އިނގިރޭސި ކުލަބް ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑުފިލްޑަރ ކައި ހާވަރޓްޒް ހޯދުމަށް އާސެނަލުން ރަސްމީގޮތެއްގައި މަޝްވަރާކުރަން ފަށައިފިއެވެ.

މީޑިޔާ ރިޕޯޓުތަށް ބުނާ ގޮތުން އުމުރުން 29 އަހަރުގެ ހާވަރޓްޒްވެ ސް ބޭނުން ވަނީ އާސެނަލާއި ގުޅުމަށެވެ. އެހެން ނަމަވެސް ޗެލްސީއިން ހުށައަޅާފައިވާ 75 މިލިއަން ޔޫރޯގެ ހުށައެޅުން އާސެނަލުން ވަނީ ގަބޫލު ނުކޮށް އަގު ކުޑަކުރުމަށް އެދިފައެވެ.

ރިއަލް މެޑުރިޑުންވެސް ހޯދުމަށް މަސައްކަތް ކުރި ހާވަރޓްޒް ހޯދުން އެކުލަބުން މިހާރު ހުއްޓާލާފައި ވާކަމަށް މީޑިޔާ ރިޕޯޓުތަށް ބުނެއެވެ. އެއީ ޗެލްސީއިން ހުށައެޅި އަގާއި މެދު ހިންހަމަ ނުޖެހޭތީ ކަމުގައިވެސް ރިޕޯޓުތަށް ބުނެއެވެ. އެހެން ކަމުން އާސެނަލުން ކުރަމުންދާ މަސައްކަތް ކާމިޔާބު ވުމުގެ ފުރުސަތު ބޮޑު ކަމުގައި މީޑިޔާ ރިޕޯޓުތަށް ބުނެއެވެ.

2020 ވަނަ އަހަރު ޗެލްސީއާއި ގުޅުނު ހާވަރޓްޒް ވަނީ މިހާތަނަށް އެކުލަބަށް ޖުމުލަ 91 މެޗު ކުޅެދީ 19 ގޯލުވެސް ކާމިޔާބުކޮށްދީފައެވެ. އަދި ޖަރުމަނުގެ ގައުމީ ޓީމާއި އެކު 2018 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އިރު، މިހާތަނަށް ވަނީ 35 މެޗު ކުޅެދީ 13 ގޯލު ކާމިޔާބުކޮށްދީފައެވެ.

ހާވަރޓްޒް ޗެލްސީއާއި އެކު ކުޅުނު ފުރަތަމަ ސީޒަނުގައި އެކުލަބާއި އެކު ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން 2021 ވަނަ އަހަރުގެ ކުލަބް ވޯލްޑް ކަޕުވެސް ކާމިޔާބު ކުރިއެވެ. އަދި ހަމަ އެއަހަރު ޔުއެފްއާ ސުޕަރ ކަޕްވެސް ވަނީ ކާމިޔާބުކޮށްފައެވެ. އަދި 2021 އަދި 2022 ވަނަ އަހަރުގެ އެފްއޭ ކަޕުގެ ފައިނަލުގައި ވެސް ވަނީ ކުޅެފައެވެ.

ނަމަވެސް ފާއިތުވި ސީޒަނަކީ ފަހަކަށް އައިސް ޗެލްސީއަށް ކުރިމަތިވި އެންމެ ނާކާމިޔާބު ސީޒަނެވެ.