ނެސޯ ހޯމް ވަގުތު ފުޓްސަލް ޗެލެންޖް 2023ގެ ދެވަނަ ސެމީ ފައިނަލުގައި މައިލޯ ސިޓީއާއި ހޯދަޑު އެސްސީ ބައްދަލު ކުރި މެޗު މައިލޯ ސިޓީއިން ކާމިޔާބުކޮށްފިއެވެ.

ސ. ހިތަދޫ މަނިކު ދަނޑުގައި ކުޅުނު މިމެޗު މައިލޯ ސިޓީއިން ކާމިޔާބު ކުރީ 1-10ގެ ނަތީޖާއަކުންނެވެ.

އެންމެ ފަހުން ބޭއްވި ވަގުތު ފުޓްސަލް ޗެލެންޖުގެ ދެވަނަ ހޯދައިފައިވާ މައިލޯ ސިޓީއިން މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ވަނީ ގޯލު ޖަހާ ލީޑު ނަގާފައެވެ. އަލީ ހާފިޒް (ހާއްޕެ) ގޯލު ކުރި މައްޗަށް ހުރަސްކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މައިލޯ ސިޓީއަށް ލީޑު ނަގާދިނީ އިސްމާއިލް ވަޖީހު (ވައްޖެ)އެވެ. މިގޯލު ޖަހާ މާ ގިނަ އިރުތަކެއް ނުވަނީސް މައިލޯ ސިޓީއިން ވަނީ ދެވަނަ ގޯލެއް ޖަހާ މެޗުގެ ލީޑު ފުޅާކޮށްފައެވެ. ހޯދަޑުގެ ގޯލު އޭރިޔާގެ ބޭރުން ސީދާ ގޯލު މަތީ ކަނަށް ފޮނުވާލައިގެން މި ލަނޑުވެސް ކާމިޔާބުކޮށްދިނީ އިސްމާއިލް ވަޖީހު (ވައްޖެ)އެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ސެމީ ފައިނަލް: މައިލޯ ސިޓީއެފްސީ އަދި ހޯދަޑު އެސްސީ -- ވަގުތު އިމޭޖެސް: އަހްމަދު އަލީ

ފުރަތަމަ ހާފު ފަށައިގެން ހޯދަޑު ޓީމަށް ގޭމުގެ ތެރެއަށް ރަނގަޅަށް ނުވަދެވި އުޅެނިކޮށް މައިލޯ ސިޓީން ވަނީ މެޗުގައި ތިން ގޯލު ޖަހާ ފަރަގު ބޮޑުކުރިއެވެ. އަލީ ހާފިޒް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ އެކަނިހުރެ ގޯލުގެ ތެރެއަށް ފޮނުވާލަދިނީ މައިލޯ ސިޓީގެ ކެޕްޓަން ހާޒިމް ފައުޒީއެވެ. މި ގޯލާއެކު ހޯދަޑު ޓީމުން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ގޯލަށް އަމާޒު ކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެ މަސައްކަތްތައް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ސެމީ ފައިނަލް: މައިލޯ ސިޓީއެފްސީ އަދި ހޯދަޑު އެސްސީ -- ވަގުތު އިމޭޖެސް: އަހްމަދު އަލީ

ހޯދަޑު އެސްސީގެ ކުޅުން ރަނގަޅު ޖުމައިލް ޖަމީލްއާއި އަހުމަދު ހަމީދުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔައެވެ. އެހެން ނަމަވެސް ގޯލާ އަމާޒު ނުވެ ގިނަ ހަމަލާތަށް ދިޔައީ ބޭރަށެވެ. މިއާއިއެކު މައިލޯއިން ގެންދިޔައީ ކުޅުން ރަނގަޅުކޮށް ހަމަލާތަށް އިތުރުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމާއި ކައިރި ވެފައި ވަނިކޮށް އަލީ ހާފިޒް ސީދާ ގޯލަށް ފޮނުވާލި ހަމަލާ ހޯދަޑުގެ އިބްރާހިމް އަޝްވާދްގެ ފައިގާ ޖެހި ބައިކޮޅަށް ވަނީ ވަދެފައެވެ. މީގެ ކުޑަ ވަގުތު ކޮޅެއް ފަހުން ހާޒިމް ފައުޒީ ފޮނުވާލި ރީތި ހަމަލާއެއް ކާމިޔާބުކޮށް މައިލޯ ސިޓީގެ ފަސްވަނަ ގޯލު ކާމިޔާބުކޮށް ދިނެވެ. މި ނަތީޖާގައި ފުރަތަމަ ހާފު ނިމެން ދަނިކޮށް ހޯދަޑު ޓީމަށް ލިބުނު ކޯނަރު ސީދާ ގޯލަށް ފޮނުވާލައިގެން އެޓިމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދިނީ ހޯދަޑު ޓީމުގެ ޖާޒީ ނަމްބަރ 7 މުހައްމަދު އިމްރާނުއެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ސެމީ ފައިނަލް: މައިލޯ ސިޓީއެފްސީ އަދި ހޯދަޑު އެސްސީ -- ވަގުތު އިމޭޖެސް: އަހްމަދު އަލީ

ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި މައިލޯ ސިޓީގެ ހުސައިން ޝަރީލް (އޮންލީ)އަށް ކުރި ފައުލަކާއި ގުޅިގެން އިބްރާހިމް އަޝްވަދް (ގަބޭ)އަށް ވަނީ ރީނދޫ ކާޑުދައްކާފައެވެ. ދެވަނަ ހާފުގައިވެސް ގިނަ ހަމަލާތަކެއް މައިލޯ ސިޓީގެ ފަރާތުން ފެނިގެން ދިޔައިރު މެޗުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދީ އިސްމާއިލް ވަޖީހު (ވައްޖެ) ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ. އޭގެ ކުޑަ ވަގުތު ކޮޅެއްފަހުން ވައްޖެއަށް ކުރި ފައުލަކާއި ގުޅިގެން ހޯދަޑުގެ އަހުމަދު ހަމީދަށްވެސް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ސެމީ ފައިނަލް: މައިލޯ ސިޓީއެފްސީ އަދި ހޯދަޑު އެސްސީ -- ވަގުތު އިމޭޖެސް: އަހްމަދު އަލީ

މެޗުގެ ދެވަނަ ހާފު ފަށައިގެން ކުރިޔަށް ޖެހި މައިލޯގެ ހުސައިން ޝަރީފް (އޮންލީ) ވަނީ ފުލުފުލުގައި ގިނަ ހަމަލާތަކެއް ގޯލަށް އަމާޒުކޮށްފައެވެ. ގޯލު ތިރީ ކަނަށް ފޮނުވާލި ބާރު ހަމަލާ ކާމިޔާބުކޮށް ހުސައިން ޝަރީފް (އޮންލީ) ވަނީ މެޗުގައި މައިލޯގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށް ދީފައެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އަލީ ހާފިޒް ފޮނުވާލި ބާރު ހަމަލާއެއް ހޯދަޑުގެ ކީޕަރ އަޝްރަފް އަބްދުﷲގެ އަތުގައި ޖެހި ގޯލުގެ ތެރެއަށް ވަދެ މެޗުގެ ނަތީޖާ 1-8ވަނީ ބަދަލުވެފައެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ސެމީ ފައިނަލް: މައިލޯ ސިޓީއެފްސީ އަދި ހޯދަޑު އެސްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

މެޗުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ އަލީ ހާފިޒް ފުލުފުލުގައި ދެ ގޯލު ޖަހާ ވަނީ މިމެޗުގައި ހެޓްރިކް ހަދާފައެވެ. ރީތި ގޮތަކަށް ހޯދަޑުގެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ސީދާ ގޯލަށް ފޮނުވާލައިގެން ނުވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު، ކީޕަރުގެ ބޯމަތިން ގޯލަށް ފޮނުވާލައިގެން ހާއްޕެ މައިލޯގެ ދިހަވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. ނުވަ ގޯލުގެ ފަރަގެއް އޮތް ނަމަވެސް ހޯދަޑު ޓީމުން ގެންދިޔައީ ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުންނެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ސެމީ ފައިނަލް: މައިލޯ ސިޓީއެފްސީ އަދި ހޯދަޑު އެސްސީ -- ވަގުތު އިމޭޖެސް: އަހްމަދު އަލީ

މި ފޯރިގަދަ ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މައިލޯ ސިޓީ އެފްސީގެ ކީޕަރ އިބްރާހިމް ނާޖިހްއެވެ. މި ނަތީޖާއާއި އެކު ފައިނަލުގެ ޖާގަ މައިލޯ ސިޓީން ކަށަވަރު ކުރިއިރު، ފައިނަލުގައި ދެން ކުޅޭނީ އެފްސީ އުސްގަނޑައެވެ. މިއީ މިދެޓީމު ފައިނަލުގައި ޖެހިޖެހިގެން ވާދަކުރާ ދެވަނަ ފަހަރުއެވެ.

މި މުބާރާތުގެ ފައިނަލް މެޗު މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ބޭއްވޭއިރު، ގިނަ ހަރަކާތްތަކެއް ފެނިގެން ދާނެއެވެ.

"ވަގުތު" އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ އިރު، މި މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ނެސޯ ހޯމް" އެވެ. މެއިން ސްޕޮންސަރ އަކަށް ލިބޭ، އިކުއިކްސް، ވީބީ ބްރަދާސް ހަމަޖެހިފައިވާއިރު، ކޯ ސްޕޮންސަރުންނަށް ސޮނީ ސްޕޯޓްސް، އަވަސް ރައިޑް، ބެސްޓް ބައި ވަނީ ހަމަޖެހިފައެވެ. އަދި ޓެލެކޮމް ޕާޓްނަރަކަށް "އުރީދޫ" ހަމަޖެހިފައިވާ އިރު، ޓްރެވަލް ޕާޓްނަރަކީ "މޯލްޑިވިއަން"، ޕްރިންޓިންގ ޕާޓްނަރަކަށް ކޮންޓްރޯލް ޕީ އަދި އޮފިޝަލް ކިޓް ޕާޓްނަރ އަކަށް ޖާޒީއާ ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކުއީއެވެ