ބަންގުލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމުން އަލީ ރިފްޝާން، މުހައްމަދު ޝަމްއޫން އަދި އިބްރާހިމް ޝާބިލް:

ސާފް ސުޒުކީ ކަޕް 2018ގައި އިންޑިއާ އާއި ދިވެހިރާއްޖެ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަގުތު"ގެ ކިޔުންތެރިންނަށް މަރުހަބާ!

20:06

ގުރުނަގައިގެން ރާއްޖެ ސެމީއަށް.

19:59

'ގްރޫޕް ބީ'ގައި ރާއްޖެއާއި ސްރީލަންކާ ހުރިހާ ގޮތަކުން އެއްވަރުވުމުން ސެމީ ފައިނަލަށް ދަތުރުކުރާ ޓީމެއް ކަށަވަރުކުރުމަށް ގުރުނަގާނެ.

19:54

ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެން.

19:51

+90' އިންޑިއާގެ ހަމަލާއެއް. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހިތޭޝް ޝަރްމާ ބޮލުން ފޮނުވާލި ހަމަލާ، ރާއްޖޭ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ދިޔައީ ބޭރަށް.

19:49

އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

19:49

89' ރާއްޖޭގެ ނުރައްކާތެރި ހަމަލާއެއް. ސެންޓޭ ފޮނުވާލި ހިލޭ ޖެހުން، އިންޑިއާގެ ކީޕަރު ވިޝާލް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައި.

19:45

85' އިންޑިއާއިން ބަދަލެއް. ނިކިލްގެ ބަދަލުގައި ކުޅެން ނުކުތީ ހިތޭޝް ޝަރުމާ.

19:44

ރެފްރީންގެ ނިންމުންތަކާ ގުޅިގެން ރާއްޖޭގެ ކޯޗު ޕީޓާ ސެގަޓް ދަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރަމުން.

19:41

19:41

80' ޕެނަލްޓީ އޭރިޔާ ބޭރުން އިންޑިއާގެ މަންވީރް ސިންގް ފޮނުވާލި ބާރު ހަމަލާ، ރާއްޖޭގެ ކީޕަރު ފައިސަލް ދިފާއުކޮށްފި.

19:37

ރާއްޖޭގެ އެޓޭކްތައް ހުއްޓުވުމަށް އިންޑިއާގެ ފޯވަޑް ލައިން ވެސް ފަހަތަށް ފައިބާކަން ފާހަގަކޮށްލެވޭ.

19:37

76' އިންޑިއާގެ ހާފްގެ ތެރެއިން އިއްބެއަށް އިންޑިއާގެ ސުމީތު ޕަސީ ކުރި ފައުލާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް. މިފަހަރުވެސް ރާއްޖެއަށް ހިލޭ ޖެހުމުން ނުރައްކާ ކުރެވޭ ގޮތެއް ނުވި.

19:35

އަކޫ ފޮނުވާލި ހަމަލާ، ވޯލްގައި ތިބި އިންޑިއާ ކުޅުންތެރިން ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

19:35

75' އިންޑިއާގެ ހާފްގެ ތެރެއިން ރާއްޖޭގެ ސެންޓޭއަށް އިންޑިއާގެ ޖެރީ ލާލްރިންޒުއާލާ ކުރި ފައުލާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް.

19:34

މިހާރު ރާއްޖޭގެ ކުރިއަށް ކުޅެމުން ދަނީ ފުރަތަމަ މެޗުގައި ލަންކާއާ ދެކޮޅަށް ކުޅުނު ފޯވަޑްލައިންގެ ދާދު، ސެންޓޭ އަދި ހަމްޕުގެ އިތުރުން މިއަދުގެ މެޗުގެ ފުރަތަމަ 11ގައި ހިމެނުނު ފޭދޫ އިއްބެ. ކުރީ މެޗުގައި ރާއްޖޭގެ ކުރިއަށް ކުޅުނު ހަލުވި ތިން ފޯވަޑުން ކުޅެން ނުކުތުމާއެކު ރާއްޖެއިން އަންނަނީ އިންޑިއާގެ ގޯލަށް ނުރައްކާ ކުރަމުން.

