އާންމު ގޮތެއްގައި ދުނިޔޭގެ ނަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނަކީ ކުޑައިރުއްސުރެ ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިކަން ހުންނަ މީހުންނެވެ. އުމުރުން 35 އަހަރުގެ ލިއޮނަލް މެސީ ވެސް އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 14 އަހަރުގައި ސްޕެއިންގެ ފުޓްބޯޅަ ކްލަބް ބާސެލޯނާގެ 14 އަހަރުން ދަށުގެ ޓީމުންނެވެ.

މެސީ ވަނީ ބާސެލޯނާގެ ސީނިއާ ޓީމަށް ބަދަލުވެ، 778 މެޗް ކުޅެދީގެން އެ ކްލަބަށް ޖުމްލަ 672 ގޯލް ކާމިޔާބުކޮށްދީފައިއެވެ. މީގެއިތުރުން މެސީ ވަނީ އާޖެންޓީނާއަށް ކުޅެދިން 175 މެޗްގައި 103 ލަނޑު ޖަހާދީފައިއެވެ. މިއާއިއެކު، އޭނާގެ މުޅި ފުޓްބޯޅަ ކެރިއަރުގައި މެސީ ވަނީ 1028 މެޗްއެއްގައި ޖުމްލަ 807 ގޯލް ޖަހާފައިއެވެ. އެހެންކަމުން، މެސީއަކީ ފުޓްބޯޅައިގެ ދުނިޔޭގައި އެފަދަ ދެވަނައެއް ނެތް ލެޖެންޑެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ކުޅުންތެރިއެކެވެ.

އާޖެންޓީނާއަށް މިދިޔަ އަހަރުގައި ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި ބޮޑު ދައުރެއް ކުޅެފައިވާ މެސީ ވަނީ ޝަރަފްވެރި ބެލަން ޑޯގެ އެވޯޑް ހަތް ފަހަރު މަތިން ހާސިލުކޮށްފައެވެ. އަދި އޭގެ އިތުރުން މެސީ ވަނީ އެތަކެއް ރިކޯޑްތައްވެސް ހަދާފައިއެވެ.

އާޖެންޓީނާއަށް ނިސްބަތްވާ މެސީއާއި އެންމެ ފަހުން އަޅާ ކިޔަފައިވަނީ ތުރުކީ ލީގް ކްލަބް ފެނަބާޗޭއަށް ކުޅެމުންދާ އަރްދާ ގުލާއަށެވެ. އުމުރުން 18 އަހަރުގެ ތުރުކީ ރައްޔިތެއް ކަމުގައިވާ އަރްދާ ގުލާގެ ހުނަރު ފެނިފައި ގިނަ ބަޔަކު އޭނާއަށް މުހާތަބުކޮށް "ތުރުކީ މެސީ" ގެ ނަން ވަނަމެއްގެ ގޮތުގައި ދީފައިވެއެވެ.

ފުޓްބޯޅަ ދިރާސާ ކުރާ ބައެއް މީހުން ބުނާ ގޮތުން ނަމަ، ފުރާވަރުގައި މެސީ ކުޅެ އުޅުނު ވައްޓަފާޅި އާއި ގުލާގެ ކުޅުމުގެ ވައްޓަފާޅިއާ ކޮންމެވެސް ވަރަކަށް އެއްގޮތެވެ. ސަބަބަކީ މެސީއެކޭ އެއްގޮތަށް ގުލާއަށް ވެސް ހަލުވިކޮށް ބޯޅަ ޑްރިބްލް ކުރުމުގެ ހުނަރު ލިބިފައިވުމެވެ. އަނެއް ގޮތަކީ، ބޯޅަ ކޮންޓްރޯލްކުރުމުގައި ގުލާއަށް ބޮޑަށް ބަރޯސާވެވެނީ އޭނާގެ ވާތު ފަޔަށެވެ. މިއީ އޭނާގެ ކެރިއަރުގެ ކުރީކޮޅު މެސީއަށްވެސް ކުޅެވުނު ގޮތެއް ކަމަށް ބުނެވެއެވެ. ނަމަވެސް މެސީ ވަނީ އެއް ފަޔަށް ބަރޯސާވުމުގެ އާދަ ދޫކޮށްލައިފައެވެ.

