ބަންގްލަދޭޝްގެ ޑާކާއިން:

ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އުންމީދާއެކު ކުޅެމުންދިޔަ ބަންގްލަދޭޝް ކަޓުވާލައި، ނޭޕާލުން ސެމީ ފައިނަލްގެ ޖާގަ ހޯދާފައިވާ އިރު، ރޭގެ މެޗަށްފަހު އެންމެ ބޮޑެތި ސުވާލުތަކަކާ ކުރިމަތިވީ ބަންގްލަދޭޝްގެ ކޯޗު ޖޭމީ ޑޭއެވެ.

މެޗު 2-0ގެ ނަތީޖާއަކުން ނިމުނު އިރު، މުބާރާތުގެ ގްރޫޕް އޭގެ އެއްވަނައިގައި އޮތް ނޭޕާލާއި ދެވަނައިގައި އޮތް ޕާކިސްތާނުގެ އިތުރުން ތިންވަނައިގައި އޮތް ބަންގްލަދޭޝްއަށްވެސް ލިބުނީ ތިން މެޗުން ހަ ޕޮއިންޓެވެ. ތަފާތަކަށްވީ ފައިދާ ގޯލްގެ ތަފާތެވެ.

ރޭގެ މެޗުގެ ފުރަތަމަ ކޮޅުގައި ބަންގްލަދޭޝްއިން ކުރިއަށް ޖެހި، ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެޓީމަށް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އެތައް ހާސް ބަންގްލަދޭޝް ސަޕޯޓަރުންނެއް މެޗު ބެލުމަށް ވަދެފައިވާ އިރު، އެ ސަޕޯޓަރުންނަށް މާޔޫސްކަން ގެނުވީ ފުރަތަމަ ހާފްގައި ނޭޕާލުން ލީޑު ނެގުމުންނެވެ.

ބަންގްލަދޭޝްގެ ހާފްގެ މެދެއްހާ ހިސާބުން، އޭރިއާގެ އަރިމަތިން ކަހަލަ ގޮތަކަށް ނޭޕާލަށް ލިބުނު ހިލޭ ޖެހުން ބިމާލް ގާތީ ސީދާ ގޯލަށް ފޮނުވާލި އިރު، ބޯޅަ ދިޔައީ ސީދާ ބަންގްލަދޭޝް ގޯލްކީޕަރު ޝަހީދުލް އަލަމްގެ އަތަށެވެ. އޭނާއަށް ފަސޭހައިން ބޯޅަ ހިފެން އޮތް ނަމަވެސް، ބޯޅަ ގޯލަށް ވަނީ އަތު ތެރެއިން ކައްސާލައިގެންނެވެ.

މެޗުގެ ފަހު މިނެޓުގައި ނޭޕާލުން އިތުރު ގޯލެއް ޖަހަިއި، ބަންގުބަންދު ސްޓޭޑިއަމް ރޮއްވާލިއެވެ. ހާއްސަކޮށް އެތައް ނޫސްވެރިންނެއްގެ ފަރާތުން ވަރަށް ބޮޑަށް ރުޅިވެރިކަމާ މާޔޫސްކަން ފެނިގެންދިޔައެވެ.

ސާފް ސުޒުކީ ކަޕް 2018: ބަނގްލަދޭޝް އަދި ޕާކިސްތާން ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އާންމުކޮށް ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ ޓީމެއްގެ ކޯޗަށް، ބަންގްލަދޭޝްގެ ނޫސްވެރިންގެ ޕްރެޝަރު ސުވާލުތަކެއް ކުރިމަތިކުރުވުމަކީ ކޮންމެ މެޗަކަށްފަހު އޮންނަ ޕޯސްޓް މެޗު ޕްރެސްއިން ފާހަގަ ކުރެވޭ ކަމެކެވެ. އެގޮތުން ޕާކިސްތާނާ ބަންގްލަދޭޝް ވާދަކުރި މެޗަށްފަހު ޕާކިސްތާނު ކޯޗުވެސް ވަނީ ބަންގްލަދޭޝްގެ ނޫސްވެރިންނާ ޖަދަލު ކުރުމުގެ ގޮތުން ދެތިން ވާހަކައެއް ބުނެފައެވެ.

ކޮންމެއަކަސް ރޭގެ ބައްޔާއެކު، ބަންގްލަދޭޝްގެ ސަޕޯޓަރުންނާ ނޫސްވެރިންގެ މާޔޫސްކަން ވަރަށް ބޮޑަށް ފެނިިގެންދިޔައެވެ. ކޯޗު ޖޭމީ ޑޭ ޕްރެސް ރޫމަށް ވަނުމާއެކު ފުރަތަމަވެސް ނޫސްވެރިން ކުރި ސުވާލަކީ ފުރަތަމަ 11ގެ ކީޕަރަކަށް ޝަހީދުލް އަލަމް ނެގީ ކީއްވެތޯއެވެ.

" މިއީ އާއްމުކޮށް ވާ ކަންތަކެއް ނޫން. ކީޕަރަށް ގޯސް ހެދުމުން އެ ވާނީ ޔަގީން ގޯލަކަށް. އެކަމަކު އަހަންނަށް ފެނުނު ޝަހީދުލް ވަރަށް ރަނގަޅު ސޭވްތަކެއް ކުރިތަން. ހާއްސަކޮށް ޕާކިސްތާނު މެޗުގައި. އެކަމަކު މިއަދު އޭނާއަށް ގޯސް ހެދުނީ. މިއީ ފުޓުބޯޅަ. ދުނިޔޭގެ އެންމެ މޮޅެތި ކީޕަރުން އަތުންވެސް ގޯސް ހެދޭނެ. އަހަރެން ނުބުނުނާނަން މި ބަލީގެ ޒިންމާ އޭނަ އެކަނި ނަގަންޖެހޭނެއެކޭ. މިއީ މުޅި ޓީމު ވީ ބައްޔެއް،" ޖޭމީ ޑޭ ބުންޏެވެ.

އެހިސާބުންވެސް ނޫސްވެރިން ކީޕަރުގެ ވާހަކަ ދޫ ނުކޮށް ކުރިއަށް ގެންދިޔައެވެ. އޭޝިއަން ގޭމްސްގައި ބަންގްލަދޭޝްގެ ގޯލް ބެލެހެއްޓި އަޝްރަފުލް އިސްލާމް ރަނާ ފުރަތަމަ 11ގައި ނުހިމެނީ ކީއްވެތޯ ސުވާލު ކުރިއެވެ.

" އަޑުއަހާ. މިއީ ވަކި ކީޕަރަކަށް ބުނާ ބަދުބަހެއް ނޫން. ކޮންމެ ކީޕަރެއް އަތުންވެސް ގޯސް ހެދޭނެ. ރަނާ އަރުވައިގެން ގޯހެއް ވި ނަމަ އަހާނެ ޝަހީދުލް ކީއްވެހޭ ނޭރުވީ. އެކަމަކު އެއީ ވަކި ކީޕަރެއް ވެގެން ނޫން ގޯސް ހެދުނީ. މިއަށްވުރެ ރަނގަޅަށް ވިސްނަން ވެއްޖެ. ރަނާ އޭޝިއަން ގޭމްސްގައިވެސް މިސްޓޭކް ހެދި. އެހެން ވެދާނެ ހަމަ ކޮންމެ ކީޕަރަކަށްވެސް،" ހިތްހަމަ ނުޖެހިފައިހުރި ޖޭމީ ޑޭ ބުންޏެވެ.