19:32

72' ރާއްޖޭގެ ހަމަލާއެއް. ޕެނަލްޓީ އޭރިޔާ ބޭރުން ދާދު ފޮނުވާލި ހަމަލާ ދިޔައީ އިންޑިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

19:31

ރާއްޖެއިން 2-0ގެ ނަތީޖާއަކުން އިންޑިއާ އަތުން ބަލިވެއްޖެ ނަމަ، ޕޮއިންޓްގެ ގޮތުންނާއި ފައިދާގެ ގޯލް، އަދި ހެޑް ޓު ހެޑްގެ އިތުރުން ޖެހި ގޯލާއި ކޮޅަށް ވަން ގޯލްއިންވެސް ލަންކާއާ ހަމަހަމަވާނެ. ސާފް ގަވާއިދު ބުނާ ގޮތުން ސެމީއަށް ދާނީ ގުރުއަތުން ދިމާވާ ޓީމެއް.

 

19:31

71' ރާއްޖޭގެ ހަމަލާއެއް. ޕެނަލްޓީ އޭރިޔާ ބޭރުން އިއްބެ ފޮނުވާލި ހަމަލާ، އިންޑިއާގެ ޑިފެންޑަރު ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

19:27

68' ރާއްޖެއިން ބަދަލެއް. އަސައްކޮގެ ބަދަލުގައި ކުޅެން ނުކުތީ އަލީ ފާސިރު (ސެންޓޭ.

19:26

67' އިންޑިއާއިން ބަދަލެއް. ފާރޫގް ހާޖީގެ ބަދަލުގައި ކުޅެން ނުކުތީ ސުމީތު ޕާސީ.

19:22

62' ރާއްޖެއިން ބަދަލެއް. ބަކާގެ ބަދަލުގައި ކުޅެން ނުކުތީ ހަސަން ނާއިޒް (ދާދު).

19:18

ރާއްޖެއާއި އިންޑިއާ ވާދަކުރަމުންދާ މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

19:15

53' އިންޑިއާއަށް ފުރުސަތެއް. އަނިރޫދް ތަޕާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިޔާ ތެރެއިން އިންޑިއާގެ ފާރޫކް ހާޖީ ކަސަމް ޗޯދުރީ ނުރައްކާ ކުރުމުގެ ކުރިން ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފައި.

19:10

50' ރާއްޖޭގެ ހާފްގެ ތެރެއިން އިންޑިއާގެ އަނިރޫފް ތަޕާއަށް ކުރި ފައުލަކާ ގުޅިގެން ބަކާއަށް ރީނދޫ ކާޑެއް ދައްކައިފި.

19:06

47' ރާއްޖެއަށް ހުސް ފުރުސަތެއް. އިންޑިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހަމްޕު ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި.

19:04

ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިންޑިއާއިން.

19:04

ދެވަނަ ހާފަށް އިންޑިއާއިންވެސް ނުކުންނާނީ ބަދަލަކާއެކު. ޑިފެންޑަރު ލަލިއާންޒުއާލާ ޗާންޓޭގެ ބަދަލުގައި ކުޅެން ނުކުންނާނީ މިޑްފީލްޑަރު ވިގްނޭޝް ޑަކްޝީނާ.

19:03

ރާއްޖެއިން ދެވަނަ ހާފަށް ނުކުތީ ބަދަލަކާއެކު. އާއްކޮގެ ބަަދަލުގައި ކުޅެން ނުކުތީ ހަމްޒާ މުހައްމަދު (ހަމްޕު).

18:58

މެޗުގެ ފުރަތަމަ ހާފް ޑޮމިނޭޓްކޮށްގެން ކުޅެފައި ވަނީ އިންޑިއާއިން. ހާއްސަކޮށް އިންޑިއާގެ ފޯވަޑް ލައިނުން ގިނަ ހަމަލާތަކެއް އުފައްދާފައިވާ އިރު، ރާއްޖެއަށް އިންޑިއާގެ ގޯލަށް ނުރައްކާ ކުރެވިފައި ވަނީ ހާފް ނިމެން ދަނިކޮށް. މެޗުގެ ފުރަތަމަ ހާފްގައި އިންޑިއާއިން ދެ ގޯލް ޖަހައިފައިވާ އިރު، ސެމީގެ ޖާގައެއް ހޯދުމަށް ދެވަނަ ހާފްގައި ރާއްޖެއިން އިތުރު މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައި.

18:48

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން އިންޑިއާ ކުރީގައި އޮވެގެން.

18:47

+45' ރާއްޖެއަށް ހުސް ފުރުސަތެއް. ފޭދޫ އިއްބެއަށް ލިބުނު ބޯޅައިން ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ދިޔައީ އިންޑިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

18:46

އިތުރު ވަގުތު ދެ މިނެޓްގެ ކުޅުން ފެށިއްޖެ.

18:46

އިންޑިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މަންވީރް ސިންގް. މަންވީރަށް ލިބުނު ބޯޅަ ހޯދުމަށް ކީޕަރު ފައިސަލް ނުކުތް ނަމަވެސް، ފައިސަލްއަށް ބޯޅަ ހޯދިފައެއް ނުވޭ. މަންވީރު ސިންގު ބޯޅަ ފޮނުވާލި ހުސް ގޯލަށް.

18:44

44' އިންޑިއާއިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފި.

18:40

40' އިންޑިއާގެ ނިކިލް ޗަންްދްރަޝޭކަރު ނަގައިދިން ހުރަސް ނުރައްކާވުމުގެ ކުރިން ރާއްޖޭގެ ކީޕަރު ފައިސަލް، އެ ބޯޅަ ހޯދައިފި.

18:39

37' ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، އިންޑިއާގެ މަންވީރް ސިންގް ނުރައްކާ ކުރުމުގެ ކުރިން ރާއްޖޭގެ ކީޕަރު ފައިސަލް އެ ބޯޅަ ހޯދައިފި.

18:37

ރީތި ކުޅުމަކާއެކު ފާރޫކް ހާޖީ ކަސަމް ޗޯދުރީ ދިން ބޯޅައަކުން އިންޑިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ނިކިލް ޗަންދްރަޝޭކަރް.

18:36

36' އިންޑިއާއިން ލީޑު ހޯދައިފި،

18:33

32' އިންޑިއާއަށް ލަނޑުޖަހާނެ ފުރުސަތެއް. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިންޑިއާގެ ރަންޖަން ސިންގް ސަލާމް ފޮނުވާލި ހަމަލާ، ރާއްޖޭގެ ޑިފެންޑަރު ސަމުއްޓޭ ވަނީ ދިފާއުކޮށްފައި.

18:33

މިހާތަނަށް އެކިއެކި މުބާރާތްތަކާއި، އެކުވެރިކަމުގެ މެޗުތަކުގައި ރާއްޖެއާއި އިންޑިއާ ވަނީ 18 ފަހަރު ކުރިމަތިލައިފަ. އޭގެ ތެރެއިން 13 މެޗު އިންޑިއާއިން ކާމިޔާބުކޮށްފައިވާ އިރު، ރާއްޖެއަށް އިންޑިއާ ބަލިކުރެވިފައި ވަނީ ތިން ފަހަރު. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެން.

18:25

23' އިންޑިއާގެ ހަމަލާއެއް. ފާރޫކް ހާޖީ ކަސަމް ޗޯދުރީ ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ ދިފާއުކޮށްފައި.

18:21

ގްރޫޕް ބީގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ލަންކާއާ ވާދަކޮށް، މެޗު ނިމުނީ 0-0ގެ ނަތީޖާއަކުން އެއްވަރު ވެގެން. ރާއްޖެއަށް މިހާރު އޮތް ފައިދާއަކީ ފުރަތަމަ މެޗުގައި އިންޑިއާއިން ލަންކާ ކޮޅަށް ދެ ގޯލް ޖަހައިގެން އެޓީމު ބަލިކޮށްފައި އޮތުން. އެ މެޗުން މޮޅުވެ އިންޑިއާއިން ސެމީ ޔަގީން ކޮށްފައިވާ އިރު، ރާއްޖެއިން ސެމީ ޔަގީން ކުރުމަށް އިންޑިއާ އަތުން ޕޮއިންޓެއް ހޯދުން މުހިއްމު.

18:19

18' އަކޫ ނެގި ހުރަސް، އިންޑިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނުރައްކާވުމުގެ ކުރިން އިންޑިއާގެ ޑިފެންޑަރުން އެ ބޯޅަ ކޯނަރަކަށް ބޭރުކޮށްލައިފި.

18:16

15' ކައިރިކައިރީގައި ރާއްޖެއަށް ދެ ކޯނަރު ލިބުނު ނަމަވެސް، އާއްކޮ ނެގި ދެ ކޯނަރުން ވެސް ހަމަލާއެއް ނުއުފެއްދުނު.

18:12

ރާއްޖެއިން އެންމެފަހުން އިންޑިއާ ބަލިކޮށްފައި ވަނީ 2009 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި. އެ ފަހަރު ގްރޫޕް ސްޓޭޖުގައި ރާއްޖިއިން އިންޑިއާގެ މައްޗަށް ކުރި ހޯދީ 2-0ގެ ނަތީޖާއަކުން.

