19 ވަނަ އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް ސިންގަލްސް އިވެންޓްގެ ގަދަ 32 އިން ރާއްޖޭގެ މުޙައްމަދު ޝައްފާން އިސްމާއިލް ޖާގަ ހޯދައިފިއެވެ.

ޗައިނާގެ ހަންގްޖޯގައި އަންނަ އޮކްޓޫބަރު މަހުގެ 8 ގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ ގޭމްސްގައި ޓީޓީގެ ސިންގަލްސް އިވެންޓްގެ ގަދަ 32 ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ޝައްފާން ހިމެނުނީ މިއަދު ކުޅުނު މެޗުގައި ނޭޕާލްގެ ރުބިން މަހާރްޖަން 4-1 އިން ބަލިކޮށްގެންނެވެ.

މި މެޗުގެ ސެޓުތައް ޝައްފާން ގެންދިޔައީ، 11-6، 3-11، 11-8، އާއި 11-6 އަދި 11-8 އިންނެވެ.

މިއީ މި ފަހަރުގެ ގޭމްސްގައި ޓީޓީ އިން ރާއްޖެ އަށް ލިބުނު ފުރަތަމަ މޮޅެވެ. މިއަހަރުގެ ގޭމްސްގެ ޓީޓީ ޓީމް އިވެންޓްގައި ރާއްޖެ އަށް ކުރިމަތިވީ ނާކާމިޔާބީއެވެ.

އޭޝިއަން ގޭމްސްގެ ޓީޓީ އަންހެން ސިންގަލްސް އިވެންޓްގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ކުޅެނީ. --ފޮޓޯ: އިސްމާއިލް ތޯރިޤް / އެމްއޯސީ

މީގެއިތުރުން، ފިރިހެން ސިންގަލްސް އިވެންޓްގައި މިއަދު ރާއްޖޭން ވާދަކުރި މޫސާ މުންސިފް އަހުމަދު އާއި އަންހެން ސިންގަލްސް ބައިގައި އައިޝަތު ރަފާ ނާޒިމް ވަނީ ކުޅުނު މެޗުތަކުން ބަލިވެފައެވެ. ބަހްރެއިންގެ އަލްޔާސް އަހުމަދު މުޙައްމަދު ޖާސިމް އަލްޔަސީ އަތުން މުންސިފް ބަލިވީ 4-1 އިންނެވެ. މި މެޗުގެ ސެޓުތައް ބަހްރެއިންގެ އަލްޔާސް ގެންދިޔައީ 11-6، 4-11، 15-13، އާއި 13-11، އަދި 11-7 އިންނެވެ.

އަންހެން ސިންގަލްސް ބައިގައި މަކާއޯގެ ޗީ ހުން ޗެއޮންގ އަތުން ރަފާ ބަލިވީ 4-1 އިންނެވެ. މި މެޗުގެ ސެޓުތައް މަކާއޯގެ ޗެއޮންގ ގެންދިޔައީ 11-5، 8-11، 11-9، އާއި 11-4 އަދި 11-9 އިންނެވެ.

މި އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރާއިރު، ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޓީޓީ ޓީމުގައި ހިމެނެނީ؛ ޝައްފާން އާއި މުންސިފްގެ އިތުރުން އަޚްޔާރް އަހުމަދު ޚާލިދު އެވެ. އަންހެން ޓީމުގައި ހިމެނެނީ؛ ރަފާގެ އިތުރުން ލައިސާ ފަތުހުﷲ އިސްމާއިލް އާއި ފާތިމަތު ޖުމާނާ ނިމާލް އެވެ.