ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށި މެޗުގައި އަހުމަދު ރިޒުވާން (ރިޒޭ) ކާމިޔާބުކުރި ހެޓްރިކާއެކު ޔުނައިޓެޑް ވިކްޓްރީ އަތުން 1-8 އިން ކްލަބް އީގަލްސް މޮޅުވެއްޖެއެވެ.

މި ނަތީޖާއާއެކު އީގަލްސް އެއްވަނައިގައި އޮތީ 11 މެޗުން ލިބުނު 26 ޕޮއިންޓާއެކު އެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ދެ މެޗު މަދުން ކުޅެފައިވާ މާޒިޔާ އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އީގަލްސް އިން ލީޑްނެގީ އެ ޓީމުގެ ކެޕްޓަން، ރިޒޭ ކާމިޔާބުކުރި ގޯލުންނެވެ. އޭގެ 13 މިނެޓުފަހުން، އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ރިޒޭ އެވެ. ފުރަތަމަ ހާފު ނިމުނީ 2-0 އިން އީގަލްސް ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި އީގަލްސްގެ ތިންވަނަ ލަނޑުޖަހައިދީ، ރިޒޭ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެފަހުން، މެޗުގެ 56 ވަނަ މިނެޓުގައި އީގަލްސްގެ ހަތަރުވަނަ ލަނޑުޖަހައިދިނީ އިސްމާއިލް އީސާ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ރިޒޭ އެވެ.

ކްލަބް އީގަލްސްއާ ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އެފްއޭއެމް

އީގަލްސް އިން މި މެޗުގައި ޖެހި ފަސްވަނަ ލަނޑު، 61 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، މިލޮވާން ޕެޓްކޮވިޗް އެވެ.

މެޗުގެ 71 ވަނަ މިނެޓުގައި އީގަލްސްގެ އަބްދުﷲ ޒުހާން ވަނީ ނަތީޖާ 6-0 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެ ހަތް މިނެޓުފަހުން، ޒައިން ޒަފަރް ވަނީ އެ ޓީމުގެ ހަތްވަނަ ލަނޑުޖަހައިދީފައެވެ. އޭގެ މިނެޓެއްގެ ތެރޭގައި ޔޫވީ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، ކާމިޔާބުކޮށްދިނީ ޝަނާން ރަޝާދު އެވެ.

އީގަލްސްގެ ފަހު ލަނޑު، އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ރިޒޭ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.

ކުރީން ލީގުގެ މެޗުތައް ރޭވިފައިވާ ގޮތުން، ރޭ މާޒިޔާއާ ވެލެންސިއާ ބައްދަލުކުރުމަށް ހަމަޖެހިފައި އޮތް މެޗު ވަނީ ނުކުޅޭ ގޮތަށް ނިންމާފައެވެ. އެއީ، ލީގުގެ ބާކީ ބައިގައި ނުކުޅެން ވެލެންސިއާ އިން ނިންމުމުންނެވެ.