18:12

10' އިންޑިއާގެ ހަމަލާއެއް. އަނިރޫދް ތަފާ ނަގައިދިން ހުރަހަކުން ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ ނިކިލް ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.

18:10

8' ރާއްޖޭގެ ހަމަލާއެއް. ބަކާ ދުރުން ފޮނުވާލި ހަމަލާ، އިންޑިއާގެ ކީޕަރު ވަނީ ކޯނަރަކަށް ބޭރުކޮށްލާފައި.

18:09

6' އިންޑިއާއަށް ފުރުސަތެއް. ނިކިލް ޗަންރަބްޝެޚާރް ފޮނުވާލި ހަމަލާ، ބަކާގެ ބޮލުގައި ޖެހިފައި އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް.

18:04

ލަންކާއާ ދެކޮޅަށް ރާއްޖެއިން ނެރުނު ފުރަތަމަ 11ގައި ފޯވަޑް ލައިނުން ފެނުނު އަލީ ފާސިރު (ސެންޓޭ)، ނާއިޒް ހަސަން (ދާދު) އަދި ހަމްޒާ މުހައްމަދު (ހަމްޕު) މިއަދުގެ ފުރަތަމަ 11ގައި ކޯޗު ޕީޓާ ސެގަޓް ހިމަނާފައެއް ނުވޭ. އޭގެ ބަދަލުގައި މިއަދު ރާއްޖޭގެ އެޓޭކަށް ކުޅެނީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)، އަސަދުﷲ އަބްދުﷲ އަދި އަހުމަދު އިމާޒް (އާއްކޮ).

18:02

1' އިންޑިއާގެ ހާފްގެ ތެރެއިން އަސައްކޮ ނުރައްކާ ކުރުމުގެ ކުރިން އިންޑިއާގެ ކީޕަރު ވިޝާލް ކުރިއަށް ނުކުމެ ބޯޅަ ބޭރުކޮށްލައިފި.

18:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ރާއްޖެއިން.

17:59

އިންޑިއާގެ ބަދަލު ކުޅުންތެރިން:

ގަރުމަންޕްރީތު ސިންހް

ސުމީތު ޕާސީ

ހިޓޭޝް ޝަރުމާ

ސަރުތަކު ގޯލޫ

ކަމަލްޖީތު ސިންހް

އާޝިގު ކުރުނިޔަން

ވިގްނީޝް ޑަކްޝީނާ މުރުތީ

މުހައްމަދު ސާޖިދު

ސުކްދޭވް ޝިވާޖީ ޕަޓޭލް

17:58

އިންޑިއާގެ ފުރަތަމަ 11:

ވިޝާލް ކައިތު - ގޯލްކީޕަރު

ރަންޖަން ސިންހް ސަލާމް

ސުބަހަސީޝް ބޯސް

ދަވިންދުރަ ސިންހް

ޖެރީ ލަލްރިންޒުއާލާ

އަނިރޫދު ތާޕާ - ކެޕްޓަން

މަންވީރް ސިންހް

ވިނިތު ރާއީ

ފާރޫގު ހާޖީ ކަސަމް ޗޯދުރީ

ނިހިލް ޗަންދުރަޝޭކަރު

ލަލިއަންޒުއާލާ ޗާންޓޭ

 

17:55

ރާއްޖޭގެ ބަދަލު ކުޅުންތެރިން:

ހުސައިން ޝަރީފް - ގޯލްކީޕަރު

އަހްމަދު ނޫމާން (ހެލްމެޓް)

އަލީ ފާސިރު (ސެންޓޭ)

ހަމްޒާ މުހައްމަދު (ހަމްޕު)

ހަސަން ނާއިޒް (ދާދު)

ރިހާމް އަބްދުލްޤަނީ (ބޮބީ)

ހަސަން ތޮލާލް - ގޯލްކީޕަރު

ހުސައިން ނިހާން

ސަމްދޫހު މުހައްމަދު

17:51

ރާއްޖޭގެ ފުރަތަމަ 11:

މުހައްމަދު ފައިސަލް - ގޯލްކީޕަރު

އަލީ ސަމޫހު (ސަމުއްޓޭ)

ހުސައިން ސިފާއު ޔޫސުފް

މުހައްމަދު އިރުފާން (އިރޭ)

މުހައްމަދު އާރިފް (ބަކާ)

އަސަދުﷲ އަބްދުﷲ (އަސައްކޮ)

