭ، އިކުއިކްސް، ވީބީ ބްރަދާސް ހަމަޖެހިފައިވާއިރު، ކޯ ސްޕޮންސަރުންނަށް ސޮނީ ސްޕޯޓްސް، އަވަސް ރައިޑް، ބެސްޓް ބައި ވަނީ ހަމަޖެހިފައެވެ. އަދި ޓެލެކޮމް ޕާޓްނަރަކަށް "އުރީދޫ" ހަމަޖެހިފައިވާ އިރު، ޓްރެވަލް ޕާޓްނަރަކީ "މޯލްޑިވިއަން"، ޕްރިންޓިންގ ޕާޓްނަރަކަށް ކޮންޓްރޯލް ޕީ އަދި އޮފިޝަލް ކިޓް ޕާޓްނަރ އަކަށް ޖާޒީއާ ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކުއީއެވެ