ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ އެމެރިކާގެ މިއާމީ އަށް ދިރިއުޅުން ބަދަލު ކުރުމުގެ ކުރިން އެ ސިޓީން ގެއެއް ގަންނަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެސީ ވަނީ އަންނަ ސީޒަންގައި އެމެރިކާގެ ކުލަބް އިންޓަ މިއާމީ އަށް ބަދަލުވާނެ ކަން އިއުލާންކޮށްފައެވެ. ޕީއެސްޖީގައި ހޭދަކުރި ދެ އަހަރު އެ ކުލަބަށް ފްރާންސް ލީގު ކާމިޔާބުކޮށް ދިނުމުގައި އެހީތެރިވި ނަމަވެސް މެސީ ވަނީ އެ ކުލަބާ އެކުގައި އިތުރު އެއްބަސްވުމެއްގައި ސޮއި ނުކުރަން ނިންމައިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިހާރު ވެސް މިއާމީގައި މެސީގެ 15 މިލިއަން ޕައުންޑްގެ ހަތަރު ގެ އެބަހުއްޓެވެ. މިފަހަރު މެސީ ބޭނުންވަނީ ވޯޓާސައިޑް ކޮންޑޯއެއް ހުންނަ ގެއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަތް ފަހަރު ބެލޮންޑިއޯ ހާސިލްކުރި މެސީ މީގެ ކުރިން ވަނީ 4،400 އަކަމީޓަރުގެ ޕޯޝް ޑިޒައިން ޓަވަރެއް ގަތިުމަށް ހަތް މިލިއަން ޕައުންޑް ޚަރަދުކޮށްފައިއެވެ. އަދި މެސީ ވަނީ ކޮލިންސް އެވެނިއުގައި ހުންނަ ރެގަލިއާ ޓަވަރުގެ ނުވަ ވަނަ ފަންގިފިލާ އެއްކޮށް ގަނެފައެވެ. ލަގްޒަރީ ޓްރަމްޕް ރޯޔަލް ޓަވަރުގައި ވެސް މެސީގެ ދެ ޕްރޮޕަޓީއެއް ހުރެއެވެ. އަދި އެއިން ކޮންމެ ޓަވަރަކަށް 800،000 ޕައުންޑް ހޭދަކޮށްފައިވެއެވެ.

އުމުރުން 35 އަހަރުގެ މެސީ ހޯދުމަށް އޭނާގެ ކުރީގެ ކްލަބު ބާސެލޯނާ އާއި ސައުދީ އަރަބިއާގެ އަލް ހިލާލުން ވެސް މަސައްކަތްކުރިއެވެ. އެގޮތުން ބާސާގެ މާލީ ހާލަތާ ގުޅިގެން މެސީއަށް ރަނގަޅު ހުށަހެޅުމެއް ހުށަހެޅިފައި ނުވާ އިރު، އަލް ހިލާލުން މެސީއަށް ބޮޑު މުސާރައެއް ހުށަހެޅި ނަމަވެސް، އޭނާ ވަނީ އެ ހުށަހެޅުން މަޑުޖައްސާލައިފައެވެ.

އިންޓަ މިއާމީން މެސީ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުކުރީ އެ ކްލަބުގެ ޕާޓްނަރުންގެ ގޮތުގައި ހިމެނޭ އެޕަލް އާއި އެޑިޑާސްގެ އެހީތެރިކަމާއެކުއެވެ. އެޕަލް ޓީވީ ޕްލަސް އާއި އެޑިޑާސް އިން ވެސް ފައިދާގެ ހިއްސާއެއް މެސީއަށް ދިނުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.