އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ކުޅޭ ޕްރީލިމިނަރީ ދެވަނަ ބުރުގައި ރާއްޖޭގެ ކުލަބް އީގަލްސްއާއި ދެކޮޅަށް ކުޅޭ ބަންގާޅުގެ ޑާކާ އަބަހާނީން މުބާރާތުން ބޭރުވުމާއި ގުޅިގެން ޕްލޭއޮފަށް އީގަލްސް ދަތުރުކޮށްފިއެވެ.

އޭއެފްސީން ވަނީ މި މެޗު ކުޅުމަށް ޑާކާ އަބަހާނީއަށް އެތައް ފުރުސަތުތަކެއް ދީފައެވެ. އެގޮތުން މި މެޗު ބަންގްލަދޭޝްގައި ކުޅުމުގެ ފުރުސަތު ނުލިބުމުން އެހެން ދަނޑެއްގައި އެ މެޗު ކުޅުމަށް އޭއެފްސީން ފުރުސަތު ދިނެވެ. ނަމަވެސް ކަނޑައެޅި ތާރީހަށް މި މެޗު އެ ޓީމަކަށް ހަމައެއް ނުޖެއްސުނެވެ.

އޭއެފްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޑާކާ އަބަހާނީ މުބާރާތުން ވަކިވީ ބަންގްލަދޭޝްގައި ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން ދަތުރުފަތުރު ނުކުރެވޭ ގޮތަށް ފުރަބަންދު ވުމާއި ގުޅިގެން މި މެޗު ކުޅެވޭނެ އިތުރު ގޮތެއް ނެތުމުންނެވެ.

މި ނިންމުމާއި އެކު މުބާރާތުގެ ޕްލޭއޮފް ބުރަށް ކުލަބް އީގަަލްސް ވަނީ ދަތުރުކޮށްފައެވެ. އެއާއެކު ޕްލޭއޮފް ބުރުގައި އީގަލްސް ވާދަކުރާނީ އިންޑިއާގެ ބެންގަލޫރު އެފްސީއާއެވެ. މި މެޗު ކާމިޔާބުކުރާ ޓީމަކަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނެއެވެ.

މިކަމާއި ގުޅިގެން ޑާކާ އަބަހަނީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޭއެފްސީން އެފަދަ ނިންމުމެއް ކުއްލިގޮތަކަށް ނިންމުމުން ހައިރާންވާ ކަމަށްވެސް ޑާކާ އަބަހާނީން މީޑިއާގައި ބުނެފައިވެއެވެ. އަދި މި ނިންމުން ބަދަލުކުރުމަށް އެ ކުލަބުން ވަނީ އޭއެފްސީއަށް ގޮވާލާފައެވެ.

ޑާކާ އަބަހާނީ އާއި ކުލަބް އީގަލްސް މެޗު އެންމެ ފުރަތަމަ ކުޅެން ތާވަލުކުރީ މި މަހުގެ 14 އަށެވެ. މި ތާރީހުގެ ކުރިން ކޮވިޑާއި ގުޅިގެން ބަންގްލަދޭޝް ފުރަބަންދުކުރުމާއި ގުޅިގެން މެޗު ފަސްކުރަން ޖެހުނެއެވެ. އެއާއެކު އޭއެފްސީން ނިންމީ ނިއުޓްރަލް ދަނޑެއްގައި މިމަހުގެ 21 ގައި މެޗު ކުޅޭށެވެ. ނަމަވެސް ބަންގްލަދޭޝްގެ ވައިގެ ދަތުރުފަތުރު ހުއްޓާލުމާއެކު އެކަން ނުވިއެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގައި މިހާރު ހިމެނޭ ޓީމުތަކަކީ ރާއްޖޭގެ މާޒިޔާ އާއި އިންޑީއާގެ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. ރާއްޖޭގައި ގްރޫޕް ސެޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ މި ގްރޫޕުގެ މެޗުގައް ކުޅޭނީ އަންނަ މަހުގެ 14 އިން 20 ގެ ނިޔަލަށެވެ