މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން ދިޔަ ކުޅުންތެރިޔާ ޑޭވިޑް ޑެ ހެއާ ކްލަބް ދޫކުރުމަށްފަހު، ޔުނައިޓެޑުން ކެމެރޫންއަށް ނިސްބަތްވާ ފުޓްބޯޅަ ކުޅުންތެރިޔާ އަންޑްރޭ އޮނާނާއަށް ރަސްމީކޮށް ޑީލް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

މެންޗެސްޓާ ޔުނައިޓެޑުން އިންޓަ މިލާންގެ ގޯލް ކީޕަރ އޮނާނާއަށް ރަސްމީކޮށް ހުށަހެޅުން ހުށަހަޅާނީ މި ހަފްތާ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑޭވިޑް ޑެ ހެއާ ޔުނައިޓެޑުން ވަކިވީ 12 އަހަރު ވަންދެން އެ ކްލަބްގައި މަސައްކަތްކުރުމަށްފަހު ނިމިދިޔަ ހޮނިހިރު ދުވަހުއެވެ. ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓު ހުޅުވިފައިވާ އިރު، ޑެހެއާ ޔުނައިޓެޑް ދޫކޮށް ފްރީ އެޖެންޓެއްގެ ގޮތުގައި ބޭނުން ކުލަބަކަށް ދެވޭނެއެވެ. އެއީ ޑެހެއާ، ޔުނައިޓެޑްއާ އެކު ހެދި އެއްބަސްވުން ހަމަވެފައިވާތީއެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ އެންމެ ކާމިޔާބު އެއް ކީޕަރުގެ ގޮތުގައި ކުލަބު ދޫކޮށްލި އިރު، ޑެހެއާ ވަނީ ކުލަބުގެ ދެ ރެކޯޑެއްވެސް ހަދާފައެވެ. 545 މެޗު ޔުނައިޓެޑަށް ކުޅެދީ އެންމެ ގިނަ މެޗު ކުޅެދިން ކީޕަރުގެ އިތުރުން 190 ކުލީން ޝީޓާއެކު އެންމެ ގިނަ މެޗުގައި ކުލީން ޝީޓު ހެދި ކީޕަރުގެ ރެކޯޑުވެސް އޭނާ ވަނީ ހަދައިފައެވެ.

އިންޓަ މިލާނުން އޮނާނާގެ އަގަކަށް ކަނޑައަޅާފައިވަނީ 51 މިލިއަން ޕައުންޑެވެ. މެންޗެސްޓާ ޔުނައިޓެޑުން ދަނީ އެ އަގު 43 މިލިއަން ޕައުންޑަށް ކުޑަކުރަން މަޝްވަރާކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔުނައިޓެޑްގެ މިހާރުގެ ކޯޗް އެރިކް ޓެން ހާގް ވަނީ މީގެ ކުރީގައި އުމުރުން 27 އަހަރުގެ އޮނާނާއާއި އެކީ އަޔަކްސްގައި މަސައްކަތްކޮށްފައިއެވެ. އެހެންކަމުން، އޮނާނާއަކީ އޭނާއަށް ވަރަށް އުންމީދީ ކުޅުންތެރިއެއް ކަމަށް ރިޕޯޓްތައް ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު