ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕަށް ވަގުތު ކުޑަތަންވަމުންދާ އިރު، ހުރިހާ ގައުމަކުންވެސް އަންނަނީ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ.

ރާއްޖެއިންވެސް ޒުވާން ސްކޮޑަކާއެކު މިފަހަރުގެ މުބާރާތަށް ތައްޔާރުވަމުންދާ އިރު، ކޭމްޕް ކުރަމުންދަނީ ގަތަރުގައެވެ. ގަތަރުގެ ކޭމްޕަށް ދިއުމުގެ ކުރިންވެސް ކޯޗު ޕީޓާ ސެގަޓް ބުނެފައި ވަނީ ރާއްޖޭގެ ސްކޮޑަކީ ޒުވާން ސްކޮޑެއް ކަމަށާއި، ތަޖުރިބާ މަދު ސްކޮޑެއް ކަމަށެވެ. އެހެންކަމުން ޓީމަށް މެޗުތަކުގެ ތަޖުރިބާ މުހިއްމު ކަމަށްވެސް ސެގަޓް ވަނީ ފާހަގަކޮށްފައެވެ.

ކޯޗު އެހެން ބުނެފައިވީ ނަމަވެސް މުބާރާތުގެ ކުރިން ރާއްޖެއިން ކުޅެފައި ވަނީ އެންމެ މެޗެކެވެ. އެއީ ގަތަރުގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ އަލް މަރްޚިޔާ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗު ރާއްޖެއިން 4-3ގެ ނަތީޖާއަކުން ކާމިޔާބުކުރި ނަމަވެސް، ކޯޗު ބުނެފައި ވަނީ ޓީމުގެ ފެންވަރު ބެލުމަށް ގައުމީ ޓީމަކާ ދެކޮޅަށް ކުޅެން ބޭނުންވި ކަމަށެވެ.

ގައުމީ ޓީމުން ގަތަރުގައި ކުރަމުންދާ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ރާއްޖެއިން ރޭ ޕާކިސްތާނާ ދެކޮޅަށް ކުޅެން އޮތް ނަމަވެސް، ޕާކިސްތާން ޓީމުން ރާއްޖެއަށް ނާންގާ ފަހުވަގުތު މެޗު ކެންސަލް ކުރުމުން ކޯޗު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާ އިރު، މިފަހަރުގެ މުބާރާތަށް ދާ ދިވެހި ޓީމަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮން ޖެހުމަކަށްވާނީ މެޗުގެ ތަޖުރިބާ މަދުވުމެވެ.

ފަހަކަށްއައިސް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާ އެންމެ ވާދަވެރި ގައުމަކީ އިންޑިއާ ކަމަށްވާ އިރު، ދިވެހިން އަބަދުވެސް އިންޑިއާގެ ތައްޔާރީތަކަށް ބަލަމުންދާނެއެވެ. އިންޑިއާއިން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އިއުލާން ކޮށްފައިވާ ސްކޮޑަކީ އެގައުމުގެ 23 އަހަރުން ދަށުގެ ސްކޮޑު ކަމަށް ބުނެފައިވާ އިރު، އެ ޓީމުން ކޭމްޕް ކުރީ އޮސްޓްރޭލިއާގައެވެ.

ރާއްޖޭ ހިމެނޭ ގްރޫޕް ބީގައި އިންޑިއާގެ އިތުރުން ސްރީލަންކާ ހިމެނޭ އިރު، އެންމެ ރަނގަޅަށް ތައްޔާރުވަމުންދާ އެއް ގައުމަކީ އިންޑިއާއެވެ. އޮސްޓްރޭލިއާގައި އެގައުމުގެ ވަރުގަދަ ކްލަބުތަކާ ދެކޮޅަށް އިންޑިއާ ޓީމުން އެކުވެރިކަމުގެ މެޗުތައް ރާވާފައިވާ އިރު، ފުރަތަމަ ކުޅެފައި ވަނީ އޮސްޓްރޭލިއާގެ ދެވަނަ ޑިވިޝަންގެ ލީގެއް ކަމަށްވާ، ނޭޝަނަލް ޕްރިމިއާ ލީގުގެ ނިއު ސައުތު ވޭލްސްގެ ޗެމްޕިއަން އޭޕީއައިއޭ ލެޗާޓު ޓައިގާސްގެ ޒުވާން ޓީމާ ދެކޮޅަށެވެ.

އެ މެޗު އިންޑިއާއިން 3-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާ އިރު، އެގައުމުން މިއަދު ކުޅެފައި ވަނީ އޭ ލީގުގެ އެންމެފަހުގެ ޕްރިމިއާ ޗެމްޕިއަން ސިޑްނީ އެފްސީއާ ދެކޮޅަށެވެ. އެ މެޗުން 3-0ގެ ނަތީޖާއަކުން އިންޑިއާ ބަލިވެފައިވީ ނަމަވެސް، ކޯޗު ސްޓިފަން ކޮންސްޓެންޓައިން ބުނެފައި ސިޑްނީ އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން ޓީމަށް ރަނގަޅު ކަންތައްތަކެއް ދަސްވި ކަމަށެވެ.

އިންޑިއާ ކޯޗު ކޮންސްޓެންޓައިން ބުނެފައި ވަނީ ސިޑްނީ އެފްސީއަކީ ހަލުވި، ވަރުގަދަ ކުޅުމެއް ކުޅޭ ޓީމެއް ކަމަށާއި، މިއަދުގެ މެޗުން އިންޑިއާ ޓީމުން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފެނުނު ކަމަށެވެ.

އިންޑިއާއިން ސާފް ޗެމްޕިއަންޝިޕްގެ ކުރިން އެކުވެރިކަމުގެ އެއް މެޗު އަދި ކުޅޭނެއެވެ. މިމަހުގެ 31 ވަނަ ދުވަހު އިންޑިއާއިން ނުކުންނާނީ ނޭޝަނަލް ޕްރިމިއާ ލީގުގެ ނިއު ސައުތު ވޭލްސްގެ ޓީމެއް ކަމަށްވާ ރީޑަލްމިއާ ލަޔަންސްއާ ދެކޮޅަށެވެ.