ސާފް ސުޒުކީ ކަޕް 2018: ބަނގްލަދޭޝް އަދި ނޭޕާލް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަނެއްކާވެސް ޖޭމީ ޑޭއަށް ނޫސްވެރިން ކުރިމަތި ކުރީ ނެގެޓިވް ސުވާލެކެވެ. ފޯވަޑުންނަށް ގޯލް ނުޖެހުނު އިރުވެސް އެކަން ހައްލު ނުކުރެވުނު ވާހަކައެވެ. އެ ސުވާލަށްވެސް ޖޭމީ ޑޭ ވަނީ ތިން ފަހަރު ޖަވާބު ދީފައެވެ.

" ފޯވަޑްގެ ވާހަކަ މި ދައްކަނީ. ބަންގްލަދޭޝްގައި އިތުރު ފޯވަޑެއް ނެތިއްޔާ އަހަރެން ކިހިނެތް ހަދަންވީ. ޔޫރަޕުން ގެންނަންވީ. އެގޮތަކަށް ނުވާނެ. ސީޒަނެއްގައި 25 ލަނޑު އަދި މުބާރާތެއްގައި ފަސް ވަރަކަށް ގޯލު ޖެހޭ ފެންވަރުގެ ފޯވާޑެއް ނެތްތާ 10 ވަރަކަށް ވެއްޖެ. އެކަމަކު އެއް ރެއަކުން އެކަމަށް ބަދަލެއް ނުގެނެވޭނެ. މިއާ ޖާދުލެއް ނޫން މިހަދަނީ. އަހަރެން ބަންގްލަދޭޝްގެ ޓީމާ ހަވާލުވިފަހުން މިވީ 16 ހަފްތާ ތެރޭގައި ޓީމަށް ވަރަށް ބޮޑަށް ކުރިއެރުންތަކެއް ގެނެވިއްޖެ، އެކަމަކު ދުވަހަކުވެސް އަހަންނަށް ޕޮސިޓިވް ސުވާލެއް ނާދޭ. އަބަދުވެސް ނުވެ އޮތް ކަމެއްގެ ވާހަކަ އަންނަނީ. ހާސިލްވި ކަމެއްގެ ވާހަކައެއް ނުދައްކާ،" މާޗް މަހު ބަންގްލަދޭޝްގެ ކޯޗުކަމާ ހަވާލުވި ޖޭމީ ޑޭ ބުންޏެވެ.

ނޫސްވެރިންގެ ނެގެޓިވް ސުވާލުތަކާ މެދު ހިތްހަމަ ނުޖެހި ހުރި ޖޭމީ ޑޭ ބުނީ ބަންގްލަދޭޝްއަށް ސާފް ޗެމްޕިއަންޝިޕުން ޖެހިޖެހިގެން ދެ މެޗުން މޮޅުވުމަކީ މިދިޔަ 10 އަހަރު ތެރޭ ނުވެ އޮތްކަމެއް ނަމަވެސް، އެކަންވެސް ކުރެވިއްޖެ ކަމަށެވެ. އޭޝިއަން ގޭމްސްގައި މުޅިން ތަފާތު ހަރުފަތަކަށްވެސް ގެންދެވިއްޖެ ކަމަށެވެ. އެކަމަކު އަދިވެސް އިވެނީ ނުވެ އޮތް ކަންތައްތަކުގެ ވާހަކަ، ގޯސްވި ކަންތަކުގެ ވާހަކަ ކަމަށްވެސް ޖޭމީ ޑޭ ބުންޏެވެ.

ޖޭމީ ޑޭ ބުނީ ޕާކިސްތާންގައި ޔޫރަޕުގައި ކުޅޭ ފަސް ކުޅުންތެރިން ތިއްބާ އެ ޓީމު ބަލިކުރީމަވެސް ރަނގަޅު ބަހެއް ނުލިބުނު ކަމަށާއި، ހަމައެކަނި ނެގެޓިވް ވާހަކަ ނުދައްކާ ޕޮސިޓިވް ވާހަކައާއެކު ނެގެޓިވް ވާހަކަ ދައްކަން ޖެހޭ ކަމަށްވެސް ޖޭމީ ޑޭ ނޫސްވެރިން ގާތު ބުނެފައިވެއެވެ.