ޕެނަލްޓީގައި ކުވައިތު ބަލިކޮށް އިންޑިއާ އިން 9 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އިންޑިއާގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ވަގުތު ހަމަވި އިރު ދެ ޓީމު ވެސް ވަނީ 1-1 އިން އެއްވަރުވެފައެވެ. އެހެންވެ، ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެ ހާފް ކުޅެގެން ވެސް ނަތީޖާ ނެރެވޭ ގޮތެއް ނުވުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި އިންޑިއާ މޮޅުވީ 5-6 އިން ކުވައިތުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ކުވައިތާއި އިންޑިއާ ބައްދަލު ކުރި މެޗު. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އިންޑިއާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ކުވައިތުން މެޗު ފަށައިގެން އިންޑިއާގެ ގޯލަށް ނުރައްކާ ކުރަން ގިނަ ހަމަލާތަކެށް އުފައްދަމުން ދިޔައިރު، އިންޑިއާ އިން ވެސް ގެންދިޔައީ ކުވައިތުގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކުރަމުންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ކުވައިތާއި އިންޑިއާ ބައްދަލު ކުރި މެޗު. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ކުވައިތު ޓީމުގެ ފަރާތުން މެޗުގެ ފުރަތަމަ 30 މިނެޓުގައި ވަރަށް ހަމަޖެހިގެން ކުޅެމުން ދިޔައިރު، އިންޑިއާ ކުޅުންތެރިންގެ ފަރާތުން މެޗު ޕުރެޝަރުގެ އަސަރު ފެންނަމުން ދިޔައެވެ. އިންޑިއާގެ ގޯލަށް އަމާޒުކުރަމުން ދިޔަ ހަމަލާތަކުން އެއް ހަމަލާ ކާމިޔާބުކޮށް މެޗުގެ 15 ވަނަ މިނެޓުގައި ކުވައިތުން ވަނީ ގޯލު ޖަހާ ލީޑު ނަގާފައެވެ. ކައުންޓާ އެޓޭކެއްގެ ބޭނުން ހިފާ މި ލަނޑު ކުވައިތަށް ކާމިޔާބުކޮށްދިނީ ޝަބައިބް އަލް ޙަލްދިއެވެ.

މެޗުގެ ކުރީކޮޅު ކުވައިތުން ގޯލު ޖަހާ ލީޑު ނެގުމާއެކު އިންޑިއާ ޓީމު ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރުކޮށްފައެވެ. ދެޓީމުގެ ފަރާތުން ވެސް ގިނަ ފައުލުތަކެއް ފެނިގެން ދިޔަ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި އިންޑިއާ އިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ކުވައިތުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ސުނިލް ޗެތްރީ ހުރަސްކޮށްދިން ބޯޅައެއްގެ ބޭނުން ހިފާ މި ލަނޑު ކާމިޔާބުކޮށްދިނީ މިދިޔަ އަހަރު އިންޑިއާގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ލަލިއަންޒުލާ ޖަންގްޓޭއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ކުވައިތާއި އިންޑިއާ ބައްދަލު ކުރި މެޗު. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ފޯރިގަދަ ހޫނު ދެވަނަ ހާފުގައި ގޯލު ޖެހުމަށް ދެޓީމުން ވެސް ކުރަމުން ދިޔަ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް ގިނަ ފައުލު ތަކެށް ދެޓީމުގެ ފަރާތުން ފެނިގެން ދިޔައިރު، ގިނަ ބަދަލު ތަކެށްވެސް ވަނީ ފެނިގެން ގޮސްފައެވެ. މެޗުގެ 90 މިނެޓު ހަމަވި އިރު މެޗުގެ ނަތީޖާ އެއްވަރު ވެފައި އޮތުމުން 15 މިނެޓުގެ ދެހާފު ވަނީ ކުޅެފައެވެ. ނަމަވެސް ދެ ހާފްގައި ވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ.

ސެމީ ފައިނަލުގައި އިންޑިއާ އިން ލުބުނާނު ބަލިކޮށްފައި ވަނީ ވެސް ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހައިގެންނެވެ. ދާދި ހަމަހަމަކޮށް ދިޔަ ޕެނަލްޓީގައި ކުވައިތުގެ އެންމެ ފަހު ޕެނަލްޓީ ވަނީ އިންޑިއާގެ ކީޕަރު ހިފަހައްޓާފައެވެ. ކުވައިތުގެ ކެޕްޓަން ގޯލު މަތީ ކަނަށް ފޮނުވާލި މި ޕެނަލްޓީ ދިފާއުކޮށް އިންޑިއާ އިން މިވަނި ޖެހިިޖެހިގެން ދެވަނަ ފަހަރު، އަދި މުޅި ޖުމުލަ ނުވަ ވަނަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ.