ނެސޯ ހޯމް "ވަގުތު" ފުޓްސަލް ޗެލެންޖުގެ ފައިނަލް މި މަހުގެ 18 ވަނަ ދުވަހު ކުޅުމަށް ތައްޔާރު ވަމުން އަންނައިރު، ފައިނަލުގައި ވާދަ ކުރާނީ އެފްސީ އުސްގަނޑައާއި މައިލޯ ސިޓީ އެފްސީއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަކަށް އެއްލައްކަ ފަންސާސް ހާސް ރުފިޔާ ލިބިގެން ދާއިރު، ދެވަނަ ޓީމަކަށް ހަތްދިހަ ފަސް ހާސް ލިބިގެން ދާނެއެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ސެމީ ފައިނަލް: މައިލޯ ސިޓީއެފްސީ އަދި ހޯދަޑު އެސްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

ފައިނަލާ ކުރިމަތިލާއިރު ދެޓީމުންވެސް މިހާތަނަށް މުބާރާތުގައި ދެއްކީ ތަފާތު ނަތީޖާތަކެކެވެ. ވަރުގަދަ ނަންތައް ބަލިކޮށް، މައިލޯ ފައިނަލަށް ނުކުންނާނީ ސެމީގައިވެސް ތަފާތު ބޮޑު ނަތީޖާއެއް ނެރެގެންނެވެ. މައިލޯގެ ފެންވަރު ސާބިތުކޮށްދެނީ ކުޅުންތެރިންގެ ފެންވަރުންނެވެ. ރާއްޖޭގެ ތާރީހުގައިވެސް ފެނުނު ފުޓްސަލްގެ އެންމެ ވަރުގަދަ ތަރިން މައިލޯއިން ފެނިގެންދެއެވެ. ކޯޗަކަށް ހުރީ ފުޓްސަލްގެ މާސްޓަމައިންޑެއް ކަމަށްވާ އަހުމަދު ވިޝާލް (އަންދު)އެވެ.

މައިލޯ ސިޓީ ފައިނަލަށް ކުރި ދަތުރު

މުބާރާތުގައި 12 ޓީމަކުން ވާދަކުރި އިރު، މި ޓީމުތަށް ވަނީ ދެ ގުރޫޕަކަށް ބަހާފައެވެ. މައިލޯ ސިޓީ އެފްސީ ހިމެނިފައި އޮތީ ގުރޫޕް ބީގައެވެ. މައިލޯ ސިޓީގެ އިތުރުން މިގްރޫޕުގައި ދެން ހިމެނެނީ ގޯދިޔާ ކަޕްގެ ޗެމްޕިއަން ފްރެންޑްސް ކްލަބާއި "ވަގުތު" ފުޓްސަލް ޗެލެންޖު 2017 އަދި 2018 ވަނަ އަހަރު ކާމިޔާބުކުރި އެފްސީ ބޭރުމަތިއާއި، އޮޑެއްސައު އާރްސީ އާއި އެފްސީ ޒެފިޔާގެ އިތުރުން އާރްއޯޔޫ ޔުނައިޓެޑެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ސެމީ ފައިނަލް: މައިލޯ ސިޓީއެފްސީ އަދި ހޯދަޑު އެސްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

އަންދުގެ ކޯޗުކަމުގައި މައިލޯ ސިޓީން މި މުބާރާތަށް ނިކުމެ ގްރޫޕް ސްޓޭޖުގައި ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. މި މުބާރާތުގައި މައިލޯ ސިޓީއިން ކުޅުނު މެޗު ތަކުގެ ނަތީޖާތަކަށް ބަލާލި ނަމަވެސް ޓީމު އޮތް ފޯމް ސާފެވެ.

ފުރަތަމަ މެޗު: މައިލޯ ސިޓީ 7، އެފްސީ ޒެފިޔާ 1

ދެވަނަ މެޗު: މައިލޯ ސިޓީ 2، އެފްސީ ބޭރުމަތި 3

ތިންވަނަ މެޗު: މައިލޯ ސިޓީ 1، ފްރެންޑްސް ކުލަބް 0

ހަތަރުވަނަ މެޗު: މައިލޯ ސިޓީ 2، އޮޑެއްސައު އެސްއާރް 1

ފަސްވަނަ މެޗު: މައިލޯ ސިޓީ 13، އާރްއޯޔޫ ޔުނައިޓެޑް 2

ސެމީ ފައިނަލު: މައިލޯ ސިޓީ 10 ހޯދަޑު އެސްސީ 1

 

އައްޑޫގެ ޒުވާން ކެޕްޓަނެއް: ކިންގުންގެ ޓީމުގެ ލީޑަރު

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ސެމީ ފައިނަލް: މައިލޯ ސިޓީއެފްސީ އަދި ހޯދަޑު އެސްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

