އެފްރިކާގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް އެފްރިކަން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން އެންމެ ފަހުގެ ޗެމްޕިއަން މޮރޮކޯގެ ވައިދާދު އެތްލެޓިކް ބަލިކޮށް މިސްރުގެ އަލް އަހްލީ އިން ހޯދައިފިއެވެ.

މިއީ އެފްރިކާގެ ޗެންޕިއަންކަން އަލް އަހްލީ އިން ހޯދި 11 ވަނަ ފަހަރެވެ.

އަލް އަހްލީ ޗެންޕިއަންކަން ހޯދީ މޮރޮކޯގެ ކަސަބުލަންކާ މުހައްމަދު ވީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލްގެ ދެވަނަ ލެގް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، 3-2 ގެ އެގްރިގޭޓު ނަތީޖާއަކުންނެވެ. މިދެޓީމު މިސްރުގައި ކުޅުނު ފުރަތަަމަ ލެގް އަލް އަހްލީ އިން ކާމިޔާބުކުރީ 2-1 ގެ ނަތީއްޖާއަކުންނެވެ.

ރޭގެ މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ވައިދާދު ޓީމުންނެވެ. ފުރަތަަމަ ހާފުގެ 27 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔަހިއާ އައްތިޔާތުالله އެވެ. މިއީ އަލް އަހްލީގެ ޕެނަލްޓީ އޭރިއާ ބޭރުން އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ފޮނުވާލި ބާރު ހަމަލާ ގޯލްގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފުގައި އަލް އަހްލީގެ ކުޅުން ރަނގަޅުކޮށް ވައިދާދު ކޮޅަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ. މެޗުގެ 78 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ޑިފެންޑަރު ޢަލީ މާލޫލް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މުހައްމަދު އަބްދުލްމޮނީމް ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ކާމިޔާބީއާ އެކު މިއަހަރުގެ ކުލަބް ވޯލްޑް ކަޕްގެ ޖާގައެއް އަލް އަހްލީއަށް ވަނީ ކަށަވަރުވެފައެވެ.