ބާސެލޯނާގެ "ފަހުރެއް" ކަމަށްވާ އެ ޓީމުގެ ކުރީގެ ތަރި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ އެސިސް، ވަގު ޕާސްޕޯޓެއްގެ މައްސަލައިގައި ހައްޔަރު ކޮށްފިއެވެ.

ރޮނާލްޑީނީއޯ އާއި އޭނާގެ ބޭބެ ރޮބާޓޯ އެސިސް ހައްޔަރު ކުރީ ޕެރަގުއާއީންނެވެ. އެ ގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ދެމީހުން މިހާރު ތިބީ ވެރިކަން ކުރާ އެސުންސިއޮންގެ ފުލުހުންގެ މަރުކަޒުގައެވެ.

ފުލުހުން ބުނީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދުގެ ވަގުތެއްގައި ކޯޓަށް ގެންދާނެ ކަމަށެވެ. ރޮނާލްޑީނިއޯ ހައްޔަރު ކޮށްފައިވާކަން އޭނާގެ ވަކީލު ވެސް ވަނީ މީޑިއާތަަކަށް ކަށަވަރު ކޮށްދީފައެވެ.

ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ހައްޔަރު ކުރީ ޕެރެގުއާއީގައި ކެސީނޯ އެއް ހިންގާ މީހަކު އެ ދެ މީހުން އެ ގައުމަށްއަށް އައުމަށް ދައުވަތު އަރުވާފައިވާ ދަނޑިވަޅެއްގައި އެ ގައުމުގެ އެއާޕޯޓުންނެވެ. މި މައްސަލަ ބަލަމުން އަންނަ ފުލުހުންގެ އޮފިސަރު ބުނީ އޭނާ ގަބޫލު ކުރާ ގޮތުގައި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ހައްޔަރު ވެފައިވަނީ މީހަކު ލަނޑެއް ދީގެން ކަމަށެވެ.

ޒުވާން ދުވަސްވަރު ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބު ލިބިފައިވާ ރޮނާލްޑީނިއޯ ވަނީ ކެޓަަލަން ކްލަބުގައި 2003 އާއި 2008 އާއި ދެމެދު އޭނާ ހޭދަކުރި ދުވަސްތަކުގައި އެ ކްލަބަށް 207 މެޗު ކުޅެދީފައެވެ. އަދި އެ މެޗްތަކުން އޭނާ ވަނީ އެ ކްލަބަށް ޖުމްލަ 94 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މީގެ އިތުރުން އޭނާ ވަނީ ބާސެލޯނާއަށް 2005-2006 ގެ ޗެމްޕިއަންސް ލީގާއި ޖެހިޖެހިގެން ދެފަހަރު ސްޕެނިޝް ލީގު ހޯދަދީފައެވެ.