އާޖެންޓީނާގެ ފުޓްބޯޅަ ތަރި އަދި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ލިއޮނެލް މެސީ ކުރިއަށްއޮތް ފަސް އަހަރުގައިވެސް ފެނިގެންދާނީ ސްޕެެއިންގެ ޗެމްޕިއަން ބާސެލޯނާ އިން ކަމަށް އެކްލަބުގެ ރައީސް ޖޯސެފް ބާޓޮމެއު ބުނެފިއެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަށްދޭ ފީފާ ދަ ބެސްޓް އެވޯޑް ދާދި ފަހަކުން ކާމިޔާބުކުރި އުމުރުން 32 އަހަރުގެ މެސީ އަދިވެސް އަންނަނީ ހުއްޓުމެއް ނެތި ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ރެކޯޑުތައް މުގުރައި އޭނާގެ ޖާދޫވީ ކުޅުން ދައްކަމުންނެވެ.

މިއަހަރުގެ ސީޒަންގެ ކުރީކޮޅު އަނިޔާގެ ސަބަބުން މެސީ ހުރީ މަސްދުވަހަކަށްވުރެ ގިނަ ދުވަހު ކުޅުމާއި ދުރުގައެވެ. އޭނާ އާއި ނުލައި ބާސާ އިން ލަލީގާގެ އިތުރުން ޔޫރަޕްގައިވެސް އުނދަގޫތަކެއް ތަހައްމަލް ކުރި ނަމަވެސް މެސީ ވަނީ އެނބުރި އައިސް އެޓީމް ކޮންމެވެސް ވަރަކަށް ހަމަ މަގަށް އަޅުވައި ލަލީގާ ތާވަލުގެ އެއްވަނަ އަށް ބާސާ އަރުވާފައެވެ. މެސީ ވަނީ އަނިޔާއިން އެނބުރި އައިސް ލީގުގައި ކުޅުނު މެޗުތަކުގައި މިހާތަނަށް އަށް ލަނޑު ޖަހައި އިތުރު ހަތަރު ލަނޑު ތަނަވަސްކޮށްދީފައެވެ.

ހަމަގައިމުވެސް ބާސާއިން މިދިޔަ ދިހަ ވަރަކަށް އަހަރު ތެރޭ ހޯދާފައިވާ ކާމިޔާބީތަކުގެ ފަހަތުގައިވާ އެންމެ މުހިއްމު އެއް ފަރާތަކީ މެސީއެވެ. ބާސާ އަށް 600 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ މެސީ އެ ކްލަބު ދޫކޮށްލާ ދުވަހަކުން ނުވަތަ ފުޓްބޯޅައިން އޭނާ ރިޓަޔާކުރާ ދުވަހަކުން ބާސާ އަށް ކުރިމަތިވާނެ ހާލަތު އަންދާޒާކުރަން އެކްލަބުގެ ސަޕޯޓަރުން ބޭނުމެއް ނުވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކުރިން ހަބަރުތައް އަޑުއަރާފައި އޮތް ގޮތުން މެސީ އޭނާގެ ކެރިއަރު ނިންމާލަން ނިންމާފައިއޮތީ އޭނާ ކުޑައިރު ކުޅުނު އާޖެންޓީނާގެ ކްލަބެއްގައެވެ. ނަމަވެސް މިދިޔަ މަހު ސްޕެއިންގެ މީޑިއާ އަކަށް ދިން ހާއްސަ އިންޓަވިއުއެއްގައި މެސީ ވަނީ އޭނާގެ މުސްތަގްބަލް އޮތީ ބާސާގައި ކަމަށް ބުނެފައެވެ. މެސީ ބުނީ އޭނާގެ އަމާޒަކީ ކެރިއަރު އެއްކޮށް ބާސާގައި ނިންމާލަން ކަމަށާއި އުއްމީދަކީ ބާސާ އިން އަބަދުވެސް އޭނާ ބަލައިގަތުން ކަމަށެވެ.

