އިނގިރޭސި ޕްރިމިޔަރ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާއި ޗެލްސީ ބައްދަލު ކުރި މެޗު އެއްވަރު ވެއްޖެއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗު އެއްވަރު ވެފައިވަނީ 4-4ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނަގާފައިވަނީ ޗެމްޕިއަން ސިޓީއަށް ލިބުނު ޕެނަލްޓީއަކުން ހާލަންޑުއެވެ. މެޗުގެ 25 ވަނަ މިނެޓުގައި ފެނިގެން ދިޔަ މިގޯލާއި އެކު ސިޓީއިން ލީޑު ނެގި ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ތިއާގޯ ސިލްވާ ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ޗެލްސީއަށް ލިބުނު ކޯނަރަކުން ސިލްވާ މިލަނޑު ކާމިޔާބުކޮށްދިން އިރު، މެޗުގައި ސިލްވާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ވަނީ ޗެލްސީއަށް ލީޑު ނަގާދީފައެވެ. ރީސް ޖޭމްސްގެ އެހީތެރިކަމާއި އެކު ކާމިޔާބު ކުރި މި ގޯލާއި އެކު ލީޑު ނެގުނު ނަމަވެސް ލީޑު މާ ގިނަ އިރަކު ނުހިފޭއްޓުނެވެ. ފުރަތަަމަ ހާފުގެ 45 މިނެޓު ހަމަވެގެން އިތުރަށް ކުޅުނު މިނެޓުގައި އަކިންޖީ ވަނީ ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޗެލްސީ އާއި ސިޓީ ބައްދަލު ކުރި މެޗުގެ ތެރެއިން

ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ހާލަންޑު ވަނީ ދެވަނަ ފަހަރަށް މެންޗެސްޓަރ ސިޓީއަށް ލިޑު ނަގާ ދީފައެވެ. ފަރުގަދަ ހޫނު ހަމަލާ ތަކެށް ޗެލްސީގެ ފަރާތުންވެސް ފެނިގެން ދިޔަ ދެވަނަ ހާފުގައި ވަނީ ޖުމުލަ ހަތަރު ހަމަލާ ގޯލާއި އަމާކޮށް ފޮނުވާލާފައެވެ. މެޗުގެ ފޯރިއާއި އެކު ދެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ތަފާތު ވާދަވެރިކަން ފެނިގެން ދިޔައިރު ޖުމުލަ އަށް ރީނދޫ ކާޑު ދައްކާފައެވެ. ސިޓީއަށް ތިން ކާޑު ދެއްކި އިރު، ޗެލްސީއަށް ވަނީ ފަސް ކާޑު ދައްކާފައެވެ. މުޅި މެޗުވެސް ވެގެން ދިޔައީ ޗެލްސީގެ ކީޕަރަށް ބުރަ މެޗަކަށެވެ. އެގޮތުން މުޅި މެޗުގައި ޖުމުލަ ހަ ހަމަލާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ނިކޮލަސް ޖެކްސަން ވަނީ ޗެލްސީއަށް ނަތިޖާ ހަމަހަމަކޮށްދީފައެވެ. އެހެން ނަމަވެސް ޗެލްސީގެ ފަހަތަށް ޕްރެޝާ ބޮޑުވަމުންގޮސް މެޗުގެ 86 ވަނަ މިނެޓުގައި ސިޓީއިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. ހާލަންޑުގެ އެހީތެރިކަމާއި އެކު މިލަނޑު މިލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ. މެޗުގެ 90 މިނެޓު ހަމަވުމުން އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނެޓުގެ ތެރޭގައި ލިބުނު ޕެނަލްޓީއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޕަލްމާއެވެ. މި ނަތިޖާއާއި އެކު ކުޅުނު 12 މެޗުން ލިބުނު 16 ޕޮއިންޓާއި އެކު ޗެލްސީ އޮތީ ތާވަލުގެ ދިހަ ވަނައިގައެވެ. ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓާއި އެކު ސިޓީ އޮތީ ތާވަލުގެ އެއްވަނަގައެވެ.