ޖަރުމަނު ވިލާތުގެ ލެޕްޒިގް ޔުނިވާސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާސްކެޓްބޯޅަ ކޯޗިންގް ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ދިވެހި ކޯޗުންނަށް ހުޅުވާލައިފިއެވެ.

އެމްބީއޭ އިން ނެރުނު އިއުލާނެއްގައި ވަނީ ލެޕްޒިގް ޔުނިވާސިޓީގައި 30 އޮގަސްޓުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިން ކޯހެއްގައި އެ އެސޯސިއޭޝަންގެ ފަރާތުން ކޯޗަކު ބައިވެރިކުރުމަށް ފުރުސަތު ލިބިފައިވާކަމަށެވެ.

މިކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެފަރާތެއްގެ ވަނަވަރާއި ކޯހަށްއެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށް ފަހު އެސޯސިއޭޝަންގެ އީ-މެއިލް ކުރުމަށް އިއުލާނުގައި ބުނެފައިވެއެވެ.

އަދި މި ކޯހަށް ބައިވެރިން ހޮވުމުގައި މީގެ ކުރިން އިންޓަނޭޝަނަލް ކޯޗިން ކޯހެއްގައި ބައިވެރިވެފައި ނުވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް އެމްބީއޭ އިން ވަނީ ބުނެފައެވެ. ކޯހާ ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އެސޯސިއޭޝަންގެ ނަމްބަރު 3314024 އަށް ގުޅުމުން މައުލޫމާތު ލިބޭނެކަމަށް ވެސް އެ އެސޯސިއޭޝަން އިން ބުނެފައިވެއެވެ.

ރާއްޖޭގައި ބާސްކެޓްގެ ހަރަކާތްތައް މިދިޔަ އަހަރު އޮތީ އެއްކޮށް ހުއްޓިފައެވެ. ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން މުބާރާތެއް ނުބާއްވާ އޮތުމަށް ފަހު އެސޯސިއޭޝަނުން މަސައްކަތް ކުރަނީ ހާލަތު ތަން ދޭ މިންވަރަކުން މުބާރާތްތައް ބާއްވާށެވެ.