ބާސާގެ ތާރީހުގައިވެސް އެކްލަބަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެސީ އެކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި މެސީ ބޭނުން ނަމަ، މިސީޒަން ނިމުމުން އެއްވެސް ޝަރުތަކާ ނުލަައި ކްލަބު ދޫކޮށްލުމުގެ އިޚްތިޔާރު އޭނާ އަށް އޮވެއެވެ. މިކަމާއިހެދި އަދި ކްލަބަށް ޔޫރަޕްގެ ބޮޑެތި މުބާރާތްތަކުގައި ޕާފޯމްް ނުކުރެވޭތީ މެސީ މިސީޒަން ނިމުމުން ބާސާ ދޫކޮށްލާނެ ކަމުގެ އަޑުތައް އަބަދުވެސް މީޑިއާގައި ދައުރުވަމުންދެ އެވެ. މިވާހަކަތަކާއި ގުޅޭގޮތުން ބާސާގެ ރައީސް ބާޓޮމެއު މިއަދު ވާހަކަދެއްކި އިރު އޭނާ ބުނީ މެސީ ބޭނުންވާގޮތަށް ކްލަބުން އަމަލުކުރާނެ ކަމަށާއި އޭނާގެ މުސްތަގްބަލް އޮތީ ސްޕެއިންގައި ކަމާއި މެދު ޝައްކުނުކުރާ ކަމަށެވެ.

“ މެސީ ވަނީ އޭނާ ބޭނުންވާ ގޮތް ބުނެފަ. މިއީ މެސީގެ ނިންމުމެއް. އޭނާ ވަނީ މިކްލަބަށް ވަރަށް ކަންތައްތައްކޮށްދީފައި. އަދިވެސް އަންނަނީ މޮޅަށް ކުޅެ ބާސާގެ ނަން މުޅި ދުނިޔޭގައި މަޝްހޫރު ކުރަމުން. އަހަރެމެން ބޭނުންވަނީ ކުރިއަށް އޮތް ދެތިން ސީޒަނުގައިވެސް މި ޓީމުގެ ލީޑަރަކަށް މެސީ ހުންނަން. އޭނާ ހުރީ އަދިވެސް ވަރަަށް ޒުވާންކޮށް. މެސީ ހުރީ މިކްލަބާއެކު އިތުރު ކާމިޔާބީތަކެއް ހޯދުމަށް ފެންބޮވައިގެންފައި. އެހެންކަމުން އަހަރެމެން މިބަލަނީ ކުރިއަށް އޮތް ދެ އަހަރު ނޫނީ ތިން އަހަރުގެ އިތުރުން ފަސް އަހަރުވެސް މެސީ މިކްލަބުގައި ބަހައްޓަން، އެކަން ވާނެ ކަމާއިމެދު ކުޑަވެސް ޝައްކެއް ނެތް، “ ބާޓޮމެއު ބުންޏެވެ.

ބާޓޮމެއުގެ މިވާހަކަ އަކީ އެކްލަބުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ. ބާސާ އާއި ވާދަވެރި ރެއާލް މެޑްރިޑަށް 450 ލަނޑު ކާމިޔާބުކޮށްދީ އެކްލަބާއެކު ހަތަރު ޗެމްޕިއަންސް ލީގް ކާމިޔާބުކުރި ރޮނާލްޑޯ ރެއާލް ދޫކޮށްލުމުން އެ ކްލަބަށް އޭނާގެ ބަދަލު ހޯދުންވެގެންދިޔައީ ބޮޑު އުނދަގުލަކަށެވެ. ރޮނާލްޑޯ ނެތްތަން ފޫބެއްދުމަށްޓަކައި ރެއާލުން ބޮޑު އަގުގައި ބެލްޖިއަމްގެ އެޑެން ހަޒާޑްގެ ސޮއި ހޯދި ނަމަވެސް އަދިވެސް އެކްލަބަށް ރޮނާލްޑޯ ރިޕްލޭސް ކުރެވޭ ވަރެއް ނުވެއެވެ.

ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުން މެސީ ބާސާ ދޫކޮށްލުމުން އެކްލަބަށް ރެއާލަށް ކުރިވަރަށްވުރެ ބޮޑަށް އަސަރުކުރާނެ އެވެ. ސަބަބަކީ މެސީ އަކީ ލަނޑުޖެހުމުގެ އިތުރުން ބާސާގެ މެދުތެރެއިން ޓީމްގެ އެޓޭކްތައް ރޭވުމުގައި ވެސް މިދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭ އެންމެ މުހިއްމު ރޯލު އަދާކުރި ކުޅުންތެރިއާ އެވެ. މެސީ ނުކުޅޭ މެޗުތަކުގައި ބާސާ ޓީމް ވަރަށް އާދައިގެ ގޮތަކަށް ފެންނައިރު ގިނަބަޔަކު ގަބޫލުކުރާގޮތުން ނަމަ ބާސާ އަށް ފަހަކަށް އައިސް އެ ލެވެލްގައި ހިފަހައްޓާލެވެނީ މެސީގެ ސަބަބުންނެވެ.