އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށް ޔުއެފާގެ ރައީސް އެލެގްޒެންޑާ ސެފެރިން ވިދާޅުވެއްޖެއެވެ.

މިދިޔަ ޖުލައި މަހު ރަޝިޔާގައި ނިމިގެންދިޔަ ވޯލްޑް ކަޕްގައި ވެސް ވީއޭއާރް ބޭނުން ކޮށްފައިވާއިރު ޔޫރަޕްގެ މަޝްހޫރު ބޮޑެތި ލީގުތަކުގައި ވެސް ވީއޭއާރް އަންނަނީ ބޭނުން ކުރަމުންނެވެ. އެގޮތުން މި ސީޒަނުން ފެށިގެން ސްޕެނިޝް ލީގުގައި ވެސް ވީއޭއާރް ވަނީ ބޭނުން ކުރަން ފަށާފައެވެ.

އަދި އަންނަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ވީއޭއާރް ބޭނުން ކުރާނެ ކަމަށް ބެލެވިފައިވާއިރު އަންނަ ސީޒަނުން ފެށިގެން ޗެމްޕިއަންސް ލީގުގައި ވެސް ވީއޭއާރް ބޭނުން ކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

"މިވަގުތު ރޭވިފައި މިއޮތީ އަންނަ ސީޒަނުން ފެށިގެން ވީއޭއާރް ބޭނުން ކުރާ ގޮތަށް. މިއީ ކުރަން އެހާ ފަސޭހަ ކަމެއް ވެސް ނޫން. ސަބަބަކީ ފުރަތަމަ މިކަން ކުރުމުގައި އަހަރުމެންނަށް އެހީތެރިވެދޭނެ ބަޔަކު ވެސް ހޯދަންޖެހޭ. ހުރިހާ ރެފްރީންތައް ލައިގެން ޔޫރަޕްގެ އެކި ހިސާބުތަކުގައި މުބާރާތް އިންތިޒާމު ކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫން. މިކަމުގައި އަދި އެބަހުރި މައްސަލަތަކެއް" ޔުއެފާގެ ރައީސް ވިދާޅުވިއެވެ.

ސެފެރިން ވިދާޅުވި ގޮތުގައި ޔުއެފާގެ ވިސްނުން މައިގަނޑު ގޮތެއްގައި ހުރީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުޅޭ ޕްލޭއޮފް ބުރުން ފަށައިގެން ވީއޭއާރް ބޭނުން ކުރުމަށެވެ. މީގެއިތުރުން ޔުއެފާ ސުޕަރ ކަޕްގައި ވެސް ވީއޭއާރް ބޭނުން ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޔޫރަޕްގެ ދެވަނަ ފަންތީގެ ކްލަބު މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގައި ވީއޭއާރް ބޭނުން ކުރާނީ އަންނަ ސީޒަނަށްފަހުއެވެ.