އިޓަލީގެ ޗެމްޕިއަން ނަޕޯލީގެ ކޯޗަކަށް ފްރާންސަށް އުފަން ރުޑީ ގާސިއާ ހަމަޖައްސައިފިއެވެ.

ލޫޗާނޯ ސްޕަލެޓީގެ ބަދަލުގައި ނަޕޯލީގެ ކޯޗަކަށް ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކޯޗުކޮށް ދިން ގާސިއާ ހަމަޖައްސާފައިވާ ކަން ނަޕޯލީން އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަލް ނަސްރުން ވަކިކުރި ކޯޗު ގާސިއާ ނަޕޯލީއާ އެކުގައި ހެދި އެއްބަސްވުމުގެ މާ ބޮޑު ތަފްސީލެއް އަދި ނުލިބެއެވެ.

ތިރީސް ތިން އަހަރަށް ފަހު، އިޓަލީގެ ޗެމްޕިއަން ކަން ފުރަތަމަ ފަހަރަށް ހޯދައި ދިން ނަޕޯލީގެ ކުރީގެ ކޯޗު ސްޕެލެޓަނީ ބޭނުންވަނީ އަހަރެއްހާ ދުވަސް ވަންދެން ފުޓްބޯޅަ އިން ބްރޭކެއް ނެގުމަށެވެ. އޭނާ ވަނީ އަހަރުތަކެއް ވަންދެން އެއް މަސައްކަތެއް ކުރަން ޖެހުމުން އެކަމުގެ ވަރުބަލިކަން ފިލުވުމުގެ އިތުރަށް އޭނާގެ ދަރިފުޅާއެކު ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

އުމުރުން 59 އަހަރުގެ ގާސިއާ ވަނީ މީގެ ކުރިން އިޓަލީ ލީގްގެ އެހެން ކްލަބެއް ކަމުގައިވާ އޭއެސް ރޯމާއަށް 2013 އިން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ކޯޗްކަން ކޮށްދީފައެވެ. އަދި އޭގެ ފަހުން، އޭނާ ވަނީ ފްރާންސްގެ ކްލަބް މާސޭ އާއި ލިޔޯންއަށް ވެސް ކޯޗްކަން ކޮށްދީފައެވެ.

ސައުދީ ޕްރޯ ލީގްގައި ދެ ވަނަ ހޯދި އަލް ނަސްރުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގާސިއާ އާ މައްސަލަތަކެއް ޖެހުނު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ގާސިއާ އޮގަސްޓް މަހުގައި ޓީމާ ހަވާލުވާއިރު، ކިމް މިން ޖޭއާއި ވިކްޓޯ އޯސިމްހަން ފަދަ ކުޅުންތެރިންގެ ޓްރާންސްފާ ހަމަޖެހުމަކީ ގާސިއާގެ އުންމީދެއް ކަމުގައި ރިޕޯޓްތައް ބުނެއެވެ.