އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ރޭ ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް މި ސީޒަންގެ ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ޔުނައިޓެޑުން ބަލިވެފައިވާ އިރު، މިއީ 1992-93 ވަނަ އަހަރުގެ ސީޒަނަށްފަހު ޔުނައިޓެޑަށް އެންމެ ދަށް ފެށުމެވެ. އަދި ރޭގެ މެޗުގެ ކުރިން ޔުނައިޓެޑުން 3-0ގެ ނަތީޖާއަކުން ޓޮޓެންހަމް އަތުން ބަލިވެފައި ވަނީ 1972 ގައެވެ.

ތިން މެޗުން ޔުނައިޓެޑަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯއަށް ވަނީ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައެވެ. ހާއްސަކޮށް މިދިޔަ ސީޒަނުން ފެށިގެންވެސް މޮރީނިއޯއާއި ނޫސްވެރިންނާ ދެމެދު އަބަދުވެސް ބަހުސްތައް ހިނގާކަން ފާހަގަކުރެވިފައިވެއެވެ.

ރޭގެ މެޗަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މޮރީނިއޯ ވަނީ ނޫސްވެރިންނާ ޖަދަލުކޮށްފައެވެ. އެ ޕްރެސްއަށް މޮރީނިއޯ ބައިގަޑިއިރު ކުރިން ގޮސްފައިވާ އިރު، އޭނާ ހަމައެކަނި ހިއްސާކުރި މައުލޫމާތަކީ ޓީމުގެ ވައިސް ޗެއާމަން އެޑް ވުޑްވާޑާ ދެމެދު އޮތް ގުޅުން ރަނގަޅު ކަމުގެ މައުލޫމާތެވެ. އިތުރު ވާހަކަތަކެއް ދެއްކުމަށް މަޑުކޮށްފައެއް ނުވެއެވެ.

ރޭގެ މެޗަށްފަހު ދިން ޕްރެސްގައި މޮރީނިއޯ ބުނެފައި ވަނީ ރޭގެ މެޗުގައި ނޫސްވެރިން ބޭނުންވީ ކޮން ކަމެއްތޯ ސުވާލުކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން ނޫސްވެރިން ބޭނުންވީ ރީތި އެޓޭކިން ކުޅުމެއްތޯ ނޫނީ ނަތީޖާތޯ އޭނާ ސުވާލު އުފައްދާފައިވާ އިރު، މޮރީނިއޯ ބުނެފައި ވަނީ ރޭގެ މެޗުގައި ޔުނައިޓެޑުން ކުޅުނީ ރީތި އެޓޭކިން ކުޅުމެއް ކަމަށެވެ.

މީގެ ކުރިން ޔުނައިޓެޑް މޮޅުވިޔަސް، ޑިފެންސިވް ކުޅުމަށް ނޫސްވެރިން ފާޑު ކިޔާ ކަމަށް މޮރީނިއޯ ބުނެފައިވާ އިރު، އޭނާ ބުނީ ރޭގެ މެޗުގައި ނޫސްވެރިން ބޭނުންވީ ނަތީޖާ ކަމަށެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފްގެ އިތުރުން ފަހު ހާފްގެ ކުރީކޮޅުގައިވެސް މުޅި މެޗު ޑޮމިނޭޓް ކޮށް ކުޅުނީ ޔުނައިޓެޑުން ކަމަށް މޮރީނިއޯ ބުނެފައިވާ އިރު، އޭނާ ބުނީ ޓޮޓެންހަމްއިން ލީޑު ނެގީ ލިބުނު ފުރަތަމަ ކޯނަރުން ކަމަށެވެ.

ނޫސްވެރިންނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދިން ނޫސް ކޮންފަރެންސް މޮރީނިއޯ ނިންމާލީވެސް އޭނާގެ ތާރީހުގެ ބަހަކުންނެވެ. މޮރީނިއޯ ނޫސްވެރިން ގާތުން އެހީ 3-0ގެ ހަގީގީ މާނަ އެނގޭތޯއެވެ. ޖަވާބުވެސް އޭނާ ދިނެވެ. އެއީ ޕްރިމިއާ ލީގުގައި މިހާރު ތިބި އަނެއް 19 ކޯޗުންނާވެސް ގުޅުން ހުރި ޖަވާބެކެވެ. މޮރީނިއޯ ބުނީ އޭނާ ފިޔަވާ މިވަގުތު ޕްރިމިއާ ލީގުގައި ތިބި 19 ކޯޗުންނަށްވެސް އޭނާއާ އެއްވަރަށް ލީގު ހޯދިފައި ނުވާނެ ކަމަށެވެ. އެއީ އޭނާއަށް ތިން ލީގު ތަށި، ބާކީ 19 ކޯޗުންނަށް ދެ ލީގު ތަށި ކަމަށް ބުނެ، މޮރީނިއޯ ބުނީ "އިހުތިރާމް ކުރުމަށެވެ."

މޮރީނިއޯގެ އިތުރުން މިވަގުތު ޕްރިމިއާ ލީގުގައި ތިބި ކޯޗުންގެ ތެރެއިން ޕްރިމިއާ ލީގު ހޯދައިފައި ވަނީ ދެ ކޯޗުންނެވެ. އެއީ ޕެޕް ގާޑިއޯލާގެ އިތުރުން މެނުއަލް ޕެލެގްރީނީއެވެ.

މޮރީނިއޯ ވަނީ ޗެލްސީއާއެކު ތިން ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުންވެސް އޭނާ ވަނީ ޕޯޗުގަލް ލީގު ދެފަހަރަށް، އިޓަލީ ލީގުވެސް ދެފަހަރަށް ހޯދުމުގެ އިތުރުން ސްޕެއިންގެ ލީގުވެސް ހޯދައިފައެވެ. އޭގެ އިތުރުން މޮރީނިއޯ ވަނީ ދެ ކްލަބާއެކު ޗެމްޕިއަންސް ލީގުގެސް ހޯދާ ޔުނައިޓެޑާއެކު ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާރމާއިޒްބިޗް

    އިހްތިރާމް އެދޭ މީހާ އެހެންމީހުނަށް އިހްތިރާމް ކުރަންދަސްކުރަންވީީ. ވެންގާޔާ ދިމާލަށް 3ތަށީގެ ފަހުން ތައްޓެއްނުނެގޭތީީ ތި މޮރީނިޔޯ "ސްޕެޝަލިސްޓް އޮފް ފެއިލިއަރ" އާއޭ ކިޔާ މަލާމާތް ކުރިހަދާންވޭތަ މިހާރު.

  2. ބަޓާ

    އަސްލު މޮރީނިއޯ އަކީ ފުޓްބޯޅަ ކޯޗެއްނޫން....... މުރަނގަސްދޮށު މާލިމީ އެއް..... އަސްލު ޓީމުގެ ކޯޗުކަން ކުރަނީ އޭނަގެ އެސިސްޓެންޓަކަށް އުޅޭމީހަ..... ޗެލްސީގައި އޭނަ ހުރި ދުވަސްވަރު ވެސް ހުރިހާ ކަމއެއްކުރަނީ އެސިސްޓެންޓް..... އޭގެ ކުރިން އޭނަ ހުރި ޓީމް ތަކުގައިވެސް ހަމަ އެ ސިސްޓެންޓް ލައިގެން އުޅެނީ..... އޭނަ ދާހާތަނަކަށް ދަނީ އެ އެސިސްޓެންޓް ގޮވައިގެން........ މިހާރު އަސްލު އޭނަގެ އެސިސްޓެންޓް އެހެން ކުލަބެއްގެ ކޯޗަކަށް ގެންދިޔާމަ މި ކަލޭގެ އަށް އުޅެނީ ވާނުވާ ނޭންގިގެން ........ ދެން ލަލަލަލަލަ