މި ސީޒަނުގައި މެންޗެސްޓަރ ސިޓީއިން ތިން ތަށި ހޯދައިފި ނަމަ ޓީމުގެ ކުޅުންތެރިންނަށް ބޯނަސްދޭން އެޓީމުގެ މެނޭޖުމަންޓުން ނިންމައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ތިން ވަނަ ތަށި ހޯދުމަށް ނިކުންނަ އިރު ސިޓީއިން ވަނީ ޕްރިމިޔަރ ލީގުގެ އިތުރުން އެފްއޭ ކަޕު ކާމިޔާބުކޮށްފައެވެ. ހޮނިހިރު ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީއިން ނިކުންނާނީ އިންޓަރ މިލާންއާއި ދެކޮޅަށެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ރެކޯޑު މުގުރާލާ ތިން ތަށި ހޯދައިފި ނަމަ ކުޅުންތެރިންނަށް ދޭން ނިންމާފައި ވަނީ ފަސް ލައްކައާއި އެއް މިލިއަން ޔޫރޯގެ ބޯނަސްއެކެވެ. އެހެން ނަމަވެސް އެކި ކުޅުންތެރިންނަށް ބޯނަސް ލިބިގެން ދާނީ އެކި އަދަދުންނެވެ. ޓީމުގެ އެންމެ ސީނިއާ ކުޅުންތެރިން ކަމަށްވާ ކެވިން ޑެބްރޫނޭ އާއި ކެޕްޓަން އިކާއީ ގުންޑޮގަން އަދި ފޯވަޑް ހާލަންޑް ފަދަ ކުޅުންތެރިންނަކީ އެންމެ މަތީ އަދަދުން ބޯނަސް ލިބޭނެ ކުޅުންތެރިންނެވެ.

އަދި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވި އޮތުމުން ސިޓީގެ އަމާޒަކީ މިއަހަރު އެތަށި ހޯދާ އެއް ސީޒަނެއްގައި ތިން ތަށި ހޯދައިގެން ރެކޯޑު މުގުރާލުމެވެ. މީޑިޔާ ރިޕޯޓުތަށް ބުނާގޮތުން ސިޓީއިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި ނަމަ 10 މިލިއަން ޔޫރޯގެ އިނާމެއް ލިބިގެން ދާނެއެވެ.

މީގެ ކުރިން އެއް ސީޒަނެއްގައި ތިން ތަށި ހޯދައިގެން މި ރެކޯޑު ހަދާފައި ވަނީ ސަ އެލެކްސް ފާގަސަންގެ ކޯޗު ކަމުގައި މެންޗެސްޓަރ ޔުނައިޓެޑުންނެވެ. އެހެން ކަމުން ސިޓީއިން މި ރެކޯޑު މުގުރާލައިފި ނަމަ މެންޗެސްޓަރގެ ދެ ކުލަބު ތާރީހުގެ ތެރެއަށް ވަންނާނެއެވެ.