ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި އާޖެންޓީނާއިން އޮސްޓްރޭލިއާ ބަލިކޮށްފިއެވެ.

މިއީ ވޯލްޑް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު އާޖެންޓީނާއިން ކުޅުނު ތިން ވަނަ މެޗެވެ. ނިމިދިޔަ ވޯލްޑް ކަޕްގެ ގަދަ 16ގައި މި ދެ ޓީމު ވާދަކޮށްފައިވާއިރު، އާޖެންޓީނާއިން ވަނީ 1-2ގެ ނަތީޖާއިން އޮސްޓްރޭލިއާ މައްޗަށް ކުރި ހޯދާފައެވެ.

މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން 1 މިނެޓު 19 ސިކުންތުގައި އޭރިއާގެ ބޭރުން ގޯލުގެ މަތީ ކަނަށް ފޮނުވާލި ހަމަލާއިން ލިއޮނަލް މެސީ ވަނީ އާޖެންޓީނާއަށް ލީޑު ނަގައިދީފައެވެ. މިއީ ފުޓުބޯޅައިގެ ކެރިއަރުގައި މެސީ މިހާތަނަށް ޖެހި އެންމެ އަވަސް ގޯލު ވެސް މެއެވެ. މެސީ އެންމެ ފަހުން ކުޅުނު 7 މެޗުގައި އޭނާ ވަނީ ޖުމުލަ 10 ގޯލު ކާމިޔާބުކޮށްދީފައެވެ. އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ ރެކޯޑް ވެސް އޮތީ މެސީ އަތުގައެވެ.

މި މެޗުގައި އޮސްޓްރޭލިއާ އިން އުފެއްދި ގިނަ ހަމަލާތައް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފައެވެ. އާޖެންޓީނާއިން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައެވެ. މިއީ ނިކޮލަސް އޮޓަމެންޑީ ދިން ބޯޅައަކުން ޖާމަން ޕަޒެލާ ކާމިޔާބުކޮށްދިން ރީތި ގޯލެކެވެ.

މި މެޗުގައި ޒުވާން ކުޅުންތެރިންތަކެއް އާޖެންޓީނާގެ ޓީމުން ފެނިގެން ގޮސްފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އަލެޔަންދްރޯ ގަނާޗޯ ވެސް ފެނިފައެވެ. މިއީ ގައުމީ ޓީމަށް އޭނާ ކުޅުނު ފުރަތަމަ މެޗު ވެސްމެއެވެ.

ވަރުގަދަ ފޯމެއްގައި އޮތް އާޖެންޓީނާއިން އެންމެ ފަހުގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ޕެނަލްޓީގައި ފްރާންސް ބަލިކޮށްގެންނެވެ.