މައިލޯ ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ، ސ.ހިތަދޫގެ ޒުވާން ހުނަރުވެރި ފުޓްސަލް ކުޅުންތެރިޔާ ހާޒިމް ފައުޒީއެވެ. ޓީމުގެ ކެޕްޓަންގެ ހައިސިއްޔަތުން ރަނގަޅު ޑިސިޕްލިންއަކާއެކު މުޅި ޓީމު ގޮވައިން އޭނާ ވަނީ ލީޑާޝިޕް ދައްކައިފައެވެ. ހާޒިމްގެ ކެޕްޓަން ކަމުގައި ކުޅެމުންދަނީ ތަރިން ނަމަވެސް، ހާޒިމްގެ ސާބިތުކަން، މުހިއްމުކަން އޭނާ ދަނީ ސާބިތުކޮށްދެމުންނެވެ. ހާޒިމްގެ ފަރާތުން މުބާރާތުގައި ރީތި ގޯލުތަކެއްވެސް ފެނިގެން ގޮސްފައިވާ އިރު، މިއަހަރުގެ މުބާރާތުގައިވެސް އޭނާގެ ފަރާތުން ހަތަރު ގޯލު ފެނިގެން ދިޔައެވެ.

އޮންލީއާއި ހާއްޕެ: މުބާރާތުގެ ކިންގުންގެ ތާރީހެއް އޮތް ދެކުޅުންތެރިން

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ސެމީ ފައިނަލް: މައިލޯ ސިޓީއެފްސީ އަދި ހޯދަޑު އެސްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

ޓީމުގެ ކެޕްޓަނީ ހުސައިން ޝަރީފް (އޮންލީ) ނޫން ނަމަވެސް، އޮންލީއަކީ ދަނޑުމަތީގެ ލީޑަރެއްކަން ޔަގީނެވެ. ފުޓްސަލް ދަނޑުގައި އޮންލީގެ ލީޑާޝިޕާ ދޭތެރޭ ސުވާލުކުރާނެ މީހަކުވެސް މަދުވާނެއެވެ. ފަހަތުން ޓީމު ހިފަހެއްޓުމުގައި އޮންލީގެ ފަރާތުން ޓެކްޓިކަލީ ރަނގަޅު ކުޅުމެއް ފެންނަމުންދާ އިރު، އޭނާގެ ސިކުނޑިއަކީ މައިލޯގެ އެންމެ ނުރައްކާތެރި ހަތިޔާރެވެ. ފަހަތުން މޮޅަށް ކުޅެ، ހަތަރު ގޯލު ޖަހާފައިވާ އޮންލީއަކީ އެންމެފަހުން ބޭއްވި ގޯލްޑެން ފުޓްސަލް މުބާރާތުގެ ކިންގުގެ މަގާމު ހޯދި ކުޅުންތެރިޔާއެވެ. ކެރިއަރު ފުރިހަމަ ކުރުމަށް އޮންލީ ލ. ގަމާއެކު ގޯލްޑަން ތަށި އުފުލާލައި، މިހާރު ހުރީ އާދަޔާހިލާފު ފޯމެއްގައެވެ. 2019 ވަނަ އަހަރު ވަގުތު މުބާރާތުގެ ކިންގަކީވެސް އޮންލީއެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ސެމީ ފައިނަލް: މައިލޯ ސިޓީއެފްސީ އަދި ހޯދަޑު އެސްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

އަލީ ހާފިޒު (ހާއްޕެ)ގެ ހުނަރަށް އިތުރަށް ބުނާނެ އެއްޗެއް ނޯންނާނެކަންވެސް އެނގެއެވެ. ހާއްޕެއަކީ ޔަގީނުންވެސް މައިލޯ ސިޓީގެ އެންމެ މުހިންމު އެއް ތަނބެވެ. ހާއްޕެއަކީ މި މުބާރާތުގެ ފައިނަލަށް ނުކުންނަ އިރު ޓޮޕް ސްކޯރާ ނޫން ނަމަވެސް، ގޯލް ޖެހުމަށް މައިލޯއިން ކުރި މަސައްކަތުގެ އެންމެ މުހިއްމު މީހަކީ ހާއްޕެއެވެ. ހާއްޕެގެ ކުޅަދާނަކަން ސެމީންވެސް ޔަގީންކުރެވޭނެއެވެ. ސެމީގައި އޭނާ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މުބާރާތުގައި ޖުމުލަ ހަގޯލު ހާއްޕެ ޖަހާފައިވާ އިރު، ހާއްޕެ ވަނީ 2018 ވަނަ އަހަރުގެ ވަގުތު މުބާރާތުގެ ކިންގުގެ މަގާމުވެސް ހޯދާފައެވެ.