ގުލާގެ ވާތު ފައިގެ ހަރަކާތްތެރިކަން ފުރިހަމަވުމުގެ އިތުރަށް އޭނާއަކީ ކޯނަރުން ލަނޑު ޖެހުމަށް ވަކިން ފާހަގަކޮށްލެވޭ ކުޅުންތެރިޔެކެވެ. އަދި ސްޓްރައިކަރުންގެ ކޮންޓްރޯލުން ބޯޅަ ހޯދައިގެން ދިގު ބޯޅައެއް ފޮނުވާލުމުގައިވެސް ގުލާ ކުޅަދާނައެވެ. ގުލާއަކީ މިޑްފިލްޑަރެކެވެ. އެކަމަކު، ބައެއް ހާލަތްތަކުގައި ވިންގާއެއްގެ ރޯލް ކުޅުމުގެ ހުނަރުވެސް ގުލާގެ އެބަހުއްޓެވެ.

ފެނަބާޗޭއަށް ކުޅެފައިވާ މެސުޓް އޮޒިލްގެ 10 ނަމްބަރު ޖާޒީލުމުގެ ފުރުސަތު ލިބިފައިވާ ގުލާއަކީ 'ވޯލްޑް ސްޓާރަކަށް' ވާނެ ކުޅުންތެރިއެއް ކަމަށް އޮޒިލް ވެސް ބުނެފައިވެއެވެ. އޮޒިލްއަކީ ރިޓަޔާވުމުގެ ކުރިން ގުލާއާއިއެކީ ފެނަބާޗޭގައި މަސައްކަތްކުރި ކުޅުންތެރިޔެކެވެ. ބާސެލޯނާއިން އޭނާ ހޯދުމުގެ މަސައްކަތް ކުރާކަން އެނގުމުން، އޮޒިލް ވަނީ އަދި އެއް އަހަރު ވަންދެން ފެނަބާޗޭގައި މަޑުކުރުމަށް ނަސޭހަތްތެރިވެފައެވެ.

މެސީގެ އިތުރަށް ގުލާއާއި ދެން އެންމެ ބޮޑަށް އަޅާކިޔާފައިވަނީ ސްޕެއިންގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ހޯސޭ މާރިއާ ގަޓިއަރޭޒް ހާނަންޑޭޒް ނުވަތަ ޢާންމު ނަމުންނަމަ، ގުޓީއާއިއެވެ. ގުޓީއަކީ ރެއާލް މެޑްރިޑަށް ކުޅުނު މިޑްފިލްޑަރަކެވެ. ބާސެލޯނާގެ ޔޫތް ޓީމުން ވިދާލި ގުޓީ ވަނީ އެ ޓީމްގައި 24 ސީޒަނެއްގައި ބައިވެރިވެފައެވެ. އަދި ގުލާއެކޭ އެއްގޮތަށް އޭނާވެސް ވަނީ ތުރުކީގެ ކްލަބަކަށް ކުޅެދީފައިއެވެ. މި ދެ ކުޅުންތެރިންނަކީ ބޯޅަ ކޮންޓްރޯލް ކޮށްގެން އެސިސްޓް ހެދުމުގައި އެއް އުކުޅެއް ގެންގުޅޭ ކުޅުންތެރިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުލާއަށް ފުޓްބޯޅަ ކުޅެން ދަސްކޮށްދިން ކޯޗްއެއް ކަމަށްވާ އެރޮލް ތޮކްގުޒްލާރް ބުނެފައިވާ ގޮތުގައި ގުލާ ކުޅޭ ކޮންމެ މެޗަކަށްފަހު އޭނާ ހޯދަން ބޭނުންވާ ޓީމްތައް ގިނަވެގެންދާނެއެވެ. އަދި މިހާރު އޭނަ ހޯދަން ބިޑް ކުރާ އަދަދުގެ ބަދަލުގައި ބޮޑެތި އަދަދުތަކުން އޭނާގެ އަގު މައްޗަށް އުފުލޭނެ ކަމަށް ތޮކްގުޒްލާރް ބުނެފައިވެއެވެ. އަދި އޭނާ ވަނީ ގުލާގެ ކުޅުމަށް ބަލާ، އޭނާ ތުރުކީގައި މާ ގިނަ ދުވަހަކަށް މަޑުނުކުރާނެ ކަމަށްވެސް ލަފާކޮށްފައިއެވެ.

