ޅ. އޮޅުވެލިފުށީގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް "ކޮޕަރ ރޭމެންސް 2023" ދެވަނަ މެޗު ކާފަ ޓީމުން ކާމިޔާބުކޮށްފިއެވެ.

ޔަންގް ސްޓަރސް އާއި ބައްދަލު ކުރި މި މެޗު ކާފަ ޓީމުން ކާމިޔާބުކޮށްފައި ވަނީ 0-1ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ފޯރި ގަދަ ކުޅުމެށް ފެނިގެން ދިޔަ މި މެޗުގައި ކާފަ ޓީމުން ވަނީ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެށް އަމާޒުކޮށްފައެވެ. މިމެޗުގައި ކާފަ ޓީމުން ކާމިޔާބު ކުރި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އިމްރާން މުހައްމަދުއެވެ. މި ގޯލާއި އެކު ޔަންގް ސްޓަރސް އިން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތަކެށް އުފައްދާފައެވެ.

ވާދަވެރި ކުޅުމެށް ފެނިގެން ދިޔަ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކާފަ ޓީމުގެ ހަމަ އެކަނި ގޯލު ކާމިޔާބުކޮށްދިން އިމްރާން މުހައްމަދުއެވެ.

އޮޅުވެލިފުށި "ގޯލްސް" ޖަމިއްޔާ އިން އިންތިޒާމުކޮށްގެން 2010 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތް މިހާތަނަށް ވަނީ ޖުމުލަ އަށް ފަހަރު ބާއްވާފައެވެ. މިފަހަރުގެ މުބާރާތުގައި ހަ ޓީމު ވާދަކުރެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. އަދި ރަނަރަޕް ޓީމަށް 10،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފެއާ ޕްލޭ ޓީމަށް 5،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި ޓީމް އޮފް ދި ޓޯނަމެންޓުވެސް ހޮވާނެއެވެ. މި މުބާރާތުގެ ޗެމްޕިއަން، ރަނަރަޕް އަދި ފެއާޕުލޭ ޓީމަށް ދޭ ފައިސާގެ އިނާމަކީ އޮޅުވެލިފުށި ދާއިރާގެ މަޖިލިސް މެމްބަރ އަބްދުލް ގަނީ އަބްދުލް ހަކީމް ދެއްވާ އިނާމެވެ.