މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު އެޑްވިން ވެން ޑެ ސާގެ ސިކުނޑިއަށް ލޭ އެޅިގެން އޭނާއަށް ފަރުވާ ދޭން ފަށައިފިއެވެ.

އުމުރުން 52 އަހަރުގެ ވެން ޑަ ސާއަށް މި ހާލަތު މެދުވެރިވީ ކްރޮއޭޝިއާގައި ޗުއްޓީ ހޭދަކުރަނިކޮށެވެ. މިހާރު ކްރޮއޭޝިއާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ވެން ޑެ ސާއަށް ދަނީ ކުއްްލި ފަރުވާ ދެމުންނެވެ.

ނެދަލެންޑްސްގެ ފުޓްބޯޅަ ލެޖެންޑްއެއް ކަމުގައިވާ ވެން ޑެ ސާ މަސައްކަތްކޮށްފައިވާ ފުޓްބޯޅަ ކްލަބް އަޔެކްސްއިން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި މިވަގުތު ވެން ޑެ ސާ އޮތީ 'ސްޓޭބަލް' ހާލަތެއްގައެވެ.

އަޔަކްސްގެ ޗީފް އެގްޒެކެޓިވްގެ މަގާމުން ވެން ޑެ ސާ އިސްތިއުފާ ދިނީ މިދިޔަ މެއި މަހު ޑަޗް ލީގުގެ ތިން ވަނަ ހޯދައި 2009 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގަށް އަޔެކްސް ކޮލިފައި ނުވުމުންނެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްކޮޅުގައި އޭނާ ވަނީ 2008 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި 4 ޕްރިމިއާ ލީގް ތަށި ކާމިޔާބުކުރުމުގައި އެހީތެރިވެފައިއެވެ.
އޭނާ ވަނީ ޕްރިމިއާ ލީގްގައި ފުލަމްއަށް ކުޅެދިނުމުގެ އިތުރަށް އިޓަލީ ލީގްގައި ޔުވެންޓަސް ޓީމަށް ވެސް ކުޅެދީފައެވެ.
ވެން ޑެ ސާ ވަނީ ނެދަލޭންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމަށް 130 މެޗް ކުޅެފައެވެ. އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2011 ވަނަ އަހަރު ޔުނައިޓެޑްގައި ހުރެފައެވެ. ފަހުން އޭނާ ވަނީ 2016 ވަނަ އަހަރު އެ ކްލަބުގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް އައްޔަންކޮށްފައެވެ.