ރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް ނެސޯ ހޯމް ވަގުތު ފުޓްސަލް ޗެލެންޖުގައި ކުޅޭ އެންމެ ޒުވާން ކުޅުންތެރިޔާ އަކީ އެފްސީ އުސްގަނޑަ ޓީމުގެ މުހައްމަދު އީޒާން ރަޝީދުއެވެ.

ރާއްޖޭގެ ފުޓްސަލް ތަރިންނާއެކު މި މުބާރާތުގެ ތިން ވަނަ ފައިނަލަށް ނިކުންނަ އުސްގަނޑަ ޓީމުގައި ހިމެނޭ އުމުރުން 13 އަހަރުގެ މުހައްމަދު އީޒާންއަށް މި ފައިނަލު ވެގެން ދާނީ ވަރަށް ތާރީހީ ފައިނަލަކަށެވެ.

އުމުރުން 13 އަހަރުގެ އީޒާން ބޯޅަ ހިފައިގެން. --- ވަގުތު އިމޭޖަސް

އުމުރުން އެންމެ ފަސް އަހަރުގައި ފުޓުބޯޅައިގެ ތެރެއަށް ވަތް އީޒާންގެ އަޒުމް ވަރަށް ވަރުގަދައެވެ. އުމުރުން 9 އަހަރުގައި ފުރަތަމަ މުބާރާތަކަށް އީޒާން ކުޅުނީ އިންޓަ ސްކޫލު މުބާރާތެވެ. ޝަރަފުއްދީން ސުކޫލު ތަމްސީލު ކުރާ އީޒާން ވަނީ އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

ރާއްޖޭގެ މޮޅެތި ފުޓްސަލް ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތު ލިބުމަކީ، އީޒާންގެ ފުޓްބޯޅަ ހަޔާތުގައިވެސް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމުގައި އޭނާ ގަބޫލުކުރެއެވެ. "ވަގުތު" ފުޓްސަލް ޗެލެންޖު ދެ އަހަރު ކާމިޔާބުކޮށްފައިވާ އުސްގަނޑަ ޓީމުގައި ކުޅުމަކީ ވަރަށް އުފާވާ ކަމެއް ކަމުގައި އީޒާން ބުނެއެވެ.

އުމުރުން 13 އަހަރުގެ އީޒާން ބޯޅަ ހިފައިގެން. --- ވަގުތު އިމޭޖަސް

ބޮޑު ފުޓްބޯޅަތަ ނޫނީ ފުޓްސަލްތަ؟

އީޒާން ބޭނުން ވަނީ ބޮޑު ފުޓްބޯޅައިގައި، އެންމެ މަތީ ހަރުފަތަށް ދިއުމަށެވެ. އޭގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ކުޅުމަކީވެސް އީޒާންް ދެކެމުންދާ ހުވަފެނެކެވެ.

މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކޮން ބައެއްގެ ފަރާތުން؟

ފުޓުބޯޅައިގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އާއިލާގެ ފަރާތުން ކަމަށް އީޒާން ބުނިއެވެ. މީގެ އިތުރުން މިފަހަރުގެ މުބާރާތުގައި އުސްގަނޑަ ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާ ކަމުގައި އީޒާން ބުންޏެވެ.

އުމުރުން 13 އަހަރުގެ އީޒާން. --- ވަގުތު އިމޭޖަސް

އެންމެ ސަޕޯޓު ކުރާ ކުޅުންތެރިންނަކީ ކޮބާ؟

އީޒާން ރާއްޖެއިން އެންމެ ސަޕޯޓް ކުރާ ކުޅުންތެރިޔާ އަކީ އަލީ އަޝްފާގު (ދަގަނޑޭ)އެވެ. ރާއްޖޭއިން ބޭރުން އީޒާން އެންމެ ސަޕޯޓް ކުރާ ކުޅުންތެރިޔަކީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއެވެ.

ޝަރަފުއްދީން ސުކޫލުގެ ގުރޭޑު ހަތެއްގައި މިހާރު ކިޔަވަމުންދާ އިޒާން، މިހާރުވެސް ސުކޫލުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާތަކެއް ވަނީ ހޯދައިފައެވެ. ކުރިއަށް ހުރި މުބާރާތްތަކުގައި ވެސް ފުރުސަތު ލިބޭ ވަރަކުން ކުޅޭނެ ކަމުގައި އީޒާން ވަނީ ބުނެފައެވެ.

އީޒާންއަކީ "ވަގުތު" ފުޓްސަލް ޗެލެންޖުގެ ތާރީހުގައިވެސް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އީޒާންގެ އިތުރުން ދެން އެންމެ ހަގު ކުޅުންތެރިޔަކަށް މި މުބާރާތުގައި ކުޅޭ ކުޅުންތެރިއަކީ އުމުރުން 14 އަހަރުގެ އަހުމަދު އަލްވިން ހަސަންއެވެ. އަލްވިން މި މުބާރާތުގައި ކުޅެފައި ވަނީ އެފްސީ ޒެފިޔާއަށެވެ.