ވައްޖެއާއި ޝާކާ ފޯމުގައި: ޓީމުގެ ފާރަކީ ކީޕަރު ނާޖިހު

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ސެމީ ފައިނަލް: މައިލޯ ސިޓީއެފްސީ އަދި ހޯދަޑު އެސްސީ -- ވަގުތު އިމޭޖެސް: އަހްމަދު އަލީ

އިސްމާއިލް ވަޖީހު (ވައްޖެ)ގެ ފަރާތުންވެސް މި މުބާރާތުގައި މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، ސެމީ ފައިނަލުގައި ވައްޖެ ވަނީ ހެޓްރިކް ހަދާފައެވެ. ޖުމުލަ ހަތް ގޯލު މި މުބާރާތުގައި ކާމިޔާބުކޮށްދިން އިރު، ހުނަރުވެރި ކުޅުމެއް އޭނާ ވަނީ ދައްކާފައެވެ. ވައްޖެއަކީ ރާއްޖޭގެ ފުޓްސަލްގައި މިވަގުތު އެންމެ ފޯމު ރަނގަޅުކޮށް ހުރި އެއް ކުޅުންތެރިޔާއެވެ. ވައްޖެގެ ސްޓެޓް އެކަމަށް ހެކި ދޭނެއެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023: މައިލޯ ސިޓީ އަދި ފްރެންޑްްސް ކްލަބް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި މުބާރާތުގައި އެއް މެޗެއްގައި ޑަބަލް ހެޓްރިކް ހެދި ހަމައެކި ކުޅުންތެރިޔާ އަބްދުﷲ ޝައްފާން (ޝާކާ) އަކީ، ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލު ކުރެވޭފަދަ ހުނަރުވެރި ކުޅުންތެރިއެކެވެ. ގިނަ މުބާރާތްތަކެއްގައި ކިންގުގެ މަގާމުވެސް ހޯދާފައިވާ ޝާކާ މިމުބާރާތުގައި ވަނީ ޖުމުލަ 11 ގޯލު މައިލޯ ސިޓީއަށް ކާމިޔާބުކޮށްދީފައެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ސެމީ ފައިނަލް: މައިލޯ ސިޓީއެފްސީ އަދި ހޯދަޑު އެސްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

މި މުބާރާތުގައި ފެނިގެން ދިޔަ ކީޕަރުންގެ ތެރެއިން އެންމެ މޮޅު އެއް ކީޕަރަކީ މައިލޯ ސިޓީގެ ކީޕަރ އިބްރާހިމް ނާޖިހް (ހޭޓް) އެވެ. މުބާރާތުގެ ކޮންމެ މެޗެއްގައިވެސް ގިނަ ހަމަލާތަކެއް ހުށިޔާރު ކަމާއިއެކު ދިފާއުކޮށްފައި ވާއިރު ސެމީ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޭޓް ވަނީ ހޯދާފައެވެ.

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ސެމީ ފައިނަލް: މައިލޯ ސިޓީއެފްސީ އަދި ހޯދަޑު އެސްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

މައިލޯގެ އިންތިޒާރަށް ނިމުން ގެންނަން ބޮޑު ފުރުސަތެއް

މައިލޯ ސިޓީއަކީ މިވަގުތު އައްޑޫ ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ އެއް ނަމެވެ. މައިލޯއަކީ މިވަގުތު އެންމެ ރަނގަޅަށް މުބާރާތަށް ތައްޔާރުވެފައިވެސް އޮތް ޓީމެވެ. މައިލޯގެ ޓީމުގެ ތަރިންނާއި ޓީމުގެ ކޯޗުގެ ތަފާތުން، މިއީ އެޓީމަށް އައްޑޫގެ ފުޓްސަލްގެ ރަސްކަމަށް އަންނަން ލިބޭނެ އެންމެ ބޮޑު އެއް ފުރުސަތަށް ވެގެންދާނެއެވެ. އެ އިންތިޒާރަށް ނިމުން ގެންނަން މާދަމާ ރޭ އޮންނަ ފައިނަލް ވެގެންދާނީ މުހިއްމު ފައިނަލަކަށެވެ. ހާއްސަކޮށް އެ ފައިނަލް ވެގެންދާނީ މައިލޯގެ ފުޓްސަލް ތާރީހުގައި، ރަން އަކުރުން އެޓީމުގެ ނަން ފަވާލަން ލިބޭނެ ފުރުސަތަކަށެވެ. ރާއްޖޭގައި ކުޅެވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލުގައި މައިލޯ ސިޓީން 2020 ވަނަ އަހަރު އުސްގަނޑާ ވާދަކޮށް ބަލިވި ނަމަވެސް، މިއީ އެ ނަސީބު ބަދަލުކޮށްލަން ނުކުންނަ ފަހަރެވެ.

ނެސޯ ހޯމް ވަގުތު ފުޓްސަލް ޗެލެންޖް 2023 ގެ ފައިނަލް މެޗުގައި މައިލޯ ސިޓީއާއި އެފްސީ އުސްގަނޑަ ވާދަކުރާ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 9:30 ގައެވެ.