ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް ނުވަވަނަ ފުޓްސަލް މުބާރާތުގައި ޕެނަލްޓީން އެމްއެންޑީއެފް ބަލިކޮށް ސެމީ ފައިނަލުގެ ދެވަނަ ޖާގަ ކުލަބް ކޭސީޕީން ހޯދައިފިއެވެ.

ސެމީ ފައިނަލުގެ ދެވަނަ ޖާގަ ކުލަބް ކޭސީޕީން ހޯދީ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި އެމްއެންޑީއެފާއި ވާދަކޮށް ޕެނަލްޓީން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އޮތީ 4-4 އިންނެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ އެމްއެންޑީއެފުންނެވެ. މެޗުގެ ތިންވަނަ މިނެޓުގައި ފެނިގެންދިޔަ މި ލަނޑަކީ ޕޮލިހުގެ އަހުމަދު ޝަރުވާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓުފަހުން އެމްއެންޑީއެފުން ލީޑު ފުޅާކުރިއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ހާފިޒެވެ. މި ލަނޑު ޖެހިތާ ދެ މިނެޓުފަހުން ޕޮލިހުގެ ހަސަން މޫސާ ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑަށްފަހު ޕޮލިހަށް ހަމަނޭވާ ނުލެވެނީސް އެމްއެންޑީއެފްގެ ހުސެއިން ހާފިޒް ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ދެ ލަނޑުގެ ތަފާތެއްގައި ވަނިކޮށް ޕޮލިހުން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހާ ނަތީޖާ 3-3 އަށް ބަދަލުކޮށްފައެވެ. އަހްމަދު ގާސިމް ދެވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު، ޕޮލިހުގެ ތިންވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި އަހްމަދު ހުޝާމް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގެ ހަތްވަނަ މިނެޓުގައި އެމްއެންޑީއެފްގެ ތައުމީން ނޫހް ވަނީ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މިއީ މުބާރާތުގައި އޭނާ ޖެހި 10 ވަނަ ލަނޑެވެ. އަދި ޕޮލިހުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ގާސިމެވެ.

ޕެނަލްޓީން ކޭސީޕީ ކުރިހޯދިއިރު ، ކޮންމެ ޓީމަކުން ވަނީ ހަ ޕެނަލްޓީ ޖަހާފައެވެ. އެމްއެންޑީއެފުން ހަތަރު ޕެނަލްޓީ ނާކާމިޔާބުވިއިރު ޕޮލިހުގެ ތިން ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

ސެމީގެ ދެވަނަ މެޗުގައި ކުލަބް ކޭސީޕީ ބައްދަލުކުރާނީ ކޭޕީއާރުސީ އާއެވެ.