މި ސީޒަނުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މޮޅު އާސެނަލް އިން ރޭ ހޯދިއިރު، މުހައްމަދު ސަލާހުގެ ލަނޑުން ލިވަޕޫލް ވެސް ރޭ މޮޅުވެއްޖެއެވެ.

އާސެނަލް ރޭ މޮޅުވީ ވެސްޓްހަމް ޔުނައިޓެޑާއި ބައްދަލުކޮށް 1-3 އިންނެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސްޓްހަމް އިންނެވެ. މި ގޯލު މެޗުގެ 25 ވަނަ މިނެޓްގައި ވެސްޓްހަމް އަށް ކާމިޔާބުކޮށްދިނީ މާކޯ އަނައުޓަވިޗްއެވެ. ނަމަވެސް އޭގެ ފަސް މިނެޓްފަހުން ނާޗޯ މޮންރެއާލް ވަނީ އާސެނަލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި މެޗުގެ 70 ވަނަ މިނެޓްގައި އާސެނަލް އިން ލީޑު ނެގިއިރު މި ގޯލަކީ ވެސްޓްހަމްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އާސެނަލްގެ ތިންވަނަ ގޯލު މެޗުގެ އެންމެފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ޑެނީ ވެލްބެކްއެވެ.

ރޭގެ މެޗުން އާސެނަލް މޮޅުވިއިރު ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން އެޓީމު ވަނީ ބަލިވެފައެވެ. އެ ދެ މެޗުގައި އާސެނަލް ބައްދަލުކުރީ މެންޗެސްޓަރ ސިޓީ އަދި ޗެލްސީއާއެވެ.

ލީގުގައި ކުޅުނު ތިންވަނަ މެޗުން ލިވަޕޫލް ރޭ މޮޅުވީ ބްރައިޓަންއާ ބައްދަލުކޮށް 0-1 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 23 ވަނަ މިނެޓްގައި ލިވަޕޫލް އަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހުއެވެ.

މި ގޯލަށްފަހު ވެސް މި މެޗުގައި ގޯލްޖަހާނެ ރަނގަޅު އިތުރު ފުރުސަތުތަކެއް ލިވަޕޫލް އިން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން އެޓީމުގެ ޒުވާން ޑިފެންޑަރު އާނޯލްޑް ފޮނުވާލި ހިލޭޖެހުމެއް ގޯލުގެ ދަނޑި އަށް ވެސް ވަނީ އަމާޒުވެފައެވެ. ނަތީޖާ އެއްވަރުކޮށްލަން މެޗުގެ ފަހުވަގުތުކޮޅުތެރޭ ބްރައިޓަން އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ޕަސްކަސް ގްރޮސް ބޮލުން ފޮނުވާލި އެ ހަމަލާ ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ ދިފާއުކޮށްފައެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ލެސްޓަ ސިޓީއާއެވެ. އާސެނަލް ބައްދަލުކުރާނީ ކާޑިފް ސިޓީއާއެވެ.