އިޓާލިއަން ލީގުގައި ރޭ 3-0 އިން ސަމްޕްޑޯރިޔާ އަތުން ބަލިވެ، ކާލޯ އެންޗެލޯޓީގެ ކޯޗުކަމުގައި ނަޕޯލީ ފުރަތަމަ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

ނަޕޯލީގެ ކޯޗުކަން އެންޗެލޯޓީއާ ހަވާލުކުރީ އެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި ހުރި މައުރީޒިއޯ ސާރީ ވަކި ކުރުމަށްފަހުއެވެ. ސާރީ އަކީ މިހާރު ޗެލްސީގެ ކޯޗު ކަމަށްވާއިރު އެންޗެލޯޓީގެ އިރުޝާދުގެ ދަށުން އިޓާލިއަން ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ނަޕޯލީ ވަނީ މޮޅުވެފައެވެ. އެ ދެ މެޗުގައި ނަޕޯލީ ބައްދަލުކުރާނީ ލާޒިޔޯ އާއި އޭސީ މިލާންއާއެވެ. ނަޕޯލީ އަކީ މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގެ ދެވަނަ ހޯދި ޓީމެވެ.

ރޭގެ މެޗުން ބަލިވުމުން ނަޕޯލީ އޮތީ ހަ ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. ސަމްޕްޑޯރިޔާ އޮތީ ތިން ޕޮއިންޓާ އެކު ލީގުގެ 13 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 9 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސްއެވެ.

ސަމްޕްޑޯރިޔާގެ ފަރާތުން ރޭގެ މެޗުގެ ފުރަތަމަ ހާފްގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 11 ވަނަ މިނެޓްގައި ޑެފްރެލް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 32 ވަނަ މިނެޓްގައި ސަމްޕްޑޯރިޔާގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ޑެފްރެލްއެވެ.

މެޗުގެ ދެވަނަ ހާފްގައި ނަޕޯލީން ކުޅުން ކޮންމެވެސް ވަރަކަށް ރަނގަޅު ކުރި ނަމަވެސް މެޗުގެ 75 ވަނަ މިނެޓްގައި ފަބިއޯ ކުއަގްލިއެރެއްލާ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ސަމްޕްޑޯރިޔާގެ ލީޑު ފުޅާކޮށްދީފައެވެ.

ލީގުގައި ފުރަތަމަ ފަހަރަށް ނަޕޯލީ ބަލިވިއިރު، ލީގުގައި އެޓީމު ދެން ނިކުންނާނީ ފިއޮރެންޓީނާއާ ދެކޮޅަށެވެ.