އެމެރިކާގެ ކްލަބެއް ކަމަށްވާ އިންޓަ މިއާމީއާ ރަސްމީކޮށް ގުޅުމަށްޓަކައި ޕީއެސްޖީ އާއި ބާސެލޯނާގެ ކުރީގެ ތަރި ލިއޮނަލް މެސީ އާއިލާ އާ އެކީގައި އެމެރިކާ އަށް ގޮސްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މެސީ އިންޓާ މިއާމީ އަށް ބަދަލުވާނީ ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ބޭނުން ނަމަ، އިތުރު އެއް އަހަރު ކްލަބުގައި މަޑު ކުރެވޭނެއެވެ.

އިންޓަ މިއާމީން މެސީ އަށް އަހަރަކު 50 މިލިއަން ޑޮލަރާއި 60 މިލިއަން ޑޮލަރާ ދެމެދުގެ މުސާރައެއް ދޭނެއެވެ. އެއާ އެކު، މެސީ ވާނީ އެންމެ އަގު ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިންގެ ތެރޭގައެވެ.

އިންޓާ މިއާމީއާ ގުޅުމަށް މެސީ ގޮސްފައި ވަނީ އަންހެނުން އެންޓޮނެލާ އާއި ތިން ކުދިންނާ އެކު ކެރީބިއަންގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު އިއްޔެގެ ވަގުތެއްގައެވެ. އެމީހުން މިއާމީ އެއާޕޯޓުން ހިނގާފައި ދަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވެސް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.

އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި އެ ޓީމުގެ ކެޕްޓަން މެސީ 36، އިންޓާ މިއާމީގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާނީ އަންނަ އާދިއްތަ ދުވަހުގެރޭއެވެ. އަދި އިންޓަ މިއާމީގެ ޖާޒީގައި މެސީ ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޖުލައި 21 ވަނަ ދުވަހުއެވެ.

މެސީ ބުނީ ކޮންމެ ކުލަބެއްގައި ހުރި ކަމުގައި ވިޔަސް މަސައްކަތް ކުރާނީ އެންމެ ރަނގަޅު ކުޅުމެއް ދައްކައި ޓީމަށް ކާމިޔާބު ހޯދައި ދިނުމަށް ކަމަށެވެ. އަދި އިންޓާ މިއާމީ އަށް ބަދަލުވާން ނިންމި ނިންމުމާ މެދުގައި ވަރަށް އުފާވާ ކަމަށް ވެސް މެސީ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

މެސީއާ އެކުގައި ބާސެލޯނާ އަށް ގިނަ ދުވަސްތަކެއް ވަންދެން މެޗުތަކެއް ކުޅުނު ސާޖިއޯ ބުސްކެޓްސް ވެސް ވަނީ އިންޓަ މިއާމީ އަށް ބަދަލުވެފައެވެ. އަދި ބާސެލޯނާ އަށް ކުޅުނު ޖޯޑީ އަލްބާ ވެސް އިންޓާ މިއާމީ އަށް ބަދަލުވާން އުޅޭ ކަމަށްވެއެވެ.

މީގެއިތުރުން ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ޕީއެސްޖީގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ވެސް އިންޓާ މިއާމީ އަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެއެވެ.