ޔުއެފާ އިން މުޅިން އަލަށް ތައާރަފްކުރި ކޮންފެރެންސް ލީގުގެ ސެމީ ފައިނަލްގައި އިޓަލީގެ އޭއެސް ރޯމާ އަދި އިންގްލަންޑުގެ ލެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެއެވެ.

މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅޭ ރޯމާ ކޮންފެރެންސް ލީގުގެ ސެމީން ފުރުސަތު ހޯދިއިރު މޮރީނިއޯ އަކީ ޔޫރަޕުގެ މުބާރާތްތަކުގައި ރަނގަޅު ރެކޯޑެއް އޮތް ކޯޗެކެވެ. މޮރީނިއޯ ވަނީ މީގެ ކުރިން ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔުރޮޕާ ލީގު ކޯޗެއްގެ ގޮތުގައި ކާމިޔާބުކޮށްފައެވެ. ޗެމްޕިއަންސް ލީގު އޭނާ ނެގީ ޕޯޗުގަލްގެ ޕޯޓޯ އަދި އިޓަލީގެ އިންޓަ މިލާނާ އެކުއެވެ. އޭގެ ފަހުން މެންޗެސްޓަ ޔުނައިޓެޑާ ހަވާލުވެ ހުރެ ޔުރޮޕާ ލީގު އުފުލާލި އެވެ. މިދިޔަ އަހަރު ރޯމާ އާ ހަވާލުވި މޮރީނިއޯ އެ ކްލަބާއެކު ކޮންފެރެންސް ލީގު ކާމިޔާބުކޮށްފިނަމަ އޭނާ ވެގެންދާނީ ޔުއެފާގެ ތިން ކެޓަގަރީގެ މުބާރާތްތައް ކާމިޔާބުކުރި ފުރަތަމަ ކޯޗަށެވެ.

ރޯމާ އިން ކޮންފެރެންސް ލީގު ސެމީން ފުރުސަތު ހޯދީ ނޯވެގެ ބޯޑޯ ގްލިމްތް ކަޓުވާލުމަށްފަހު އެވެ. ކުއާޓާގެ ފުރަތަމަ ލެގުގައި ރޯމާ ވަނީ ބޯޑޯ ގްލިމްތު ދަނޑުގައި 2-1 އިން ބަލިވެފަ އެވެ. އެހެންނަމަވެސް، ރޭ ރޯމްގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 4-0 އިން ބޯޑޯ ބަލިކޮށްފައެވެ. ރޯމާ ސެމީން ފުރުސަތު ހޯދީ 5-2 ގެ އެގްރިގޭޓުންނެވެ.

ރޯމްގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ރޯމާގެ ފުރަތަމަ ގޯލް ޖަހައި އެ ޓީމަށް ލީޑު ނަގައިދިނީ އިނގިރޭސި ފޯވާޑް ޓެމީ އަބްރަހަމް އެވެ. ފުރަތަމަ ހާފުގައި އިޓަލީގެ ފޯވާޑް ނިކޯލޯ ޒަނިއޯލޯ ވަނީ ދެ ގޯލް ޖަހައި މި ހާފު ނިމުމުގެ ކުރިން ރޯމާ އަށް ތިން ގޯލްގެ ލީޑެއް ނަގައިދީފައެވެ. ޒަނިއޯލޯ ވަނީ ދެވަނަ ހާފުގައި އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ސެމީގައި ރޯމާ ކުޅޭ ލެސްޓާ ސިޓީން ވަނީ ކުއާޓާގައި 2-1 އިން ނެދަލެންޑްސްގެ ޕީއެސްވީ ބަލިކޮށްފަ އެވެ. ފުރަތަމަ ލެގު 0-0 އިން އެއްވަރުވެފައި އޮތުމުން އެގްރިގޭޓުން ލެސްޓާ އަށް ކުރި ލިބުނީ 2-1 އިންނެވެ.

ޕީއެސްވީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ އެ ޓީމުންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި މި ގޯލް ޕީއެސްވީ އަށް ޖަހައިދިނީ ފޯވާޑް އެރަން ޒަހާވީ އެވެ. ލެސްޓާ އިން ނަތީޖާ އެއްވަރު ކުރީ މެޗުގެ 77 ވަނަ މިނެޓުގަ އެވެ. މި ގޯލް ޖެހީ ޖޭމްސް މެޑިސަން އެވެ. މެޗުގެ 88 ވަނަ މިނެޓުގައި ލެސްޓާ މޮޅުވި ގޯލު ޖެހީ ރިކާޑޯ ޕެރޭރާ އެވެ.

ބްރެންޑަން ރޮޖާސްގެ އިރުޝާދުގެ ދަށުން ކުޅޭ ލެސްޓާ އިން ސެމީން ފުރުސަތު ހޯދިއިރު މިއީ އެ ޓީމުގެ ތާރީހުގައިވެސް ޔޫރަޕިއަން މުބާރާތެއްގެ ސެމީ ފައިނަލުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ.

ކޮންފަރެންސް ލީގުގެ ދެވަނަ ސެމީގައި ކުޅޭނީ ފްރާންސްގެ މާސޭ އާއި ނެދަލެންޑްސްގެ ފެޔަނޫޑް އެވެ.