ގުލާ ހޯދުމުގެ މަޝްވަރާ ކުރުމަށް ބާސެލޯނާގެ ސްޕޯޓިންގ ޑިރެކްޓާ ޑެކޯ ވަނީ ނިމިދިޔަ ބުރާސްފަތި ދުވަހުގައި ތުރުކީގެ ވެރިރަށް އިސްޓަންބުލްއަށް ޒިޔާރަތްކޮށްފައެވެ. މި ޚަބަރާއެކުު ބައެއް ރިޕޯޓްތައް ބުނާގޮތުގައި 2024 ވަނަ އަހަރުގައި ގުލާ ބާސެލޯނާއަށް ކުޅޭތަން ފެނިގެންދިއުން އެކަށީގެންވެއެވެ. ގުލާގެ ރިލީޒް ކްލޯޒްއަށް ހަމަޖެހިފައިވާ އަދަދުވެސް ކުޑަކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.

ގުލާގެ ހުނަރު ފާހަގަވެގެން ރެއާލް މެޑްރިޑްގެ އެމިލިިއޯ ބުޓްރަގުއެނޯއާއި ރޮބާޓޯ ކާލޯސްވެސް ފެނަބާޗޭއާއި ވާހަކަދެއްކުމަށް އިސްތަންބުލްއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ.

ދެހާސް ފަންސަވީސް ވަނަ އަހަރުގެ ނިޔަލަށް ހަމަވާ އެއްބަސްވުމެއްގައި ފެނަބާޗޭއާއެކު ސޮއިކޮށްފައިވާ ގުލާގެ ރިލީޒް ކްލޯސްގެ ގޮތުގައި 17.5 މިލިއަން ޔޫރޯ (15 މިލިއަން ޕައުންޑް/19 މިލިއަން ޑޮލަރު) ކަނޑައަޅާފައިވެއެވެ. އޭނާގެ ސޮއި ހޯދުމަށް ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ އިތުރުން ޔޫރަޕްގެ އެންމެ މޮޅެތި ކްލަބްތަކުން ބޭނުންވެއެވެ. އޭގެ ތެރޭގައި ޖަރުމަންގެ ބަޔާން މިއުނިކާއި ޕްރިމިއާ ލީގު ކްލަބް އާސެނަލްވެސް ހިމެނެއެވެ.

ބާސާގެ ރައީސް ޖޮއާން ލަޕޯޓާ އެ ކްލަބުގެ ޙާލަތު ހަމައަކަށް އަޅުވަން މަސައްކަތްކުރިޔަސް، އެ ކްލަބްގެ މާލީ ޙާލަތު އެންމެ ރަނގަޅު ހިސާބެއްގައި ނެތުމުން، ގުލާ ހޯދުމުގެ ރޭހުން ރެއާލް މެޑްރިޑަށް ކުރި ލިބޭނެ ކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ.

ޔޫރޯ 2024 ކޮލިފައިން މެޗްތަކުގައި ތުރުކީގެ ގައުމީ ޓީމަށް ދެ މެޗުން މޮޅު ހޯދައި ދިނުމުގައި އެހީތެރިވި ގުލާ ވަނީ އެންމެ ފަހު ސީޒަނުގައި ފެނަބާޗޭގައި ވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުމެއް ދައްކައިފައެވެ.