ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ވަލަޑޮލިޑް ވާދަކުރި މެޗު ކުޅުނު، ވަލަޑޮލިޑްގެ ހޯމް ދަނޑު، އެސްޓާޑިއޯ ހޯޒޭ ޒޮރިއްލާގެ ވިނަގަނޑުގެ ހާލަތު މާބޮޑަށް ދަށްވުމުން ލަލީގާއިން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

މި ސީޒަނަކީ 2013 ވަނަ އަހަރަށްފަހު ވަލަޑޮލިޑުން ލަލީގާގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ރޭ ބާސާއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގެ ކުރީ ކޮޅުގައިވެސް ވަލަޑޮލިޑްގެ ދަނޑުގެ ވިނަގަނޑު ވަރަށް ބޮޑަށް ހަލާކުވިތަން ފެނިފައިވެއެވެ. އަދި ކުޅުންތެރިން ވަނީ ގިނަ ފަހަރެއްގެ މަތިން ވިނަގަނޑު ރީތި ކުރުމަށް މަސައްކަތް ކޮށްފައެވެ.

ރޭގެ މެޗަށްފަހު ބާސާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކަޓްސް ބުނެފައި ވަނީ ދަނޑުގައި ކުރެވުނީ ފަސް މަޑު ގޮނޑުދަށެއްގެ އިހުސާސް ކަމަށެވެ. އޭގެ އިތުރުންވެސް ބުސްކަޓްސް ބުނެފައި ވަނީ ލަލީގާގެ ފަރާތުން ދަނޑުގެ ހާލަތު ނުބަލާ އޮތް އޮތުމަކީ އޭނާ ވަރަށް ބޮޑަށް ހައިރާންވި ކަމެއް ކަމަށެވެ.

ބުސްކަޓްސްގެ އިތުރުން ޑިފެންޑަރު ޖެރާޑް ޕީކޭވެސް ވަނީ ރޭގެ މެޗު ކުޅުނު ދަނޑަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އޭނާ ބުނެފައި ވަނީ ދަނޑުގެ ހާލަތު ވަރަށް ބޮޑަށް ދަށް ކަމަށާއި، އުންމީދަކީ ކަމާ ބެހޭ ފަރާތްތަކުން ވީހާވެސް އަވަހަކަށް ދަނޑުގެ ކަންކަން ރަނގަޅު ކުރާނެ ކަމަށް ކަމަށެވެ.

ދަނޑުގެ ވިނަގަނަގަނޑުގެ ހާލަތާ ގުޅޭ ގޮތުން ލަލީގާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ލަލީގާއިން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ދަށްކޮށް ވަލަޑޮލިޑްގެ ދަނޑުގެ ވިނަގަނޑު އޮތުމުން އެ މަސައްލަތަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

ރޭގެ މެޗަށްފަހު ވަލަޑޮލިޑްގެ ކޯޗު ސާޖިއޯ ގޮންޒާލޭޒް ބުނެފައި ވަނީ ދަނޑު ތައްޔާރު ކުރުމަށް ކްލަބުން ހުރިހާ މަސައްކަތެއް ކުރި ނަމަވެސް، އެކަމަށް އެކަށޭނެ ވަގުތު އެ ކްލަބަށް ނުލިބިވާ ކަމަށެވެ. އެގޮތުން ޕްލޭ އޯފްއަށްފަހު އެ ޓީމު ޕްރޮމޯޓްވުމުން ދަނޑަށް ބޭނުންވާ ބަދަލުތަކެއް ގެންނަން ވަގުތު ނުލިބުނު ކަމަށްވެސް އޭނާ ބުންޏެވެ.