ބަނގުލަދޭޝްގެ ޑާކާއިން:

ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ 'ގްރޫޕް އޭ'ގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެފައި އޮތް ނަމަވެސް، އަދި ސެމީ ފައިނަލަށް ނުދާ ކަމަށާއި، އެކަން ހަނދާން ނައްތާ ނުލާނެ ކަމަށް ބަންގްލަދޭޝްގެ ކޯޗު ޖޭމީ ޑޭ ބުނެފިއެވެ.

ބަންގުބަންދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ބަންގްލަދޭޝްއިން ޕާކިސްތާން ބަލިކުރީ 1-0ގެ ނަތިޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތް އިރު، ބަންގްލަދޭޝް އޮތީ ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން ބަލިކޮށްފައެވެ.

'ގްރޫޕް އޭ' އިން ސެމީ ފައިނަލުގެ ޖާގަތައް ހޯދާ ޓީމުތައް ކަށަވަރުކުވާނީ އަންނަ ހޮނިހިރު ދުވަހު ކުޅޭ އެ ގްރޫޕުގެ ފަހު މެޗުތަކަށްފަހުއެވެ. އެ ގްރޫޕުގެ އެއްވަނައިގައި އޮތް ބަނގުލަދޭޝްއަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ޕާކިސްތާނާއި ނޭޕާލަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ބަންގްލަދޭޝްގެ ކޯޗު، އިނގިރޭސިވިލާތުގެ ޖޭމީ ޑޭ ބުނެފައި ވަނީ ރޭގެ މެޗުގެ ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އެހެން ނަމަވެސް، އަދި ސެމީ ފައިނަލަށް ނުދާ ކަމަށާއި، ކުރިއަށް އޮތް މެޗަށް ސަމާލުވާން ޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.

" އަހަރެން ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި މިހުރީ. މެޗުގެ ނަތީޖާ ވަރަށް ރަނގަޅު. މެޗުގައި ދެޓީމުންވެސް ކުޅުނު ސްޓައިލުން، ވަރަށް ބޮޑަށް ކެތްތެރިވާން ޖެހުނު. ހާއްސަކޮށް ޕާކިސްތާން ވަރަށް ރަނގަޅަށް ކުޅުނު. މެޗުން މޮޅުވިޔަސް އަދި ސެމީއަށް ނުދޭ. ޓީމު އޯވާ ކޮންފިޑެންސް ނުވާނެ. މިއަދު އުފާފާޅުކޮށްފަ، އަނެއްކާވެސް މާދަމާ ސީރިއަސް މަސައްކަތަށް ނުކުންނަ ޖެހޭނެ،" ޖޭމީ ޑޭ ބުންޏެވެ.

ރޭގެ މެޗަށް ޑާކާގެ 20،000 އަށްވުރެ ގިނަ ސަޕޯޓަރުން ވަދެފައިވާ އިރު، މުޅި ދަނޑުގައި ބަންގްލަދޭޝް ސަޕޯޓަރުންގެ އަޑު ވަނީ ގުގުމާލައިފައެވެ. ހާއްސަކޮށް، މެޗު ނިމެން ދަނިކޮށް ބަންގްލަދޭޝްއިން ގޯލް ޖެހުމާއެކު ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. ރޭގެ މެޗުގައި ބަންގްލަދޭޝްއިން ޖެހި ހަމައެކަނި ގޯލް، މެޗު ނިމެން 10 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ޓޮޕޫ ބަރްމާންއެވެ.

ސާފް ސުޒުކީ ކަޕް 2018: ބަނގްލަދޭޝް އަދި ޕާކިސްތާން ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗަށްފަހު ވާހަކަ ދައްކަމުން ބަންގްލަދޭޝް ކޯޗު ޖޭމީ ޑޭ ބުނެފައި ވަނީ ސަޕޯޓަރުންގެ ހިތްވަރަށް އޭނާ ސާބަސް ދޭ ކަމަށާއި، މެޗުގައި ސަޕޯޓަރުން ދިން ސަޕޯޓަކީ ކުޅުންތެރިންނަށް ލިބުނު ބޮޑު އުންމީދެއް ކަމަށެވެ.

"ސަޕޯޓަރުންނަށް ބުނާނެ އެއްޗެއް ނެތް. ވަރަށް ފުރިހަމަ. ކުޅުންތެރިންގެ ރޫހު އާވެ، އުންމީދު ލިބިގެން ދިޔަ. ޝުކުރު އަދާކުރަން ބޭނުން ހުރިހާ ސަޕޯޓަރުންނަށްވެސް. ހުއްޓާ ނުލާ ތިގޮތަށް ކުރިއަށް ގެންދިއުމަށްވެސް އެދެން. ކުރިއަށް އޮތް ނޭޕާލް މެޗަކީ މުހިއްމު މެޗެއް. އެ މެޗަށްވެސް ނުކުންނާނީ މިހާތަނަށް ކުޅުނު ދެ މެޗަށްވެސް ނުކުތް ވިސްނުމުގައި. މޮޅުވާން،" ޖޭމީ ޑޭ ބުންޏެވެ.

ޑާކާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ 'ގްރޫޕް ބީ'ގެ މެޗެކެވެ. ރާއްޖޭގަޑިން މިއަދު އިރުއޮއްސި 6:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި ސްރީލަންކާއެވެ. ލަންކާ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އަތުން ބަލިވެފައިވާ އިރު، މާދަމާގެ މެޗަކީ ރާއްޖެ ކުޅޭ ފުރަތަމަ މެޗެވެ.