އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ ގޯލް ކީޕަރު ޑޭވިޑް ޑެހެއާ 12 އަހަރު ފަހުން އެ ކުލަބު ދޫކޮށްލަން ނިންމި ކަން މިއަދު އިއުލާންކޮށްފިއެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ނިންމި ކަން ޑެހެއާ އިއުލާންކޮށްފައި ވަނީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ. ޑެހެއާގެ ނިންމުމާ ގުޅިގެން ޔުނައިޓެޑުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.

ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓު ހުޅުވިފައިވާ އިރު، ޑެހެއާ ޔުނައިޓެޑް ދޫކޮށް ފްރީ އެޖެންޓެއްގެ ގޮތުގައި ބޭނުން ކުލަބަކަށް ދެވޭނެއެވެ. އެއީ ޑެހެއާ، ޔުނައިޓެޑްއާ އެކު ހެދި އެއްބަސްވުން ހަމަވެފައިވާތީއެވެ.

ޑެހެއާ ވަނީ ޔުނައިޓެޑްގެ 12 އަހަރުވީ ދިގު ތާރީހުގައި ޓީމުގެ ސަޕޯޓަރުންނާއި މެނޭޖްމަންޓްގެ ފަރާތުން ލިބުނު އެހީތެރިކަމާއި ސަޕޯޓަށް ޝުކުރު އަދާކޮށްފައެވެ. އަދި އަބަދުވެސް ކުލަބު ދެކެ ލޯބިވާނެ ކަމަށާއި ޔުނައިޓެޑު މަތިން ހަނދާން ނުނެތޭނެ ކަމުގައިވެސް އޭނާގެ މެސެޖުގައި ބުނެފައިވެއެ. ނިމިދިޔަ ސީޒަނުގައި ޑެހެއާގެ ފަރާތުން ލިބުނު އެހީތެރިކަމަށް މިހާރުގެ ކޯޗު އެރިކް ޓެން ހާގް ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

2011 ވަނަ އަހަރު ސްޕެއިންގެ އެތްލެޓިކޯ މެޑުރިޑުން މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ޑެހެއާއި މުސްތަގުބަލާއި މެދު ގޮތެށް ނުނިމި ގިނަ ދުވަސްތަކެށް ވީއިރު، ޔުނައިޓެޑުން ދަނީ އިންޓަރ މިލާންގެ ކީޕަރު އޮނާނާ ހޯދުމަށް ބުރަ މަސައްކަތެށް ކުރަމުންނެވެ. އެންމެ ފަހުގެ މީޑިއާ ރިޕޯޓުތަށް ބުނާ ގޮތުން މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ އެންމެ ކާމިޔާބު އެއް ކީޕަރުގެ ގޮތުގައި ކުލަބު ދޫކޮށްލި އިރު، ޑެހެއާ ވަނީ ކުލަބުގެ ދެ ރެކޯޑެށްވެސް ހަދާފައެވެ. 545 މެޗު ޔުނައިޓެޑަށް ކުޅެދީ އެންމެ ގިނަ މެޗު ކުޅެދިން ކީޕަރުގެ އިތުރުން 190 ކުލީން ޝީޓާއެކު އެންމެ ގިނަ މެޗުގައި ކުލީން ޝީޓު ހެދި ކީޕަރުގެ ރެކޯޑުވެސް ވަނީ ހަދައިފައެވެ. މީގެ އިތުރުން ޕުރިމިއާ ލީގާއި، އެފްއޭ ކަޕާއި ޔޫރަޕާ ލީގުގެ އިތުރުން ކަރަބޯ ކަޕްވެސް ވަނީ ޔުނައިޓެޑާއި އެކު ހޯދައިފައެވެ.

12 އަހަރުގެ ދިގު މާޒީއަކާއެކު ކުލަބު ދޫކޮށްލާ ޑެހެއާ ވަނީ ދެ ސީޒަނެށްގައި އެންމެ މޮޅު ކީޕަރަށް ދޭ "ޕްރިމިއާ ލީގް ގޯލްޑެން ގުލޯވްސް" ނުވަތަ ރަން އަންގިވެސް ހޯދައިފައެވެ. އަދި ސަޕޯޓަރުންގެ ވޯޓުން ހޮވާ ސަރ މެޓް ބަސްބީ ޕުލޭޔާ އޮފްދި އިޔާ ހަތަރު ފަހަރު ވަނީ ހޯދައިފައެވެ. އަދި ޔުނައިޑެޓުގެ ޕުލޭޔާ އޮފްދި އިޔާވެސް ހަތަރު ފަހަރު ވަނީ ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު