ޔޫރަޕުގެ ތިންވަނަ ފަންތީގެ ކުލަބް މުބާރާތް ކަމަށްވާ ޔުއެފާ ކޮންފަރެންސް ލީގުގައި މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯގެ ކުލަބް އިޓަލީގެ ރޯމާއިން ނޯވޭގެ ބޮޑޯ ގްލިމްޕްޓް އަތުން ލަދުވެތިގޮތަކަށް ބަލިވެއްޖެ އެވެ.

ރަށުންބޭރުގައި ކުޅުނު މުބާރާތުގެ ގްރޫޕް ސީގެ މި މެޗުން ބޮޑޯ ގްލިމްޕްޓް އަތުން ރޯމާ ބަލިވެފައިވަނީ 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި ބައްޔާއެކު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ރޯމާގެ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ އަށެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ބަލްގޭރިއާގެ ސީއެސްކޭއޭ ސޯފިއާ އަތުން ޔޫކްރެއިނުގެ ޒޯރްޔާ ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ރޯމާ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

މި ނަތީޖާއާއެކު ބޮޑޯ ގްލިމްޕްޓް ވަނީ ރޯމާ ފަހަތަށް ޖައްސާލާ ކޮންފަރެންސް ލީގުގެ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ރޯމާ އޮތީ ހަމަ މިއަދަދަށް މެޗު ކުޅެގެން ހަ ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތީ ޒޯރްޔާ އެވެ. އެއީ ތިން މެޗުން ތިން ޕޮއިންޓާއެކު އެވެ. ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ސޯފިއާ އެވެ.

މި މެޗުގެ ފުރަތަމަ ވިހި މިނެޓުގެ ތެރޭގައި ބޮޑޯ ގްލިމްޕްޓް އިން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. ފުރަތަމަ ލަނޑު މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އެރިކް ބޯތަމް ޖެހިއިރު ދެވަނަ ލަނޑު 20 ވަނަ މިނެޓުގައި ޖެހީ ޕެޓްރިކް ބާގް އެވެ. މި ލަނޑު ޖެހިތާ އަށް މިނެޓުފަހުން ރޯމާއިން ސުން ކަނޑުވާލިއެވެ. މިއީ ކާލްސް ޕެރޭޒް ކާމިޔާބުކުރި ލަނޑެެކެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައެވެ.

ދެވަނަ ހާފުގައި ބޮޑޯގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ 52 ވަނަ މިނެޓުގައެވެ. އޭގެފަހުން 71 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރުވަނަ ލަނޑު އޮލާ ސޮލްބަކަން ޖެހިއިރު ފަސްވަނަ ލަނޑު އޭގެ ހަތް މިނެޓުފަހުން ޖެހީ ޕެލެގްރީނޯ އެވެ. އަދި އޭގެ ދެ މިނެޓުފަހުން ހަވަނަ ލަނޑު ޖެހީ ފަސްވަނަ ލަނޑުވެސް ޖެހި އޮލާާ ސޮލްބަކަން އެވެ. މި މެޗުގައި ރޯމާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެކަން ނާކާމިޔާބުވިއެވެ.

ކޮންފަރެންސް ލީގުގެ ފެވަރިޓުންގެ ގޮތުގައި ބެލެވުނު ރޯމާގެ މި ބައްޔާއެކު އެ ކުލަބުގެ ސްޕޯޓިން ޑިރެކްޓަރ ތިއާގޯ ޕިންޓޯ ރުޅިގަނޑު ބޭލުވީ މީޑިއާއަށެވެ. އަދި މޮރީނިއޯ އާއި އޭނާގެ ގުޅުން ގޯސްކުރަން މީޑިއާތަކުން މަސައްކަތްކުރާ ކަމުގެ ތުހުމަތު ކުރިއެވެ.

މެޗަށްފަހު މޮރީނިއޯ ވަނީ މި މެޗުން ބަލިވުމުގެ ޒިންމާ ނަގާކަމަށާއި ކުޅުންތެރިން އޭނާ ބޭނުންވިގޮތަށް ކުޅެފައިވާ ކަމަށެވެ. އަދި މި ލައިންއަޕް އާމެދު ހިތްހަމަޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.

ރޯމާ ކޮޅަށް ލަނޑުޖެހުމުން މޮރީނިއޯ ބަލަހައްޓައިގެން

"އަހަރެން ނިންމީ މި ލައިންއަޕް އާ އެކު ކުޅެން، އެކަން ކުރީ ހެޔޮ ނިޔަތުގައި، ބުރަކޮށް މަސައްކަތް ކުރާ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން، އަދި ފިނި މޫސުމުގައި ސިންތެޓިކް ޕިޗެއްގައި ސްކޮޑް ރޮޓޭޓް ކުރަން ބޭނުންވެގެން އަހަރެން ނިންމީ ގިނަ ކުޅުންތެރިންތަކެއް ރެސްޓް ކުރަން" ރެފްރީގެ ފަހު ކަށިގަނޑަށްފަހު ސްކައި ސްޕޯޓް އިޓާލިއާ އާ ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.

ރޯމާ އަކީ މޮރީނިއޯ ކޯޗުކަންކޮށްދޭ ނުވަވަނަ ޓީމެވެ. އަދި މިއީ މޮރީނިއޯ އިރުޝާދު ދޭ އިޓާލިއަން ލީގުގެ ދެވަނަ ކުލަބެވެ. މީގެކުރިން އިންޓަ މިލާާނަށް މޮރީނިއޯ އިރުޝާދުދިންއިރު، މޮރީނިއޯގެ ކޯޗުކަމުގައި އެ ޓީމުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.