އަކްރަމް އަބްދުލްޤަނީ (އަކޫ) - ކެޕްޓަން

އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)

މުހައްމަދު މުޖުތާޒް (މުޖޭ)

އިބްރާހިމް ވަހީދު ހަސަން (އިއްބެ)

އަހްމަދު އިމާޒް (އާއްކޮ)

 

ކޯޗު: ޕީޓާ ސެގާޓް

މިއަދުގެ މެޗަށް ދެ ޓީމު ނުކުންނައިރު:

  • އިންޑިއާއިން ވަނީ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުގައި ލަންކާ ބަލިކޮށް، ސެމީ ޔަގީން ކޮށްފައި
  • ދިވެހި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ލަންކާއާ އެއްވަރުވެ، ދެޓީމަށްވެސް ލިބިފައި ވަނީ ޕޮއިންޓެއް
  • އިންޑިއާއާއި ރާއްޖެ މީގެ ކުރިން 18 ފަހަރު ކުރިމަތިލާފައިވާ އިރު، އޭގެ ތެރެއިން 13 މެޗުން އިންޑިޔާ ވަނީ މޮޅުވެފަ، ތިން މެޗު އެއްވަރުވެގެން ނިމުނު އިރު، އިންޑިޔާގެ މައްޗަށް ރާއްޖެއިން ކާމިޔާބު ހޯދައިފައި ވަނީ އެންމެ ދެ ފަހަރު.
  • ސާފް ޗެމްޕިއަންޝިޕްގައި އެންމެފަހުން ރާއްޖެއަށް އިންޑިއާ ބަލިކުރެވިފައި ވަނީ 2009 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ދިވެހި ޤައުމީ ޓީމޭ ބުނަންވެސް ލަދުގަނޭ

  2. ބޯހަލާކު

    ކޯޗު ބަދަލު ކުރޭ. ކުރިއަށް ވުރެންވެސް މިހާރުގެ ކުޅުން ހަޑި. ވަރަށް އުންމީދު ކޮއްގެން ހުރީ ގަތަރުގަ ކޭމްޕު ކޮށްފަ ދާތީވެސް. އެކަމަކު ވަރަށް ދެރަވެއްޖެ. އެފްއޭއެމްއަށްވެސް އިނގުނީ މިކަހަލަ އަނގަ ފަތަރާސީ ރޯނު އެދުރަކައްތަ ކޯޗުކަން ދޭން. އެހާ ހަރަދު ކުރެވޭ އިރު ކީއްވެތަ ރަނގަޅު ކޯޗެއް ނުހޯދީ. އެފްއޭއެމްވެސް ކަޑަ.

  3. ކޯޗް

    ކޯޗް އިސްތިއުފާ ދީފަ ރަށަށްދޭ

  4. ކަމަނަ މުހައްމަދު

    ކޯޗް އިސްތިއުފާ. މުޅި ދިވެހި ފުޓްބޯޅަ މަތިން ފޫހިވެއްޖެ ގެނައި ކޯޗެއްގެ ސަބަބުން. ބޮޑު ބައްޔަކުން ބަލިވިއްޔާ ރަނގަޅީ.

  5. ޑރ

    ރާއްޖެ ކޮޅަށް 18 ލަނޑު ޖެހިއްޔާ ރަނގަޅީ

  6. ނަންްްްްް

    ދެރަ ނުވޭ މިއީ ތަޖްރިބާގެ މެޗެއް. ދެން ކުޅޭ މެޗަކުން އިންޑިއާ ބަލިކޮންލާނީ 5 -0 އަކުން

  7. މެސީ

    މީގެން ޔާމީނަށް ރަނގަޅު ފިލާވަޅެއް ލިބޭނެކަމަށް ހީކުރަން! މިޤައުމުގަ ހުރި އެއްމެ މޮޅު ކުޅުންތެރިއާ "ދަނގަޑޭ" ނުލާ ޓީމު ނެގީމަ ވާގޮތް އިންތިޚާބުގައިވެސް ހަމަ ވާނީ، މަޢުމޫނާ ނުލައި ޔާމީނަކަށް އިންތިޚާބެއް ކާމިޔާބެއް ނުވާނެ!

  8. Anonymous

    ސަޅި!! ޕެނަލްޓީގެ ބަދަލުގައި ގުރުނަގައިގެން. ސަޅި އިނގޭ.

  9. ޢާދަނު

    މެޗަކުން މޮޅުނުވެ ލަނޑެއްނުޖަހަ ސެމީއަށް