ޖަރުމަންގެ ކްލަބް ބަޔާން މިޔުނިކްއަށް ސްޓްރައިކަރެއް ހޯދަން އެ ކްލަބުން 100 މިލިއަން ޔޫރޯ ހަރަދުކުރަން ތައްޔާރަށް ތިބި ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި މިވަގުތު ބަޔާންއިން ދަނީ ޓޮޓެންހަމަށް ކުޅެމުންދާ ހެރީ ކޭންއާއި ނަޕޯލީގެ ވިކްޓޯ އޯސިމްހެންއާއި ރާންޑަލް ކޮލޯ މުއާނީ އަށް ފާރަލަމުންނެވެ. 9 ނަންބަރަށް ކުޅޭނެ ކުޅުންތެރިއެއް ހޯދުމަށް މި ތިން ސްޓްރައިކަރުންނަށް މެންޗެސްޓާ ޔުނައިޓެޑުން ވެސް ފާރަލަމުންދެއެވެ. މި ތިން ކުޅުންތެރިންގެ އިތުރަށް ދުޝާން ވްލާހަވިޗްއަށްވެސް ބަޔާންއިން ފާރަލަމުންދެއެވެ.

ބުންޑެސްލީގާގައި ހިމެނޭ ބަޔާންއިން މިފަދަ އަދަދެއްގެ ފީއެއް ދީގެން ސްޓްރައިކަރެއް ހޯދާނެ ކަމަށް ވިދާޅުވެފައިވަނީ އެ ކްލަބްގެ ރައީސް ހާބާޓް ހެއިނަރއެވެ.

މިދިޔަ އަހަރުގައި ޕޮލޭންޑަށް ނިސްބަތްވާ ބަޔާންއަށް ކުޅެމުންގެންދިޔަ ސްޓްރައިކަރ ރޮބާޓް ލެވަންޑޯސްކީ ބަޔާން ދޫކޮށް، ބާސެލޯނާއާއި ގުޅުނު ފަހުން ބަޔާނަށް ވަނީ އެ މަގާމަށް ކުޅޭނެ އެހެން ކުޅުންތެރިޔެއް ނުލިބިފައިއެވެ.

ޖަރުމަންގެ ނޫހަކަށް އިންޓަވިއު ދެއްވަމުން ހެއިނަރ ބުނީ ފެންވަރު ރަނގަޅު ސްޓްރައިކަރުންނަކީ ވަރަށް މަދު ބައެއް ކަމުން ވްލާހަވިޗް، މުއާނީ، އޯސިމްހެންއާއި ކޭން ފަދަ ކުޅުންތެރިންނަކީ ގިނަ ކްލަބްތަކުން ފާރަލަމުންދާ ކުޅުންތެރިންކަމަށެވެ. ސްޓްރައިކަރުންނަކީ އަގުބޮޑު ބަޔަކަށްވުމުން ކްލަބުން އިސްކަން ދެނީ ހުރިހާ ގޮތަކުންވެސް އެންމެ އެކަށޭނަ ކުޅުންތެރިއެެއް ބަލައިގެން ހޯދުމަށް ކަމަށެވެ.

"އެފްސީ ބަޔާނުން ތިބީ 100 މިލިއަން ޔޫރޯ ޚަރަދުކުރުމަށް ތައްޔާރަށް އެކަމަކު ޓްރާންސްފާއެއް ކުރާއިރު ހުރިހާ ކަމެއްވެސް ފުރިހަމަ ވާން ޖެހޭނެ. ރަނގަޅު ހައްލެއް ހޯދާނަން" ހެއިނަރ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި ބަޔާން މިވަގުތު އޮތީ ކޮލޯ މުއާނީ ހޯދުމުގެ ރޭހުގައި އެންމެ ކުރީގައިއެވެ.