އޭއެފްސީ ކަޕު ކޮލިފިކޭޝަންގެ ޕްރީލިމިނަރީ ބުރުގައި ރާއްޖޭގެ ކުލަބް އީގަލްސްއާއި ވާދަކުރުމަށް ބޫޓާންގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީ މިއަދުގެ ވަގުތެއްގައި ރާއްޖެ އަންނާނެއެވެ.

އަންނަ ބުދަދުވަހުގެ ހަވީރު މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގެ ކުރިން ބޫޓާން ވަނީ އިންޑިއާގެ ކަލްކަތާ ސިޓީގައި ކޭމްޕުކޮށްފައެވެ. އެ ސިޓީގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައި މި ކޭމްޕް ފުރިހަމަކޮށްފައި ވަނީ އިންޑިއާގެ ފުޓުބޯޅަ އިދާރާގެ އެހީއާއެކު އެވެ.

މި މެޗަށް ތިމްޕޫ ސިޓީ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އަދި ދުރާލާ މެޗަށް ތައްޔާރުވުމުގެ ގޮތުން ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތަކުން މެޗު ޕްރޮމޯޓުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ޓީމުގެ ކުޅުންތެރިން އެކުގައި ފަރިތަކުރުންތައް ބާއްވާފައިވެއެވެ.

ރާއްޖޭގެ ކުލަބް އީގަލްސް ވަނީ އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފަށާފައެވެ. ނަމަވެސް އެންމެ ހިތްހަމަޖެހޭ ގޮތަށް ފަރިތަކުރުންތައް އެ ޓީމަކަށް ނުބޭއްވުނެއެވެ. އެއީ އެޗްޕީއޭ އިން ފަރިތަކުރުމުގެ ހުއްދަ ނުދީ ދިގުދަންމާލުމާއި ގުޅިގެންނެވެ. ގާތްގަނޑަކަށް މަހަކަށްވުރެ ގިނަ ދުވަސް ވަންދެން ކުޅުންތެރިން މެޗެއް ނުކުޅެ ތިބެން ޖެހުނެވެ.

ތިމްޕޫ ސިޓީ އެފްސީން އިންޑިއާގައި ކޭމްޕުކުރަނީ

މީގެކުރިން ތިމްޕޫ ސިޓީ ވަނީ މާލޭގައި ކުޅެފައެވެ. އެއީ އޭއެފްސީ ކަޕުގެ ކޮލިފައިންގައި ރާއްޖޭގެ ކުލަބް ވެލެންސިއާ އާއި ދެކޮޅަށް 2017 ވަނަ އަހަރުގައެވެ. އެފަހަރު ދެ ލެގު ކުޅުނުއިރު މާލޭގައި ކުޅުނު މެޗު ވެލެންސިއާ ކާމިޔާބުކުރީ 3-0 އިންނެވެ. އަދި ރަށުންބޭރުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިފަހަރު ކުޅޭނީ އެއް މެޗެވެ. އެއީ ކޮވިޑުގެ ހާލަތާއި ގުޅިގެން ދަތުރުފަތުރުގެ ކަންކަން ވީހާވެސް ކުޑަކުރުމުގެ ގޮތުން އޭއެފްސީން އެޅި ފިޔަވަޅެކެވެ.

ޕްރީލިމިނަރީ ބުރުގެ މެޗު އީގަލްސް ކާމިޔާބުކޮށްފިނަމަ ދެވަނަބުރުގައި ރާއްޖެ ބައްދަލުކުރަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. މި މެޗުން މޮޅުވެއްޖެ ނަމަ ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.

މި އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށް ރާއްޖޭގައި ބާއްވާއިރު، އޭއެފްސީން ތާވަލުކޮށްފައިވާ ގޮތުން ދެކުނު އޭޝިއާ ގްރޫޕުގެ ޕްރިލިމިނަރީ ބުރާއި ޕްލޭއޮފް ބުރަށްފަހު، ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާނެ އެވެ.